Roadha Mihaaru
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް

ގެސްޓް ހައުސް ފައިދާ މެކުހަށް، ނެތީ ރަށްރަށުގެ ވަރުގަދަ މާކެޓިން ސްޓްރެޓެޖީއެއް

15 އޮކްޓޯބަރ 2024

ކ. މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ހުޅުވުމުގެ ޝަރަފު ކުރީގެ ގަވަރުނަރު އަހުމަދު ނަސީރަށް ލިބިވަޑައިގަތަސް އޭނާ އަށް އޭރު އޮތީ އެ ރަށުގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ފުރައްސާރަ އެވެ. އޭނާގެ މައިގަނޑު ބޭނުމަކީ މާފުއްޓަށް ބޮޑު ފައިދާއެއް ހޯދައިނުން ކަމަށް ވިޔަސް ރައްޔިތުންގެ ވިސްނުން އެ ދުވަސްވަރު ވަރަށް ގޯހެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކ. މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ހުޅުވުމުގެ ޝަރަފު ކުރީގެ ގަވަރުނަރު އަހުމަދު ނަސީރަށް ލިބިވަޑައިގަތަސް އޭނާ އަށް އޭރު އޮތީ އެ ރަށުގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ފުރައްސާރަ އެވެ. އޭނާގެ މައިގަނޑު ބޭނުމަކީ މާފުއްޓަށް ބޮޑު ފައިދާއެއް ހޯދައިނުން ކަމަށް ވިޔަސް ރައްޔިތުންގެ ވިސްނުން އެ ދުވަސްވަރު ވަރަށް ގޯހެވެ.

އެންމެ ބޮޑު އެއް ސަބަބަކީ، ޓޫރިސްޓުންތަކެއް ރަށުތެރޭގައި އާންމުކޮށް ދިވެހިން ނާޅާ ހެދުން ތަކުގައި އުޅެން ފެށުމެވެ. އެއީ އޭރުގެ ރަށްފުށުގެ ދިރިއުޅުމާ މުޅިން ނުގުޅޭ ކަމެކެވެ. އޭރު ކޮމިއުނިޓީ ގެސްޓް ހައުސް ޓޫރިޒަމަށް ތައްޔާރެއް ނޫނެވެ. އެކަމަކު އޭގެ 14 އަހަރު ފަހުން އެ މަންޒަރު ބަދަލުވެއްޖެ އެވެ. މިހާރު މާފުއްޓަކީ ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ އެންމެ ކާމިޔާބު "ޕްރޮޑަކްޓް" އެވެ.

ޓޫރިޒަމް ދާއިރާގައި އެންމެ ބާރަށް ކުރިއަރާ ދާއިރާ އަކީ ގެސްޓް ހައުސް ވިޔަފާރި އެވެ. މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ޓޫރިޒަމްގެ ބެޑް ކެޕޭސިޓީ ވަނީ ގާތްގަނޑަކަށް 50 ޕަސެންޓަށް އިތުުރުވެފަ އެވެ. މި ވަގުތު ރާއްޖޭގައި 887 ގެސްޓް ހައުސްއެއްގައި 15،000 އެއްހާ އެނދު އެބަހުއްޓެވެ. އެއީ 2018 ވަނަ އަހަރާ އަޅާ ބަލާ އިރު ގާތްގަނޑަކަށް 57 ޕަސެންޓުގެ އިތުރުވުމެކެވެ. ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ވަނީ 10 ޕަސެންޓަށް ކުރިއަށް ޖެހިފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްނަގައިގެން ބޭއްވި ގެސްޓް ހައުސް ސިމްޕޯސިއަމްގެ ޕެނަލް ޑިސްކަޝަންގައި މާފުށީގެ ގެސްޓް ހައުސް ވިޔަފާރީގެ ބާނީ ނަސީރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މާފުއްޓަކީ ޓޫރިޒަމްގެ "ސަކްސަސް ސްޓޯރީ" އެއް ކަމަށް ވިޔަސް އެ ރަށުން ވެސް ޓޫރިޒަމް ކުރިއެރުވުމުގައި ކުރަން ނުވާ ކަންކަން ވެސް ދަސްވި ކަމަށެވެ. އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ލެވެލްގައި ޕްލޭންތައް ހެދި، ރެގިއުލޭޓް ކުރަން ޖެހޭ ކަަމަށެވެ.

