Roadha Mihaaru
ޖުމްލަ ޓޫރިސްޓުން އިތުރު، ޗައިނާ މާކެޓް ދަށަށް ދަނީ!

ޓޫރިސްޓުންގެ އަދަދު 1.9 ޕަސެންޓް އިތުރުވިއިރު ޗައިނާ މާކެޓް 11 ޕަސެންޓް ދަށްވެއްޖެ

14 އޮކްޓޯބަރ 2016

މިދިޔަ އޯގަސްޓް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.9 ޕަސެންޓްގެ ކުރިއެރުމެއް ހޯދިއިރު، ރާއްޖޭގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އޯގަސްޓް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.9 ޕަސެންޓްގެ ކުރިއެރުމެއް ހޯދިއިރު، ރާއްޖޭގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މިދިޔަ އޯގަސްޓް މަހު ރާއްޖެ އައިސްފައި ވަނީ ޖުމްލަ 112،282 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 110،144 ޓޫރިސްޓުންނެވެ.

ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސްފަހުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި އޯގަސްޓްމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ މަހު ވެސް ޗައިނާއިން 36،217 މީހުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 32 ޕަސެންޓެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޗައިނާއިން 40،850 މީހުން ޒިޔާރަތްކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާ ފިޔަވައި ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އޮގަސްޓު މަހު އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 8،852 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގަމުން 6،869 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދިހަ ޕަސެންޓް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އެ ސަރަހައްދުން އެކަނި 57،679 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 51.4 ޕަސެންޓެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 842،635 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.3 ޕަސެންޓްގެ ކުރިއެރުމެކެވެ.