Roadha Mihaaru
އެޗްޕީއޭގެ އުސޫލަށް ގެސްޓްހައުސްތަކުން ތަބާވާން އެދިއްޖެ

އެޗްޕީއޭގެ އުސޫލުތަކަށް ގެސްޓް ހައުސްތަކުން ތަބާވާން އެދިއްޖެ

18 ޖުލައި 2021

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބާތިލު ކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އެކުލަވައިލާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު އެދިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބާތިލު ކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އެކުލަވައިލާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު އެދިއްޖެ އެވެ.

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް މި މަހުގެ ނިޔަލަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ ކަމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ގޮސް އެ ތިން ގެސްޓް ހައުސް ޗެކްކުރިއިރު، ދެކުނު އޭޝިއާގެ ޓޫރިސްޓުން އެ ތަންތަނުގައި ތިބި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ. އެެހެންވެ، އެ ތިން ތަނުގެ ނަން މިހާރު ވަނީ އިމިގްރޭޝަނުގެ ލިސްޓުން ވެސް ނަގާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މި މައްސަލަ ބޮޑުވެފައި ވަނިކޮށް، ގެސްޓް ހައުސްތަކުގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ވަނީ އެ ތިން ގެސްޓް ހައުސްގެ މެނޭޖުމަންޓުން ހިންގި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީން އެޅި ފިޔަވަޅަށް ޖަމިއްޔާ އިން މަރުހަބާ ކިޔެވެ.

ހުއްދަ ބާތިލުކުރި ތިން ގެސްޓް ހައުސްގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.

ހުޅުމާލޭގެ ތިން ގެސްޓް ހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު، އިތުރު ތިން ގެސްޓް ހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. އެއީ މާލޭގެ ދެ ތަނަކާއި ހުޅުމާލޭގެ ތަނެކެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާ އިން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީން ވާން ހަމަޖައްސާފައިވާ ގެސްޓު ހައުސްއެއް ވެސް ހިމެނެ އެވެ.