Roadha Mihaaru

އިންޑިއާގެ ކްލަސްޓާއެއް ރާއްޖޭގައި ބޮމެއްހެން ގޮވައިފާނެ

އިންޑިއާގައި ފަތުއަޑު ކިޔާފައި ކޮވިޑަށް މީހުން ޕޮޒިޓިވް ވަމުން އެބަ ދެ އެވެ. އިއްޔެގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް ދުވަސް މަތިން، އެ ގައުމުން ވަނީ 346،000 މީހުން ޕޮޒިޓިވް ވެފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިގެން އިންޑިއާގައި ކޮންމެ ދުވަހަކު ޕޮޒިޓިވް ވަމުން އެދަނީ ދުނިޔޭގެ ރެކޯޑް އަދަދަކަށެވެ. މާނައަކީ، ރާއްޖޭގެ އާބާދީ އަށް ބަލާއިރު، އިންޑިއާގެ ކޮވިޑް ޕޮޒިޓިވްވާ އަދަދު އެ ހުރީ ރާއްޖޭގެ އާބާދީއާ އެއްވަރެއްގަ އެވެ.

އިންޑިއާގެ ކްލަސްޓާ ރާއްޖޭގައި ބޮމެއްހެން ގޮވައިފާނެ
އިސްމާއިލް ނަސީރު
އިސްމާއިލް ނަސީރު

25 އެޕްރީލް 2021

އިންޑިއާގައި ފަތުއަޑު ކިޔާފައި ކޮވިޑަށް މީހުން ޕޮޒިޓިވް ވަމުން އެބަ ދެ އެވެ. އިއްޔެގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް ދުވަސް މަތިން، އެ ގައުމުން ވަނީ 346،000 މީހުން ޕޮޒިޓިވް ވެފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިގެން އިންޑިއާގައި ކޮންމެ ދުވަހަކު ޕޮޒިޓިވް ވަމުން އެދަނީ ދުނިޔޭގެ ރެކޯޑް އަދަދަކަށެވެ. މާނައަކީ، ރާއްޖޭގެ އާބާދީ އަށް ބަލާއިރު، އިންޑިއާގެ ކޮވިޑް ޕޮޒިޓިވްވާ އަދަދު އެ ހުރީ ރާއްޖޭގެ އާބާދީއާ އެއްވަރެއްގަ އެވެ.

އިންޑިއާގައި ކުއްލިއަކަށް ކޮވިޑްގެ ނިސްބަތް މައްޗަށް ދިއުން، ރާއްޖޭގެ ބައެއް ޑޮކްޓަރުން ނަންގަވަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގައި އަދަދުތައް ކުއްލިއަކަށް މައްޗަށް ދަނީ އެއީ ވޭރިއަންޓެއް ކަމަށް ވާތީ އެވެ.

"ވަރަށް ދަށްކޮށް ހުރެފައި ހަމަ ކުއްލިއަކަށް އެހާ މައްޗަށް އަރައިގެން އެ ދިޔައީ. އަނެއްކާ އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ކުރިއާ ހިލާފަށް މި ވޭރިއަންޓްގައި ޒުވާނެއް، ކުޑަކުއްޖެއް، އުމުރުން ދުވަސްވީ މީހަކު ވެސް ތަފާތެއް ނެތް. މިހާތަނަށް އެނގިފައިވާ ގޮތުގައި ބަލި ޖެހުމާ އެކު އެ އެންމެންނަށް ވެސް ބޮޑުވަރުވޭ. އެއީ ފުއްޕާ މެއަށް،" އެއް ޑޮކްޓަރަކު، ނަން ހާމަކުރަން އެދިވަޑައިނުގެން ރޭ ވިދާޅުވި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ވެސް އެ ވާހަކަ އެގޮތަށް އެބައޮތެވެ. އަދި ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގައި މިހާރު ފެތުރޭ ކޮވިޑަކީ ޕީސީއާރު ޓެސްޓުން ވެސް ދެނެނުގަނެވޭ ވޭރިއަންޓެކެވެ. އެހެންވެ، ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބަލިމީހާ މިހާރު ޖެހެނީ އެހެން ޓެސްޓްތަކެއް، ނުވަތަ އެންޓިބޮޑީ ޓެސްޓް ހަދާށެވެ. އެކަމަކު މިއީ އިންޑިއާގެ ރަސްމީ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައިވާ ވާހަކަތަކެއް ނޫނެވެ.

"މިކަހަލަ އަދި މުޅިން ގޮތް ނޭނގޭ ވޭރިއަންޓެއް އިންޑިއާގައި ފެތުރެންޏާ އެއީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް،" އެހެން ޑޮކްޓަރަކު ވިދާޅުވި އެވެ.

ޑޮކްޓަރުންް ކުރައްވާ ސުވާލަކީ، އެކަން ރާއްޖެ އަށް ސީރިއަސްކޮށް ނެގޭ ހެއްޔޭ އެވެ؟ އެ ބޭފުޅުން އެއަށް ދެއްވާ ޖަވާބަކީ ނޫނެކޭ އެވެ.

އޭގައި ސަބަބުތައް އެބަހުއްޓެވެ. އެއް ކަމަކީ، އިންޑިއާ އިން އަންނަ ޓޫރިސްޓުންނެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެރައިވަލްގެ 22 ޕަސެންޓް ނުވަތަ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާ އެވެ. ރާއްޖެ އަށް ދުވާލަކު 600 ޓޫރިސްޓުން އިންޑިއާ އިން މިހާރު ރާއްޖެ އެތެރެ ވެ އެވެ. އަނެއްކޮޅުން، މެދުއިރުމައްޗަށް ދާ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖްތަކެއް ރާއްޖޭގައި ވިއްކަމުން ގެންދާތީ އިންޑިއާ އިން އަންނަ ޓޫރިސްޓުންނާ އެކު ރަށްރަށް މިހާރު އޮތީ ފުރިފަ އެވެ. އެ މީހުން ރަށުތެރެ އަށް ވެސް ނުކުމެ އުޅެ އެވެ. ކަރަންޓީނު ވުމެއް ނެތެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ސިއްހީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އިންޑިއާ އިން އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި -- ފައިލް ފޮޓޯ: މިހާރު

އިންޑިއާ އިން އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި -- ފައިލް ފޮޓޯ: މިހާރު

މިހާރު އިންޑިއާ އިން ޓޫރިސްޓުން އަންނަ ބައެއް ރަށްރަށުގައި، ހާއްސަކޮށް ލޯކަލް ޓޫރިޒަމް އޮތް ރަށްރަށުގައި ކޮވިޑް ހަލުއިކަމާ އެކު ފެތުރި، އެހެން ބައެއް ރަށްރަށަށް ވެސް އޭގެ ކުދި ރާޅުތައް ޖަހަމުން އެބަ ދެ އެވެ. ރާއްޖޭގައި ވެސް މީގެ ދެ ދުވަހެެއް ކުރިން ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވް ވި އިރު، އޭގެ ތެރޭގައި ގިނައީ ރަށްރަށުން ޕޮޒިޓިވް ވި މީހުންނެވެ. ޑޮކްޓަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ވެސް ރަށްރަށުގައި މި ބަލި އެހާ ހަލުއިކަމާ އެކު ފެތުރުމެވެ.

