Roadha Mihaaru
ޓޫރިސްޓުންގެ ތަފާސްހިސާބު: ދެ ވަނަ ޗައިނާ އަށް

ޓޫރިސްޓުންގެ ތަފާސްހިސާބު: ދެ ވަނަ ޗައިނާ އަށް

16 އޮކްޓޯބަރ 2023

ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓާލުމަށް ފަހު، ދެ އަހަރު ފަހުން ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފެށި ޗައިނާ ލިސްޓުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓާލުމަށް ފަހު، ދެ އަހަރު ފަހުން ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފެށި ޗައިނާ ލިސްޓުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ ގައުމުން މި އަހަރުގެ މިހާތަނަށް 154،900 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިއާ އިން އައީ 162،000 ޓޫރިސްޓުންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ 23 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާ އާއި ޗައިނާ އެވެ.

ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އިން ވެސް 154،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސި ވިލާތުން އައީ 111،000 ޓޫރިސްޓުންނެވެ.

ކޮވިޑާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ޓޫރިސްޓުން އަންނަން ފެށީ މި އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ކުރިން އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ. ޗައިނާ އަކީ އޭރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން އައި އިރު، އަމާޒަށް ވާސިލުވާން ބާކީ އޮތީ ފަސް ލައްކަ އެވެ. އެކަން ހާސިލުވާނީ ކުރިއަށް އޮތް ދެ މަހު ދެ ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްގެންނެވެ. މި މަހު ރާއްޖެ އައި ޓޫރިސްޓުން ވަނީ ކުރީ އަހަރަށް ވުރެ އެއް ޕަސެންޓު ދަށްވެފަ އެވެ. އެހެންވެ، ސަރުކާރުގެ އަމާޒަށް ވާސިލް ނުވުމުގެ ފުރުސަތު މިހާރު އެބައޮތެވެ.