Roadha Mihaaru
ޓޫރިސްޓް ފެސިލިޓީތައް ގައިޑްލައިނަށް އަމަލުކުރޭތޯ ބަލަނީ

ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިނަށް އަމަލު ކުރޭތޯ ބަލަނީ

08 ނޮވެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބަލަން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބަލަން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ފޮނުވާ "މިސްޓްރީ ގެސްޓުން" ޓޫރިސްޓު ފެސިލިޓީތަކުގައި ބުކިން ހައްދާނީ މިނިސްޓްރީ މެދުވެރިނުކޮށް އަމިއްލަ އަށެވެ. މިގޮތަށް އަންނަ ޓޫރިސްޓުން އެ ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ޕްރޮސީޖާ އާއި ގައިޑްލައިންތަކަށް އަމަލު ކުރާ މިންވަރު މިނިސްޓްރީ އަށް ރިޕޯޓު ކުރާނެ އެވެ.

މިސްޓްރީ ގެސްޓުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ގައިޑްލައިންތަކާ އެއްގޮތަށް ޓޫރިސްޓް ފެސިލިޓީތަކުން މަސައްކަތް ކުރޭތޯ ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިއީ ރައްޔިތުންނާއިި ޓޫރިސްޓް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެ ތަންތަނަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެކެވެ.

ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ޓޫރިޒަަމް މިނިސްޓްރީން ޕްރޮގްރާމްތައް ފަށާފައި މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމުގެ ސަބަބުން މަރުވެފައި ވަނިކޮށެވެ. އޭނާގެ މަރުގައި ރިސޯޓުގެ އިހުމާލު އެބަ އޮތް ކަމަށް އާއިލާ އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ރިސޯޓުން އެކަން ދޮގުކުރެ އެވެ.

މީގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކުގައި ކޮވިޑް-19 ފެތުރިފައިވާވަރު ބެލުމަށް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.