Roadha Mihaaru

ހޯމް ސްޓޭ: މެހުމާންދާރީން ރަށަށް ޑޮލަރު!

21 އޮކްޓޯބަރ 2021

ދަތުރުވަރެއްގައި ވެސް ރަށަކަށް އަރައިފި ނަމަ ސަތޭކައިގެ މެހްމާންދާރީ އެވެ. ގޭގައި ހިލޭ ބަހައްޓައި އަތުގައި ހުރި އެއްޗެއް ކާންދެ އެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް މި ރީތި އާދަ ޓޫރިޒަމްގެ ތެރޭގައި ހިމަނައިފި ނަމަ ރިސޯޓްތަކުގެ އިތުރުން އަތޮޅާއި ރަށަށް ފައިދާ ވާން އެބައޮތެވެ؛

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދަތުރުވަރެއްގައި ވެސް ރަށަކަށް އަރައިފި ނަމަ ސަތޭކައިގެ މެހްމާންދާރީ އެވެ. ގޭގައި ހިލޭ ބަހައްޓައި އަތުގައި ހުރި އެއްޗެއް ކާންދެ އެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް މި ރީތި އާދަ ޓޫރިޒަމްގެ ތެރޭގައި ހިމަނައިފި ނަމަ ރިސޯޓްތަކުގެ އިތުރުން އަތޮޅާއި ރަށަށް ފައިދާ ވާން އެބައޮތެވެ؛

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެކި ރަށްރަށަށް ވަޑައިގެން ކިޔައި ދެއްވަނީ ދިވެހިންގެ މި ވާހަކަ އެވެ. އެއާއެކު ދެއްވަނީ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ހޯމް ސްޓޭ ފެށުމުގެ ދައުވަތެވެ.

"އާ ކަމެއް ނޫން. އަޅުގަނޑު ވެސް ހއ. ކެލައިން ފުރައިގެން ހިންނަވަރަށް އައިސް މި ތަޖުރިބާކުރިން. ހަމައެކަނި ތަފާތަކަށް ވަނީ، އިންޓަނޭޝަނަލް ހޯމް ސްޓޭ އަށް ބަދަލުވާކަން،" ޅ. ކުރެންދޫ ކައުންސިލާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލު ކުރައްވައި މައުސޫމް ވިދާޅުވި އެވެ.

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހޯމް ސްޓޭ ނުވަތަ ގޭގައި ޓޫރިސްޓުން ބޭތިއްބުމުގެ ހިދުމަތް ފެށުމެވެ. ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމުގެ ވެސް ބޭނުމަކީ ރާއްޖެ ވަންނަ ބޭރު ފައިސާ ހިފެހެއްޓުމެވެ. މި ކަމުގައި އޮތް ތަފާތަކީ ޖެނުއަރީގައި ހުޅުވާލާއިރު ޓޫރިސްޓުން ގޭގައި ބޭތިއްބުމެވެ.

ޅ. އަތޮޅު: މެހުމާންދާރީގައި ފާހަގަ ޖެހިފައި

ރަށުގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވެ އެވެ. އެކަމަކު ޓޫރިޒަމްގެ ސިނާއަތުން އެ ފުރުސަތު ގިނަ ރަށްތަކަށް ފަހިވެފައެއް ނެތެވެ. ހޯމް ސްޓޭގެ ކޮންސެޕްޓަކީ އެކަމަށް ހޯދި އެއް ހައްލެވެ.

"ހޯމް ސްޓޭގެ ވިޔަފާރިއަށް ބޭނުން ވަނީ މެހްމާންދާރީ. ޅ. އަތޮޅު މެހްމާންދާރީ ގޮތުން ގުނާލެވޭ. އެ ކަންތަކުން މިހާރު ވެސް ފާހަގަ ޖަހާލެވޭ. -- މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، މި ކޮންސެޕްޓުގެ އަމާޒަކީ ޓޫރިޒަމް ސިނާއަތުގެ މަންފާ ސީދާ ގޮތުން ރައްޔިތުންނަށް ލިބޭނެ މަގު ކޮށައިދިނުން ކަމަށެވެ. ޅ. އަތޮޅުގެ ހަތަރު ރަށް، ހިންނަވަރާއި ނައިފަރާއި ކުރެންދޫގެ އިތުރުން އޮޅުވެލިފުށީގައި ކުރެއްވި މަޝްވަރާތަކަށް ބާރު ދެއްވައި އޭނާ ވިދާޅުވީ، އެ ސަރަހައްދަށް ފަހިކޮށްދޭން ޖެހިފައި އޮތީ ދަތުރުފަތުރު ކަމަށެވެ.

އެ އަތޮޅުގައި 10 ރިސޯޓު ހިންގަ އެވެ. ގެސްޓް ހައުސްތަކާ އެކު 2،500 އެނދު އެބަހުއްޓެވެ. އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއެރުމާ މިހާރު ގުޅިފައި އޮތީ މަޑިވަރު އެއާޕޯޓެވެ.

އާބާދީ ބޮޑު ޅ. އަތޮޅުގެ ހިންނަވަރާއި ނައިފަރުގައި ބިމުގެ ދަތިކަން ބޮޑެވެ. އެކަމަކު ކުރެންދު އާއި އޮޅުވެލިފުއްޓަކީ މި ކޮންސެޕްޓް ފަސޭހަކަމާ އެކު ކުރިއަށް ގެންދެވިދާނެ ދެ ރަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހޯމް ސްޓޭގެ ވިޔަފާރިއަށް ބޭނުން ވަނީ މެހުމާންދާރީ. ޅ. އަތޮޅު މެހުމާންދާރީ ގޮތުން ގުނައިލެވޭ. އެ ކަންތަކުން މިހާރު ވެސް ފާހަގަ ޖަހައިލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޅ. އަތޮޅުގައި މިހާރު ހުރި އެނދުތައް ދެ ގުނަކުރަން ޖެހެ އެވެ.

"އެ ހިސާބަށް ދާން ފެށުމަކަށް އުއްމީދު ލިބުނު މި ދަތުރުން،" އޭނާ ވިދާޅުވި އެވެ.

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ވެސް ވިދާޅުވީ ހޯމް ސްޓޭ އިން ޅ. އަތޮޅަށް ބޮޑު ފައިދާއެއް ހޯދެން އެބައޮތެވެ. ސްޕޯޓްސް ފިޝިންގައި އެ އަތޮޅު އޮތީ ކުރީ ސަފުގައި ކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ އެފަދަ ޓޫރިސްޓުން ގަޔާވާ ކަންކަން ޕްރޮމޯޓް ކޮށްގެން ކޮންސެޕްޓްގެ ސީދާ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށެވެ.

"ކުރެންދު އާއި އޮޅުވެލި ފުށީގައި ހޯމް ސްޓޭއަށް ވަކިވަކިން މާކެޓް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި. ހަމަ މިގޮތަށް ކޮންމެ ރަށެއްގައި ވެސް ހާއްސަ ސިފަތަކެއް ހުންނާނެ. އެ ކަންތައްތަކާ އެކު ހޯމް ސްޓޭ ޕްރޮމޯޓްކުރީމަ ރިސޯޓްތަކުން ވެސް ޓޫރިސްޓުން ރަށްރަށަށް އައިސް އެކަންކަން ތަޖުރިބާކުރަން ބޭނުންވާނެ،" ޣަނީ ވިދާޅުވި އެވެ.

އިންތަކާއި މިންތަކެއް ކަނޑައަޅާނެ

ޑޮމެސްޓިކް ޓޫރިޒަމްގައި، ގެސްޓް ހައުސްތަކަށް ހުއްދަ ދެމުން އަންނައިރު، އެ ތަނުގައި ނިދައި ކައިބޮއެ ހެދޭނެ އިންތިޒާމުގެ އިތުރުން ރިސެޕްޝަނެއް ހުންނަން ލާޒިމު ކޮށްފައި ވެ އެވެ. ހޯމް ސްޓޭގައި، މި ހުރިހާ ޝަރުތުތައް ފުރިހަމަވާކަށް ނުޖެހެ އެވެ. ގޭގައި ރެސްޓޯރަންޓެއް ނެތަސް ހުއްދަ ދޭނެ އެވެ. އެކަމަކު އެ ރަށެއްގައި ޓޫރިސްޓުންނަށް ކެއުންބުއިމުގެ ހިދުމަތް ލިބޭނެ ފަދަ ރެސްޓޯރެންޓެއް ހުރުން މަޖުބޫރެވެ.

