Roadha Mihaaru

ކޮރޯނާވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާތީ، ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

26 ފެބުރުއަރީ 2020

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާތީ، ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ، ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އޭނާ ވިދާޅުވީ، ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ދެން ދޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ އީރާނުގެ މަގުން ނުވަތަ އެ ގައުމުން ރާއްޖެ އައުން ވެސް މިއަދުން ފެށިގެން މަނާކޮށްފައި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޗައިނާ ފިޔަވައި ދެން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ސައުތު ކޮރެއާގެ ދެ ސަރަަހައްދަކުން ވެސް ރާއްޖެ އަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަމީން ވިދާޅުވީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން، ރާއްޖެ އިން މިހާތަނަށް އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ދެ ޑޮކްޓަރަކާ އެކު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ދެ ޑޮކްޓަރަކާ އެކު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ތަފާސްހިސާބުތަކުގެ އަލީގައި އަމީން ވިދާޅުވީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖެ އިން އަޅަން ފެށި ފަހުން އިއްޔެގެ ނިޔަލަށް 147،000 މީހުން ރާއްޖޭގެ އެއާޕޯޓުތަކުން އެތެރެވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ މީހުން ވެސް ތާމަލް ކެމެރާ އިން ސްކްރީން ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ސުވާލުކުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި 538 މީހަކާ އެވެ.

"ހުމުގެ އަލާމާތް ނެތް ކަމުގައި ވިޔަސް އަދި އަޅުގަނޑުމެން އެކި ގޮތްގޮތުން ފާހަގަކުރެވޭ 538 ފަރާތަކާ ސުވާލު ކުރިން. ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވައިލެވުނު 37 ފަރާތެއް. ކަރަންޓީން މިހާތަނަށް ކުރެވުނީ 16 ފަރާތެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުމުގެ ހާލަތު ދުނިޔޭގައި ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ ކަމަށާއި އެ ބަދަލުތަކާ އެކު އަޅާ ފިޔަވަޅުތައް ވެސް ތަފާތުވާނެ ކަމަށެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިޓަލީގައި ކޮރޯނާވައިރަސް ފެތުރެމުން ދާތީ، އެ ގައުމާ މެދު ހާއްްސަ ގޮތަކަށް އަމަލުކުރާނެތޯ "މިހާރު"ން ސުވާލު ކުރުމުން އަމީން ވިދާޅުވީ އިޓަލީގެ ހާލަތު ވެސް ބަލަމުން އަންނަ ކަމަށެވެ.

ތަފާސްހިސާބުތަކުގެ އަލީގައި އަމީން ވިދާޅުވީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖެ އިން އަޅަން ފެށި ފަހުން އިއްޔެގެ ނިޔަލަށް 147،000 މީހުން ރާއްޖޭގެ އެއާޕޯޓުތަކުން އެތެރެވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ މީހުން ވެސް ތާމަލް ކެމެރާ އިން ސްކްރީން ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ސުވާލުކުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި 538 މީހަކާ އެވެ.

"އަޅުގަނޑުމެން އިޓަލީ ވެސް މޮނިޓާ ކުރަމުން މި ގެންދަނީ. އިޓަލީގެ ސަރުކާރުގެ އެތެރެއިން އަޅާފައި ހުރި ފިޔަވަޅުތައް ވެސް އަޅުގަނޑުމެން މޮނީޓާ ކުރަން. އިޓަލީގެ ކަންކަން ވެސް އަދި މުޅި ޔޫރަޕް ތެރޭގައި އަޅުގަނޑުމެން މޮނިޓާ ކުރަމުން މި ގެންދަނީ. އެހެންވީމާ އެ އަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅުތައް މި އެޅީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، އިޓަލީ ނުވަތަ ޔޫރަޕްގެ އެހެން ގައުމަކާ ގުޅޭ ގޮތުން ވެސް ރާއްޖެ އިން ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އަޅާނެ އެވެ. އެގޮތުން، ހާލަތު ގޯސްވާ ގައުމުތަކާ މެދު ކޮންމެ ދުވަހަކު ވެސް ކަމާ ބެހޭ އިދާރާތަކުން މަޝްވަރާ ކުރާ ކަމަށާއި ފިޔަވަޅުތައް މުރާޖައާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އީރާނާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރިއިރު، އެ ސަރަހައްދު ތަކުން މިހާތަނަށް ރާއްޖެ އަށް މީހުން އައިސްފައި ވޭތޯ އާއި އައި ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް އަމީން ސާފު ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ކޮންމެ ގަައުމަކުން ވެސް ރާއްޖެ އަށް މީހުން އެތެރެވާ ނަމަ އެމީހުން ސްކްރީން ކުރާ ކަމަށެވެ.

"ކޮންމެ ގައުމަކުން މީހަކު އައި ކަމުގައި ވިޔަސް، އެ މީހާގެ ބަލީގެ އަލާމާތްތައް ހުރިތޯ، ތާމަލް ކެމެރާ އިން، އޭނާގެ ހުމުގެ އަސަރު ހުރިތޯ، ޑޮކްޓަރުން އެ ވިދާޅުވާ އެއްވެސް އަލާމާތްތަކެއް ހުރިތޯ އަޅުގަނޑުމެން ބަލާނަން. އަދި އޭނާގެ ޓްރެވެލް ހިސްޓްރީ، އޭނާ މިދިޔަ 14 ދުވަސް ތެރޭގައި ދަތުރުކޮށްފައި ހުރި ގައުމުތަކަކީ ކޮބައިތޯ، ރާއްްޖެ އިން އޭނާ ދިިރިއުޅޭ ތަނުގެ މައުލޫމާތަކީ ކޮބައިތޯ، އެ މައުލޫމާތު އަޅުގަނޑުމެން އެއްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.