Roadha Mihaaru
ކާނި ހޮޓަލުގެ ސާވިސް ޗާޖަށް 1.1 މިލިއަން ރުފިޔާ

ކާނި ހޮޓެލްސް އިން ސާވިސް ޗާޖުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ

16 ޖެނުއަރީ 2023

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އިން ސާވިސް ޗާޖުގެ ގޮތުގައި އެ ކުންފުނީގެ 180 މުވައްޒަފުންނަށް 75،600 ޑޮލަރު (1.1 މިލިއަން ރުފިޔާ) ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އިން ސާވިސް ޗާޖުގެ ގޮތުގައި އެ ކުންފުނީގެ 180 މުވައްޒަފުންނަށް 75،600 ޑޮލަރު (1.1 މިލިއަން ރުފިޔާ) ދީފި އެވެ.

ކާނި ހޮޓެލްސް އިން ވަނީ އެ ގެސްޓް ހައުސްގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު (6،476ރ.) ދިނެވެ. މިއީ ގެސްޓް ހައުސް އަކުން މިހާތަނަށް މުވައްޒަފުންނަށް ދިން އެންމެ ބޮޑު ސާވިސް ޗާޖެވެ. މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދިނީ 370 ޑޮލަރު (5،705ރ.) އެވެ.

މިއީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި ދެމުން އަންނަ އަދަދެކެެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ތަނަކުން އެ ކުންފުންޏަކަށް އެ މަހަކު ލިބުނު އާމްދަނީގެ 10 ޕަސެންޓު ސާވިސް ޗާޖުގެ ގޮތުގައި ނެގުން ގާނޫނީ ގޮތުން ވަނީ މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

ކާނި ހޮޓެލްސްގެ ޗެއާމަން އަދި ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އެހާ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ދިނީ ވޭތުވެދިޔަ ދެ މަހުގެ އާމްދަނީ ވެސް ވަރަށް ބޮޑަށް ރަނގަޅުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ ކުރިއަށް ވުރެ ވެސް އެ ގެސްޓް ހައުސްގެ ދަށުން ހިންގާ ހުރިހާތަނެއްގެ ޖުމްލަ އާމްދަނީ ރަނގަޅު ވެފައިވާ ކަމަށެވެ.

"އަންނަ މަހު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު އިތުރަށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ

ކާނިން ޖުމްލަކޮށް ކޮންމެ މަހަކު ވެސް ސާވިސް ޗާޖުގެ ގޮތުގައި ދެމުން އައީ 300 ޑޮލަރާއި 250 ޑޮލަރާ ދެމެދުގެ އަދަދެކެވެ. އެ ރަށުގެ ގިނަ ގެސްޓް ހައުސްތަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި ދެމުން އަންނަނީ 200 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ އަދަދުތަކެވެ.

ކާނިން އަންނަނީ ކ. މާފުށީގައި ހަތަރު ގެސްޓް ހައުސް ހިންގަމުންނެވެ. އެ ތަންތަނުގައި 400 އެނދު ހިމެނެ އެވެ. މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ވެސް ހިންގަ އެވެ. އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް މިހާރު އަންނަނީ ހަދަމުންނެވެ.