Roadha Mihaaru
ގަވާއިދާ ހިލާފުވާ ރިސޯޓުތައް ބަންދުކުރާނަން: ޓޫރިޒަމް

އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ރިސޯޓު/ގެސްޓު ހައުސްތަކުގެ ހުއްދަ ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފި

04 ނޮވެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން މިއަދު ދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން މިއަދު ދީފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ވަކި އުސޫލަކަށް އަމަލުކުރާ ގޮތަށް ރިސޯޓުތައް ހުޅުވީ މިދިޔަ ޖުލައި މަހު އެވެ. ލޯކަލް ޓޫރިޒަމަށް ގެސްޓު ހައުސްތައް ހުޅުވީ މިދިޔަ މަހު އެވެ. މިޗތަންތަން ހުޅުވާފައި ވަނީ އުސޫލާ އެއްގޮތަށް ކަންކަން އިންތިޒާމު ކޮށްފައިވޭތޯ ބެލުމަށް ފަހު، ގަވާއިދަށް ހުރި ރިސޯޓުތައް ވަކި ހުއްދައެއްގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ވަކި ހާއްސަ އުސޫލަކަށް އަމަލުކުރަން އަންގައި ހުޅުވަން ހުއްދަ ދިނުމުން ގިނަ ތަންތަނުން އަމަލުކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ބައެއް ތަންތަނުން އުސޫލާ ހިލާފުވާކަން ފާހަގަވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އެޗްޕީއޭ އިން ގަވައިދުތައް ހަދާފައި ވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ވެސް ރައްކާތެރިކަމަށްޓަކަ އެވެ. އެހެންވެ، އޭގެ މުހިންމުކަން އެ މިނިސްޓްރީގެ ސާކިއުލާގައި ހަނދާން ކޮށްދިނެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ދެން ފާހަގަ ކުރެވޭ ނަމަ މި ހާލަތުގައި އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދިނެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ދ. ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ރިސޯޓުގެ މުވައްޒަފަކަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިރު އެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ބެލި ބެލުމުން މިހާތަނަށް އެ ރިސޯޓުން 46 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެ ކޭސްގައި ރިސޯޓު މެނޭޖްމަންޓުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ބަލާކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.