Roadha Mihaaru
ފުރާ ޓޫރިސްޓުން އެޗްއީއޯސީ މެދުވެރިވެ ޓެސްޓްކުރަނީ

ޓެސްޓްކުރަން ޓޫރިސްޓުންގެ ލިސްޓު މިހާރު ފޮނުވަން ޖެހެނީ އެޗްއީއޯސީ އަށް

06 އޯގަސްޓް 2020

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) މެދުވެރިވެ ޓެސްޓްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) މެދުވެރިވެ ޓެސްޓްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ހަތަރު މަހަށް ބަންދުކުރުމަށް ފަހު ހުޅުވާލީ މިދިޔަ މަހު 15 ގަ އެވެ. ޓޫރިޒަމް ދާއިރާއާ މަޝްވަރާކޮށް، އަމަލުކުރާނެ ގޮތުގެ އެސްއޯޕީއެއް އެކުލަވާލާފައިވާ އިރު ކޮވިޑަށް ޓެސްޓްކުރުން ހަމަޖައްސާފައި އޮތީ އޭޑީކޭ މެދުވެރިކޮށެވެ.

އެކަމަކު، އޭޑީކޭގައި ބޮޑު ބެކްލޮގެއް އޮވެ، ޓެސްޓް ނުކުރެވި ޓޫރިސްޓުން ފުރުން ލަސްވިކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ތަރުޖަމާން، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބޯޑަރު ހުޅުވާލައި ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދިން އިރު އަމިއްލަ ލެބޯޓްރީތަކުގައި ކޮވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ތަފްސީލްތައް ވާނީ ރިސޯޓްތަކާ ހިއްސާކޮށްފައި ކަމަށެވެ. އެކަމަކު އެންމެ އެދެވޭ ގޮތެއްގައި އެކަން ނުދާކަން ފާހަގަކުރެވިފައިވާތީ އިތުރު މަސައްކަތްތަކެއް ޓޫރިޒަމް ދާއިރާއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު އެއްބަސްވެވިފައި ވަނީ ފުރާ މީހުންގެ ލިސްޓު ކުރިއާލައި އަޅުގަނޑުމެންނާ ހިއްސާކުރީމަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން،" ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެ ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވް ކަން އިއްޔެ ވަނީ އެނގިފަ އެވެ. އެކަން އެނގުނީ އެނބުރި ގައުމަށް ދާން ފުރުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. އޭނާއާ އެކު ރިސޯޓުގައި ތިބި އާއިލާ ވެސް މިހާރު ވަނީ ޓެސްޓްކޮށްފައި ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހާލަތު ވަނީ ގޯސްވެފަ އެވެ. ލަފާކުރުންތަކުން ދައްކަނީ މި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 170 މީހުން ޕޮޒިޓިވްވެ އެޑްމިޓްކުރަން ޖެހޭ އަދަދު އިތުރުވާނެ ކަމަށެވެ. އެޗްއީއޯސީން ރޭ ބުނިގޮތުގައި ކޮވިޑު ބަލީގައި އައިސީޔޫގައި އަށް މީހުންނަށް ފަރުވާދޭ އިރު 110 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެ އިން 19 މީހަކު ވަނީ މަރުވެފަ އެވެ.