Roadha Mihaaru
ޓޫރިސްޓު އެރައިވަލްގެ ތިން ވަނައަށް ޗައިނާ އަރައިފި

އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތިން ވަނައަށް ޗައިނާ

31 ޖުލައި 2023

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން އައުން ހުއްޓާލުމަށް ފަހު ތިން އަހަރު ފަހުން އަލުން އަންނަން ފެށި ޗައިނާ ރާއްޖޭގެ އެރައިވަލް ލިސްޓުގެ ތިން ވަނަ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން އައުން ހުއްޓާލުމަށް ފަހު ތިން އަހަރު ފަހުން އަލުން އަންނަން ފެށި ޗައިނާ ރާއްޖޭގެ އެރައިވަލް ލިސްޓުގެ ތިން ވަނަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 91،000 އަށް އަރައިފަ އެވެ. މީގެ ކުރިން ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވަނީ 89،000 ޓޫރިސްޓުންނެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ ފަހު ކޮޅު އެވެ.

އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.

މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޗައިނާ މާކެޓާ އެކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު 10 ޕަސެންޓު އިތުރުވާނެ ކަމަށެވެ. ސަރުކާރުން ބަޖެޓުގައި 1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، އެ ޓާގެޓަށް ވުރެ އިތުރު އެއް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރުވާ އިރު މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 126،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އޮތް އިންޑިއާއިން ރާއްޖެއަށް 122،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ އެއް މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.