Roadha Mihaaru
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު

ވައިރަހުން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެއްޖެ: ސަރުކާރު

29 ޖެނުއަރީ 2020

ހަލުވި ސްޕީޑުގައި ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއްޖޭގައި ވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަލުވި ސްޕީޑުގައި ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއްޖޭގައި ވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ވައިރަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަ އާއި އިރުޝާދާ އެކު، ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަށް ސްކްރީން ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކެމެރާ ހަރުކޮށްފައިވާއިރު މިހާތަނަށް ވުހާންގައި ފެތުރޭ ވައިިރަހަށް ޝައްކު ކުރެވޭ މީހަކު ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއާޕޯޓުތަކަށް އިތުރަށް ބޭނުންވާ ކެމެރާތައް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭނެ އެވެ. އޭގެ ތެރޭގައި ހަރުކޮށްގެންނާއި އަތުން ހިފައިގެން މީހުން ސްކްރީން ކުރާ ކެމެރާ ހިމެނެ އެވެ.

ސިއްހީ ހިދުމަތް ދޭ މީހުންނާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅައި ކޮރޯނާވައިރަސްއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން އެ މުވައްޒަފުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްޓީއޯ އާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން މާސްކް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މިރޭ ވަނީ ކޮރޯނާވައިރަހާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.

"މީހަކަށް ޝައްކު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނާ އަށް ފަރުވާ ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި އެމްބިއުލާންސްގެ ހިދުމަތަށް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފައި މިހާރު ހުރީ. އެހެންވީމާ އަޅުގަނޑުމެންނަށް ކަށަވަރުކަމާ އެކު ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި އެކަމަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަމުގައި އަމަލުކުރާނެ ގައިޑްލައިނެއް ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ތަންތަނުން ވެސް ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިގެން މިހާތަނަށް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ކަރަންޓީން ކޮށްގެން ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕްރީ ސްކޫލުގައި ވަނީ އިންތިޒާމް ހަމަޖައްސައިފަ އެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވެއްޖެ ނަމަ މާލެ ކައިރީގައި އޮންނަ ފުނަދޫގައި މީހުން ކަރަންޓީން ކުރަން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމްކުރީ ބަލި ފެތުރޭ ގޮތްތަކާއި ހާލަތްތައް ބަލައިފަ އެވެ. އާބާދީގެ ބޮޑުބައި އުޅެނީ މާލެ ސަރަހައްދުގައި ކަމަށް ވާއިރު، އެ ސަރަހައްދުގެ ކޮންމެ ތަނެއްގައި ވެސް އެފަދަ ތަނެއް ގާއިމްކޮށްފި ނަމަ އެ ފެސިލިޓީއެއް ހުންނާނީ އާއްމުން ދިރިއުޅޭ ތަނާ ދުރަކު ނޫން ކަމަށް ވިދާޅުވި އެވެ.

ބަލި ފެތުރޭ ގޮތަށް ބަލާއިރު މިއީ މީސްލްސް ފެތުރޭ ގޮތަށް ފެތުރޭ ވައިރަހެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މީހަކަށް ޝައްކު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނާ އަށް ފަރުވާ ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި އެމްބިއުލާންސްގެ ހިދުމަތަށް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފައި މިހާރު ހުރީ. އެހެންވީމާ އަޅުގަނޑުމެންނަށް ކަށަވަރުކަމާ އެކު ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި އެކަމަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި ކަމަށް،" އަމީން

އަމީން ވިދާޅުވި ގޮތުގައި، ކަރަންޓީން ކުރުމަށް އެހެން ތަންތަން ވެސް ދެނަގަތުމަށް ޑަބްލިއުއެޗްއޯގެ އެހީގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ސަރުކާރުން މިކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ. ދެން ޑަބްލިއުއެޗްއޯ، ހާލަތު ބަދަލުވާ މިންވަރަކުން ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓްރެވެލް އެޑްވައިޒަރީ ނެރެންޖެހޭ ހާލަތެއްގައި އެ ނެރޭނެ ކަމަށެވެ. އެކަމަކު އެ ހާލަތަކަށް އަދި ނުދާ ކަމަށާއި ސަރުކާރުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ވައިރަހުގެ ސަބަބުން ސްރީ ލަންކާ އިން ވެސް ވަނީ ޗައިނާ ޓޫރިސްޓުންނަށް ވިސާ ދިނުން ހަރުކަށިކޮށްފަ އެވެ. އެއާ އެކު ރާއްޖެ އިން ވެސް ޓޫރިސްޓުންނަށް ވިސާ ދިނުން މަޑުޖައްސާލުމަށް އާއްމުން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

"މިކަމުގައި އާންމު ރައްޔިތުންނާ އެކު ސަރުކާރު ވެސް މި އޮތީ އެއްގޮތަކަށް. އެކަމުގައި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެކު ސަރުކާރުން މިވެނި ޑިޒިޝަނެއް ނަގަން ޖެހިއްޖެ ސިޗުއޭޝަންގައި މީގައި ޑިވައިޑެއް ނޯންނާނެ،" މިނިސްޓަރު އަލީ ވަހީދު

ލަންކާއެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އެންމެ ގިނައިން ދަތުރުކުރަނީ ޗައިނާގެ ޓޫރިސްޓުންނެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތައް ވެސް އަމާޒުކޮށްފައި ވަނީ ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން މަޑުޖައްސައިލުމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހުރި ގޮތުގެ މައްޗަށެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން މަޑުޖައްސާލުމުގެ ހާލަތެއް އަދި ނާންނަ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ޖެހިއްޖަނަމަ އެ ނިންމުމެއް ވެސް ނިންމަވާނެ ކަމަށެވެ.

"މިކަމުގައި އާންމު ރައްޔިތުންނާ އެކު ސަރުކާރު ވެސް މި އޮތީ އެއްގޮތަކަށް. އެކަމުގައި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެކު ސަރުކާރުން މިވެނި ޑިޒިޝަނެއް ނަގަން ޖެހިއްޖެ ސިޗުއޭޝަންގައި މީގައި ޑިވައިޑެއް ނޯންނާނެ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ބޭނުންވެއްޖެ ނަމަ މިރޭ ވެސް މުޅި އެއާޕޯޓު ބަންދުުކުރެވިދާނެ ކަމަށާއި ނަމަވެސް މިރޭގެ ޕޮޒިޝަނަކީ އެއީ ނޫން ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ބައްދަލުކުރައްވާނެ ކަމަށެވެ. ހާލަތު ބަދަލުވަމުންދާއިރު ނަގަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނީ ހުރިހާ ފަރާތްތަކާ ގުޅި މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 4،500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. ޗައިނާ އިން މިހާރު ވަނީ އެ ވައިރަސް ފެތުރޭ ސަރަހައްދުތައް ކަރަންޓީން ކޮށްފަ އެވެ. އެހެންވެ އެ ސަރަހައްދުތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.