Roadha Mihaaru
ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ

ކޮވިޑް-19: ރަށްރަށަށް ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ޖެހޭނެ

07 ޖުލައި 2021

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ބޮޑު ލުޔެއް ދިން ނަމަވެސް އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ބޮޑު ލުޔެއް ދިން ނަމަވެސް އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް މާދަމާ އިން ފެށިގެން ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ސަރުކާރުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، ކުޑަކުދިންނަކީ ވެކްސިން ނުޖަހާ އުމުރުގެ ބައެއް ކަމުން، އެ ކުދިންގެ ފަރާތުން ކޮވިޑް ފެތުރިދާނެތީ، ކުޑަކުދިންނަށް އެ ލުއި ނުލިބޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު އަދި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

ކޮންމެ އުމުރުފުރައެއްގެ މީހަަކު ނަމަވެސް ވެކްސިން ނުޖަހާ ނަމަ އޭގެ ރައްކާތެރިކަމެއް ނުލިބޭނެކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ، ކުޑަކުދިން ވެކްސިން ނުޖަހާތީ ކުޑަކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ވެކްސިން ޖަހާފައި ތިބި މީހުންނަށް އެކަނި މި ލުއި މި ވަގުތު ލިބިގެން ދާނީ،" ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީގެ ފަރާތުން ތަސްލީމާ އުސްމާން "މިހާރު" އަށް ފަހުން ވިދާޅުވީ، ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭއިރު، ވެކްސިންގެ ދެ ޑޯޒު ހަމަކޮށް، ދެވަނަ ޑޯޒު ޖެހިތާ 14 ދުވަސް ވެފައިވާ ބޮޑެތި މީހުން އެ ކުދިންނާއެކު ދަތުރުރުކުރާ ނަމަ ބޮޑެތި މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

މާލޭގެ ކޮވިޑް ކޭސްތައް މަދުވެފައިވާއިރު، މާދަމާ އިން ފެށިގެން މާލޭގެ ކާފިއު ވެސް އެއްކޮށް އުވާލަން ވަނީ ނިންމައިފަ އެވެ. ކާފިއު އުވާލަން ނިންމާފައި މި ވަނީ ދެ މަސް ފަހުންނެވެ.