"ޓޫރިސްޓުން އެ ރަށަށް އައިސް ނިދާނެ ތަނެއް ހުރެފައި ކައިބޮއި ހެދެންޏާ ފުރަތަމަ ބައި އެ ނިމުނީ. ދެން އޮތީ ފަތުރުވެރިކަން ދިވެހިންނާ ގުޅުވައިލުން. މަހަށް ގެންދިއުން، ސްނޯކްލިންއަށް ގެންދިއުން. ރަށުން ސުވެނިއަރެއް ގަތުން، ހުންނަ އާސާރީ ތަންތަން ބަލާލަން ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފަރުމަސް ބޭނުމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ފައިދާ ވާން އޮތްއިރު، ފަންނާނުންނާއި ހުނަރުވެރިންނަށް ވެސް މި ކޮންސެޕްޓުން އޮތީ މައުސޫމް ދެކެވަޑައިގަންނަވާ ގޮތުގައި ފަހި މުސްތަގުބަލެކެވެ. އަނެއް ފައިދާ އަކީ އާއިލާތަކާ އެކުގައި ރަށުގައި ތިބެގެން ފައިދާ ހޯދުމެވެ.

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

"އަޅުގަނޑުމެން މި ބަލަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ދިވެހިން އެ ބޭފުޅުން މަސައްކަތް ކުރަން ބޭނުންވާ ރަނގަޅު އާމްދަނީ ލިބޭނެ ވަޒީފާއަކާ ދިމާލަށް އެ ބޭފުޅުން ގެންދިއުމަށް ބާރު އަޅައި މަގު ދައްކައި ހިތްވަރު ދިނުން. އަދި ދިވެހިން ބޭނުންވާ ބޮޑެތި ވަޒީފާތަކަށް ދިވެހިން ހަމަޖެއްސުން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބާރުއަޅަނީ ޕްރޮޑަކްޓްގެ ވެރިންނަށް ވުމަށް. ހޮޓާ އޯނަރުންނަށް، ރިސޯޓް އޯނަރުންނަށް، ސަފާރީ އޯނަރުންނަށް. މަސް ނިންމާލާއިރު ރިސޯޓް އޯނަރެއް ވިޔަސް ގެސްޓް ހައުސް އޯނަރެއް ވިޔަސް އޭނާ ޖީބުގައި މަސް ނިންމާލާއިރު ބާކީ ފައިސާ ހުންނަން ޖެހޭނެ."

ހޯމް ސްޓޭ އަށް ރަށްރަށުގައި ހުއްދަ ދޭއިރު އިންތަކާއި މިންތަކެއް ކަނޑައަޅާނެ އެވެ. އެ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަންކަމުގެ އުސޫލަށް މަޝްވަރާކޮށް މިހާރު އޮތީ ނިމުމުގެ މަރުހަލާގަ އެވެ. އޭގެ ތެރޭގައި ކަރަންޓް ބޯޑު، ވިޔަފާރި ބޯޑަކަށް ބަދަލުވާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހޯމް ސްޓޭ ނުފަށައި ލަސްކުރާ ސަބަބާ ގުޅޭ ގޮތުން މިނިސްޓްރީ އަށް ސުވާލު އާދެ އެވެ. އެ ރަށްރަށުގައި ހޯމް ސްޓޭ ފެށުމަށް ފާހަގަޖަހަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ކަމުގެ ޔަގީންކަން ވެސް އެބަދެ އެވެ.

"ބައެއް ކައުންސިލްތަކުން ރަށުތެރެއަށް ގޮސްފައި އިންވެންޓްރީއެއް ނަގައިފި ކިތައް ކޮޓަރިތޯ ލިބޭނީ. ވަރަށް ބޮޑަށް ތައްޔާރު،" މައުސޫމް ވިދާޅުވި އެވެ.

ހޯމް ސްޓޭއަކީ ފެށުމާ އެކު ރާސްލާފައި ފައިދާވާނެ ކޮންސެޕްޓެއް ވެސް ނޫނެވެ. މި ކަމުގައި އޮތީ ޕްލޭނެއްގެ ތެރެއިން ފަށައި ގޮންޖެހުންތަކުން އަރައިގަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފައިދާ ފެންނާނީ އޭގެ ފަހުންނެވެ.