Roadha Mihaaru
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ

ކޮވިޑް-19: އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުން އަލުން ފަށަނީ

05 އޯގަސްޓް 2021

ކުރިއެކޭ ވެސް އެއްގޮތަށް އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށާއި ހާއްސަ ބަލިތަކުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި މަހުން ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކުރިއެކޭ ވެސް އެއްގޮތަށް އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށާއި ހާއްސަ ބަލިތަކުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި މަހުން ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އުމުރުން 12 އަހަރުން މަތީގެ ކުދިންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ގުނަވަންތައް ބަދަލުކުރުން ފަދަ ފަރުވާ ހޯދާފައިވާ މީހުންނަށް ވެސް ކޮވިޑުން ދިފާއު ވުމަށްޓަކައި ފައިޒާ ވެކްސިން ދޭނެ ކަމަށެވެ.

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވިގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކުދިންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ ވެކްސިން ސެންޓަރުތަކަށް ގެންގޮސްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާނީ މާލޭގެ ސްކޫލުތަކުގައި އެ ޕްރޮގްރާމް ފަށާތާ ކުޑަ ދުވަސްކޮޅަކަށް ފަހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ނުޖަހާ މީހުންނާއި އެންމެ ޑޯޒެއް ވެސް ނުޖަހާ މީހުންނަށް ޖަހައި ދޭނީ ފައިޒާ ވެކްސިން ކަމަށެވެ.

ނަމަވެސް ފައިޒާ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށާއި އަންނަ ހަފުތާގައި އެކަމުގެ ތަފްސީލު ހާމަކުރައްވާނެ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖޭގައި އަންނަނީ ހަތަރު ބާވަތެއްގެ ވެކްސިނެއް ދެމުންނެވެ. އެއީ ފައިޒާގެ އިތުރުން ކޮވިޝީލްޑާއި އެސްޓްރާޒެނެކާ އާއި ސިނޮފާމެވެ. މީގެ ތެރެއިން ފައިޒާ ވެކްސިން މިހާރު ވަނީ ހުސްވެފަ އެވެ.