30 ޖެނުއަރީ 2020
ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުން، ޗައިނާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.
ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުން، ޗައިނާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާނު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތަށް ހުއްޓާލަން ނިންމުމުގެ އިތުރުން ވައިރަސް ފެތުރޭ ގައުމުތަކަށް ދިވެހިން ދަތުރުކޮށް އުޅުމާ ބެހޭ އެޑްވައިޒަރީއެއް ނެރުމަށާއި މިއަދު މަޣްރިބް ނަމާދުން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން ފަށަން ނިންމިކަން ވެސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ކަންތައްތައް ނިންމެވީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށާއި ވައިރަހުގެ އަސަރު ހުރި ކަމަށް ޝައްކުވާ އެއްވެސް މީހަކު އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. ޓޫރިސްޓުން ވެސް ވައިރަހަށް ސްކްރީންކުރަމުން އަންނަ ކަމަށާއި ރިސޯޓްތަކުން ވެސް އަންނަނީ ދީފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޗައިނާގައި ހުންނަ ރާއްޖޭ އެމްބަސީގައި ރަޖިސްޓްރީވެފައި ވަނީ 69 މީހަކު ކަމަށާއި އޭގެ ތެރެއިން، ވައިރަސް އެންމެ ބޮޑަށް ފެތުރޭ ވޫހާންގައި ނުވަ މީހަކު އެބަތިބި ކަމަށެވެ. ވޫހާންގައި ތިބި ނުވަ މީހުންގެ ތެރެއިން ރާއްޖެ އަށް އަންނަން ބޭނުންވަނީ ހަތް މީހަކު ކަމަށާއި އެ މީހުން ގެންނަން މަސައްކަތްކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވޫހާން އިން ދިވެހިން ގެންނާނީ އެހެން ގައުމުތަކުގެ މީހުން ނެރޭއިރު ކަމަށާއި އެ ދިވެހިން ރާއްޖެ އަށް ގެންނާނީ އެ ގެންދާ ގައުމެއްގައި ފުރިހަމަކުރަންޖެހޭ ކަރަންޓީނު ނިންމުމަށް ފަހުގައި ކަމަށެވެ.
ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ބައްޔަށް ޝައްކުވާ މީހެއް ކަމަށް ބަލަނީ ބައިނަލްއަގުވާމީ ގޮތުން ބަލާ މިންގަނޑުން ކަމަށާއި ކޮރޯނާވައިރަހުގެ އަލާމާތްތަކަކީ އާންމު ރޯގާގެ ވެސް އަލާމާތްތަކަށް ވާތީ، ހުމެއް ރޯގާއެއް ޖެހިފައި ހުންނަ ކޮންމެ މީހަކީ ކޮރޯނާވައިރަސް ޖެހިފައި ހުރި ކަމަށް ޝައްކުރެވޭ މީހެއް ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮރޯނާވައިރަހުގެ މި ރޯގާ ޗައިނާގެ އިތުރުން 22 ގައުމަކުން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާ ވެސް ހިމެނެ އެވެ. މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުންގެ ގައިން މި ވައިރަސް ފެނިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 170 އަށް ވުރެ އިތުރުވެފަ އެވެ.
މި ވައިރަހުގެ އާންމު އަލާމާތްތަކަކީ އާންމު ފުލޫތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އެކަމަކު މި ވައިރަހުން ފުއްޕާމޭ ހަލާކުވެ ނިއުމޯނިއާ ޖެހުމަށް މެދުވެރިވެ އެވެ. އަދި ކިޑްނީ އަށް ވެސް ގެއްލުންދެ އެވެ. ވައިރަހާ ދެކޮޅަށް މިހާތަނަށް ވެކްސިނެއް އަދި ބޭހެއް ވެސް ނުހޯދެ އެވެ. އެކަމަކު ސައިންސްވެރިން ވަނީ ވެކްސިން އުފެއްދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި އެ މަސައްކަތް ކުރެވެން ހުރި އެންމެ އަވަހަކަށް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
މި ވައިރަހުން ސަލާމަތްވެ ތިބުމަށް، އާންމުން ގިނައިން ގޮސް އުޅޭ ތަންތަނަށް ނުދިއުމާއި ގިނަގިނައިން އަތް ދޮވުމާއި އަނގަޔާއި ނޭފަތް ނިވާކޮށްގެން އުޅުމާއި އާންމު ސާފުތާހިރުކަން ބޮޑުކުރުން މުހިންމެވެ.
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު
ބުކިންކެންސަލްކުރި މީހުންނަށް ފަހުން އާދެވޭނެ
ވައިރަސް ފެތުރުނަސް ރާއްޖެއަށް 24،000 އާ ބުކިން
ދޮގު ވާހަކަ ފަތުރައިގެން ލިބޭނީ ބޮޑު ގެއްލުމެއް
ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ
ވައިރަހަށް ޝައްކުކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