Roadha Mihaaru
"އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވޭނެ"

އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވިދާނެ: ޓޫރިޒަމް މިނިސްޓްރީ

27 މާޗް 2020

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ޓޫރިސްޓުން ރަށްރަށަށް އެރުވުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ކުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެޗްޕީއޭ އިން އެ މިނިސްޓްރީ އަށް ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން މިހާރު ގެންދެވިދާނެ ކަމަށެވެ. އެކަމަކު އެގޮތަށް އެހެން ރިސޯޓަކަށް ގެންދިއުމުގެ ކުރިން އެ މިިނިސްޓްރީ އަށް އެކަން އަންގައި، ލިޔުމުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގިއިރު، އެޗްޕީއޭ އިން އަންގާފައިވާ ގޮތުން ޓޫރިސްޓުން ގެންދެވޭނީ ހަމައެކަނި ފުރުވުމަށްޓަކައި އެއާޕޯޓަށް އެކަންޏެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުމާއި ޓޫރިސްޓުން ރަށްރަށަށް އެރުވުން ވެސް އޮތީ މަނާކޮށްފަ އެވެ. އެކަމަކު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާލަތްތަކުގައި އެކަން ކަމުން އިސްތިސްނާވާނެ ކަމަށް ވެސް އެޗްޕީއޭ އިން ކުރިން އިއުލާން ކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް އަދި ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެކުރިން 13 ބިދޭސީއަކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ.