Roadha Mihaaru
އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލުކޮށްފި

ދެކުނު އޭޝިއާގެ ޓޫރިސްޓުންތަކަކަށް ހިދުމަތް ދިން އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލު

18 ޖުލައި 2021

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލުކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑައިލުމަށް ފަހު، އަލުން އެ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުންނަށް މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ހުޅުވައިލި ނަމަވެސް، އެޗްޕީއޭ އިން އަންގާފައިވާ ގޮތުން މި މަހުގެ ނިޔަލަށް އެ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ އެވެ. އެ މީހުންނަށް މި ވަގުތު ދެވޭނީ ހަމައެކަނި ރިސޯޓުތަކަށެވެ.

އެ ގަވައިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންތަކަކަށް ހިދުމަތް ދިން މައްސަލައެއްގައި މާލޭ ސަރަހައްދުގައި ހިންގާ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށް މިރޭ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، އެ ގެސްޓް ހައުސްގެ ނަމެއް ނުބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓު --

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދީގެން ހުޅުމާލޭގައި ހިންގާ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ އިއްޔެ ވެސް ބާތިލު ކުރި އެވެ. އޭގެ އިތުރު ތިން ގެސްޓް ހައުސްއަކަށް އިންޒާރު ވެސް ދިނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވުމުން ދީފައިވާ ބޮޑެތި ލުއިތަކާއެކު، މި ވަގުތު އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެހެންވެ، އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނާ ހިލާފުވާ ކޮންމެ ގެސްޓް ހައުސްއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހުއްދަ ބާތިލުކުރި ގެސްޓް ހައުސްތަކުގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ދެ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.

އަންނަ މަހުން ފެށިގެން ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވެސް ގެސްޓް ހައުސްތަކަށް ދެވޭ ގޮތް ހަދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭގެ ކުރިން، ގެސްޓް ހައުސް ހުރި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު އަދި ގެސްޓް ހައުސްތަކުގެ 95 ޕަސެންޓު މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.