"ރަށްރަށުގައި ޓޫރިސްޓުންނެކޭ އެއްގޮތަށް އެ ރަށެއްގެ ރައްޔިތުންނަށް ވެސް ފަސޭހައިން ދިރިއުޅެވޭނެ ގޮތްތަކެއް ފަހިވާން ޖެހޭ. ޓޫރިޒަމް ފުޅާވިޔަސް ކުޑަކުދިން ބޮޑުކުރަން ރަނގަޅު މާހައުލެއްގެ ގޮތުގައި ރަށް އޮންނަން ޖެހޭނެ،" މާފުށީގެ ތަޖުރިބާ އިން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ނަސީރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ރަށްރަށުން އެ ރަށެއްގެ ޓޫރިޒަމް ފުޅާ ކުރުމަށް ޕްލޭންތައް ހެދުން ވަރަށް މުހިއްމު ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަސީރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ރަށްރަށުން އެ ރަށެއްގެ ޓޫރިޒަމް ފުޅާ ކުރުމަށް ޕްލޭންތައް ހެދުން ވަރަށް މުހިއްމު ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަސީރު ވިދާޅުވިގޮތުގައި، ގެސްޓް ހައުސް ވިޔަފާރީގެ ރަނގަޅު ކަންކަމާއި ގޯސް ކަންކަން މާފުށީގައި ތަޖުރިބާ އެނގިވަޑައިގެންނެވިއިރު، އެކަންކަން ފިލާވަޅެއްގެ ގޮތުގައި އެހެން ރަށްރަށަށް ނެގުން ވަރަށް މުހިއްމެވެ.

ވަކި ވަކި ރަށްރަށަށް ޕްރޮމޯޓުކޮށް ބްރޭންޑު ކުރަންވީ

ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެންމެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ރީތި މޫދާއި ހުދު ދޮންވެލިގަނޑެވެ. އެ ކަންކަން ކޮންމެ ރަށަކަށް ގޮސްގެން ވެސް ތަޖުރިބާ ކުރެވޭނެ އެވެ. ގެސްޓް ހައުސްތައް ހިންގާ ކޮންމެ ރަށެއްގައި އެ ރަށަކަށް ހާއްސަ ކަންތައްތަކެއް ހުރެ އެވެ. ޔުނިކް ކަންތައްތަކެއް އެބަހުއްޓެވެ. އެކަމަކު، މައްސަލަކީ އެންމެން ވެސް އެއްބަސްވާ ގޮތުގައި އެ ކަންކަން މާކެޓް ކުރުމުގެ ގާބިލްކަން ނެތުމެވެ. ނުވަތަ އެ ކަމަށް މަސަކްތަތައް ނުކުރެވުމެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅަށް ޕްލޭން ނުކުރެވުން ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް ހުންނަ ތަކެތި ނުވަތަ ޑިޒައިން ކުރާ ގޮތް ވެސް ވަކި އުސޫލެއްގެ ތެރެއިން ރޭވުން ވަރަށް މުހިއްމު ކަމަށެވެ. ކޮންމެ ރަށަކަށް ވެސް ހާއްސަ ކަންކަން ޕްރޮމޯޓު ކުރެވޭނެ ކަން މައުސޫމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެކަން ކުރުމަށް ކައުންސިލްތަކާއި ގެސްޓް ހައުސްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އޭރަށް ރަށް ޕްރޮމޯޓު ކުރުމަށް ފަސޭހަވާނެ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމްގައި މައުސޫމް ވާހަކަ ދައްކަވަނީ.

