Roadha Mihaaru
ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި

ކޮވިޑް-19: ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި

17 މެއި 2021

އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު ރާއްޖޭގައި ވެކްސިން ނެތިގެން އެ ނުޖެހިފައިވާ 92،000 މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު ރާއްޖޭގައި ވެކްސިން ނެތިގެން އެ ނުޖެހިފައިވާ 92،000 މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އިންޑިއާ އިން ހަދިޔާ ކުރި އެ ވެކްސިންގެ ސްޓޮކް މަދުވެ، މިދިޔަ މެއި 4 އިން ފެށިގެން ވަނީ ވެކްސިން ޖެހުން މެދުކަނޑާލައިފަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށެވެ. އެކަމަކު ފުރަތަމަ ޑޯޒަށް ފަހު، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ މާލޭން 55،000 މީހުންނާއި ރަށްރަށުން 37،000 މީހެކެވެ.

މިހާރު ބާކީ ހުރި މަދު ވެކްސިންކޮޅު ޖަހަނީ ކޮވިޑްގެ ބަލި ހާލަތު ހުރި ގޮތުން އެކަމަށް މަޖުބޫރު މީހުންނަށެވެ. ރާއްޖޭން ވެކްސިން ހުސްވީ، އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު އެވެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ވެކްސިން ހޯދޭތޯ. ކޮވިޝީލްޑް ނުވެއްޖެއްޔާ އެސްޓްރަޒެނެކާ ވެސް ހޯދޭތޯ،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭން ވަނީ އެސްޓްރަޒެނެކާ ކުންފުނިން ވެކްސިންގެ 700،000 ޑޯޒް ގަންނަން އެއްބަސްވުމެއް ހަދައިފަ އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި، މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަންނަ ޖޫން މަހުގެ ތެރޭގައި އެ ވެކްސިންގެ ފުރަތަމަ ސްޓޮކް ލިބޭނެ އެވެ.

ރާއްޖޭގައި މިހާރު ކޮވިޝީލްޑްގެ އިތުރުން ޗައިނާގެ ސިނޮފާމް އާއި އެމެރިކާގެ ފައިޒާ ވެކްސިން ވެސް ދެ އެވެ.

ރާއްޖޭގައި މިހާތަނަށް 302،974 މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 124،913 މީހުންނެވެ.