"މާލެއާ ރަށްރަށަށާ ހާސްބައި ތަފާތު. މިހާރު ވެސް ޑީއެޗް އައިސީޔޫގައި ހަ މީހުން އެބަތިބި. ދެން ބާކީ ހުންނާނީ ތިން އެނދު،" އެއް ޑޮކްޓަރަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މީގައި ބަލަންވީ މި ވޭރިއަންޓްގެ ސަބަބުން ބަލި މީހުން ގިނަ ވެއްޖެ ނަމަ ރަށްރަށުގައި ކިހިނެއްތޯ ފަރުވާ ދޭނީ. ކިހިނެއްތޯ މިސާލަކަށް ޓެސްޓް ކުރާނީ. ކަމެއް ވެއްޖިއްޔާ ކިހިނެއްތޯ މީހާ އެހެން ތަނަކަށް ގެންދާނީ... މިއިން އެއްވެސް ކަމެއް ރަށްރަށަކު ނެތް. ކަންބޮޑުވާން ޖެހޭ ކަމަކީ އެއީ."

ބަލި މީހުން ގިނަ ވެއްޖެ ނަމަ ރަށްރަށުގައި ކިހިނެއްތޯ ފަރުވާ ދޭނީ. ކިހިނެއްތޯ މިސާލަކަށް ޓެސްޓް ކުރާނީ. ކަމެއް ވެއްޖިއްޔާ ކިހިނެއްތޯ މީހާ އެހެން ތަނަކަށް ގެންދާނީ... މިއިން އެއްވެސް ކަމެއް ރަށްރަށަކު ނެތް...

އެކަމަކު ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ ސަބަބުން ކޮވިޑަށް އޮތް ނުރައްކާ އިތުރަށް ބޮޑުވަމުން ދާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ، އާންމު އެތައް ބައެއްގެ ފާޑުކިޔުންތަކާ އެކު ވެސް، އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިންޑިއާގެ ދަތުރުފަތުރާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅައިފައި އޮތް އިރު ވެސް ރާއްޖެ އިން ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަދި ނެތެވެ. ސަރުކާރުގެ ވިސްނުން ބޮޑަށް ހުރީ އިންޑިއާގެ ޓޫރިސްޓުންނަށް ވެސް ކުރިއެކޭ އެއްގޮތަށް ހުޅުވާލައިފައި ބޭއްވުމަށެވެ. ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގައި ގިނަ ބަޔަކު ކޮވިޑް ވެކްސިން ޖަހާފައި ތިބުމުން އެއީ ވަރަށް ބޮޑު ރައްކާތެރި ކަމެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުގެ ޕޮލިސީތައް ހުރީ ވެސް ކޮވިޑާ އެކު، މެނޭޖްކޮށްގެން ޓޫރިޒަމް ކުރިއަށް ގެންދިއުމަށެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުމަކީ މި ބަލީގެ ހުރިހާ ހައްލެއް ނޫނެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި، އިންޑިއާގެ އާ ވެރިއަންޓަށް ރާއްޖެއިން ވަރަށް ރަނގަޅަށް ފާރަވެރިވާން ޖެހެ އެވެ. އެ ގައުމުގައި އެ ބަލި ވަރަށް ހަލުއިކަމާ އެކު ކުއްލިއަކަށް ހެން ފެތުރި، މުޅި ގައުމުގައި ވަނީ ބޮމެއްހެން ގޮވައިފަ އެވެ.

"ވެކްސިނުން ވެސް ލިބޭ ޔަގީން ކަމަކީ ބޮޑުވަރު ނުވުން. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގެ އަދި އިންޑިއާގެ މި ވޭރިއަންޓް މިއީ ވެކްސިނާ ކިހިނެއް ފައިޓް ކުރާ އެއްޗެއް ކަމެއް. އެހެންވެ، ފިޔަވަޅުތަކެއް ނާޅައިފިއްޔާ ވަރަށް ގޯސްވެދާނެ ކަމަށް ބަލައިގެން ތިބެންވާނީ. އެހެން ނޫނީ މިތާނގައި އޭގެ ކްލަސްޓާއެއް އުފެދި މިތާނގައި ވެސް ބޮމެއްހެން ގޮވައިފާނެ،" ޑޮކްޓަރަކު ވިދާޅުވި އެވެ.