ގެސްޓް ހައުސް ސިމްޕޯސިއަމްގައި މައުސޫމް ވާހަކަ ދައްކަވަނީ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ، ގެސްޓް ހައުސްތަކުން އެ ގެސްޓް ހައުސްއެއް ވަކިން ޕްރޮމޯޓު ކުރުމުގެ ބަދަލުގައި ގުޅިގެން އެ ރަށެއް ޕްރޮމޯޓު ކުރުން މާ ކާބިޔާބު ކަމަށެވެ. އޭގެ މިސާލަކީ، އޭނާ ވިދާޅުވިގޮތުގައި މާފުއްޓާއި ތޮއްޑޫ ފަދަ ރަށްތަކެވެ

"އާންމު ގޮތެއްގައި ގެސްޓް ހައުސް ހިންގާ ގިނަ މީހުން ނިސްބަތްވަނީ އެ މީހަކު އުޅޭ ރަށަކަށް. އެހެންވެ، އެ ރަށްރަށުގެ ތަރައްގީ އަށް ވެސް އެ ފަރާތްތަކުން ވަރަށް އެހީތެރިވޭ. ހަމައެކަނި މައްސަލައަކީ އެ މީހުންނަށް އެކަށީގެންވާ ވިޔަފާރި ނުލިބުން. އިތުރަށް ވިޔަފާރި ފުޅާވާ ނަމަ މިހާރަށް ވުރެ ވެސް ބޮޑަށް އެ ވިޔަފާރިތަކުން އެ ކޮމިއުނިޓީތައް ތަރައްގީ ކުރުމަށް އެހީވާނެ،" އޭނާ ވިދާޅުވި އެވެ.

ސަނީ ވިދާޅުވީ، ކޮންމެ ރަށެއްގެ ހާއްސަ ކަންކަން މާކެޓު ކުރުމަށް ހަމައެކަނި ގުދުރަތީ ރީތިކަން އެކަނި މުހިއްމު ނޫން ކަމަށެވެ. އެ ރަށެއްގެ ހާއްސަ ސިފަތައް އަމިއްލަ އަށް އުފެއްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިވަގުތު އެންމެ މުހިއްމީ "ކޮންޓެންޓް މާކެޓިން" ކަމަށާއި ވީހާ ވެސް ގިނަ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރަންވީ ކަމަށެވެ.

ދަތުރުފަތުރު ފަސޭހަ ނުކޮށް ޓޫރިޒަމް ފުޅާ ނުވާނެ

ރާއްޖޭގައި ގެސްޓް ހައުސް ބެޑްތައް އިތުުރުވަމުން އަންނަ އިރު އަދިވެސް ގިނަ ގެސްޓް ހައުސްތައް ހުރީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގަ އެވެ. ދެކުނާއި އުތުރުގައި ގެސްޓް ހައުސް ހުރި ވަރު އިތުރު ކުރަން އޮތް އެންމެ ބޮޑު ދަތި ކަމަކީ، ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތައް ނެތުމެވެ.

ސަނީ ވިދާޅުވީ، މިވަގުތު ރާއްޖޭގައި އެނދު އެކަށީގެންވާ ވަރަށް ހުއްޓަސް އޭގެ އެންމެ ފުރިހަމަ ފައިދާ ގެސްޓް ހައުސްތަކަށް ހާސިލު ނުކުރެވެނީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގިޔަސް އެ އެ އެއާޕޯޓުތަކަށް ކުރާ ދަތުރުތައް ވަރަށް މަދުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެއް އަތޮޅުން އަނެއް އަތޮޅަށް ނުވަތަ އެއާޕޯޓުތަކުން އަތޮޅުގެ އެހެން ރަށްރަށަށް ފަސޭހައިން ދެވޭނެ ގޮތްތައް ފަހިވެ، އެކަން ޓޫރިސްޓުންނަށް އެނގެން ފެށުމުން، މިހާރަށް ވުރެ ޓޫރިސްޓުން ގެންނަން ފަސޭހަވާނެ ކަމަށެވެ.

މައުސޫމު ވެސް ފާހަގަކުރެއްވި އަނެއް ކަމަކީ، ދިވެހިން މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރުތައް އިތުރު ކުރަން ޖެހޭ ކަމެވެ. އޭނާ ވިދާޅުވީ، ހަމައެކަނި ގެސްޓް ހައުސްތަކުގެ ފައިދާ ވާން ޖެހޭނީ ޓޫރިސްޓުންނަށް ނޫން ކަމަށާއި ދިވެހިން ވެސް ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރުން އިތުރުކޮށް، ޝައުގުވެރިކަން އިތުރު ކުރުމަށް ދެކުނާއި އުތުރަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ފަހިވެފައި އޮތުން ވަރަށް މުހިއްމު ކަމަށެވެ.

ގެސްޓް ހައުސް ޓޫރިޒަމަކީ ރިސޯޓުތަކުގެ ޓޫރިޒަމާ ތަފާތު ޕްރޮޑަކްޓެއް ނަމަވެސް، އެ ދާއިރާ ވަކިން ތަރައްގީ ކުރުމަށްޓަކައި ގެސްޓް ހައުސްތައް އެކި ކަންކަމަށް ހާއްސަކުރަން ޖެހޭ ކަމަށް ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އާތިފު ޝަކޫރު ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ރަނގަޅަށް ހިނގަނީ މާލެ އާއި ކ. އަތޮޅާއި އއ. އދ އަދި ވ. އަތޮޅުގައި ކަމަށެވެ. އެ ތަންތަނަށް ދާ ޓޫރިސްޓުން ވެސް މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އާންމު ގޮތެއްގައި ގެސްޓް ހައުސް ހިންގާ ގިނަ މީހުން ނިސްބަތްވަނީ އެ މީހަކު އުޅޭ ރަށަކަށް. އެހެންވެ، އެ ރަށްރަށުގެ ތަރައްގީ އަށް ވެސް އެ ފަރާތްތަކުން ވަރަށް އެހީތެރިވޭ. ހަމައެކަނި މައްސަލައަކީ އެ މީހުންނަށް އެކަށީގެންވާ ވިޔަފާރި ނުލިބުން. އިތުރަށް ވިޔަފާރި ފުޅާވާ ނަމަ މިހާރަށް ވުރެ ވެސް ބޮޑަށް އެ ވިޔަފާރިތަކުން އެ ކޮމިއުނިޓީތައް ތަރައްގީ ކުރުމަށް އެހީވާނެ،" --- ސަނީ

އޭގެ އެއް ސަބަބަކީ އެ އަތޮޅުތަކަށް ފަސޭހައިން ދަތުރު ކުރެވުން ކަމަށް ވިދާޅުވި އެވެ. ގެސްޓް ހައުސް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި މިވަގުތަށް އެންމެ މުހިއްމު އެއް ކަމަކީ، ޓޫރިސްޓުންގެ ފީޑްބެކް ހޯދައި ކަންކަން ރަނގަޅު ކުރުން ކަމަށް އާތިފް ވިދާޅުވި އެވެ.

"އަންނަ ޓޫރިސްޓުންގެ ފީޑްބެކް ހޯދައި، އެ ޓޫރިސްޓުން ބޭނުންވާ ކަންކަން ސާފުކޮށް އޮޅުން ފިލުވައި، އެކަންކަން ހާސިލުވާނެ ގޮތަކަށް ހިދުމަތްތައް ރޭވުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޖުމްލަ އާމްދަނީ ވަނީ 2022 ވަނަ އަހަރު ކޮވިޑުގެ ކުރީ ހާލަތަށް ވުރެ ރަނގަޅު ވެފަ އެވެ. އެކަން ހާސިލުވީ ގެސްޓް ހައުސްތަކާ ވެސް ހެދި ކަމަށް ކުރީގެ ގަވަރުނަރު ނަސީރު ފާހަގަކުރެއްވި އެވެ. ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުތަކުގައި އިތުރު ކުރެވުނީ އެ ވިޔަފާރިތަކުން ކުރި މަސައްކަތުންނެވެ.

ގެސްޓް ހައުސް ޓޫރިޒަމަށް 14 ވަރަކަށް އަހަރުވީ އިރު ފައިދާ ވަރަށް މައްޗެވެ. ކުރިއެރުން ބޮޑެވެ. އެކަމަކު، އެ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދިވެސް ރަށްރަށް ވަކިވަކިން ޕްރޮމޯޓު ނުކުރެވުމެވެ. އެކަން ހާސިލު ކުރުމަށް އެއް ތީމެއް ނަގައިގެން، އެއް ޕްލޭނެއްގެ ދަށުން ކޮންމެ ރަށެއްގެ ވިޔަފާރިތަކުން މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. އެކަން ހާސިލުވެއްޖެ ނަމަ ކޮންމެ ރަށެއްގެ ވެސް ހުރިހާ ވިޔަފާރިތަކަށް އެކަމުގެ ފާއިދާ ހޯދޭނެ އެވެ. އިތުރު ހަރުފަތެއް ކުރިއަށް ޖެހިލާނެ އެވެ.