Roadha Mihaaru
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ

ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ

14 ޖުލައި 2021

ކޮވިޑުން ދިފާއުވާން ވެކްސިން ޖެހުން، ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދާ ދިމާކޮށް މެދުކަނޑައިލަން ނިންމާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑުން ދިފާއުވާން ވެކްސިން ޖެހުން، ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދާ ދިމާކޮށް މެދުކަނޑައިލަން ނިންމާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ. އޭގެ ފަހުން ވެކްސިން ޖެހުން އީދު ބަންދު ނިމެންދެން މެދުކަނޑައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ވެކްސިން ޖެހުން] ހުޅުވާނެ ތާރީހެއް އާންމު ކުރާނަން. ހުޅުވަން ކައިރި ކޮށްފައި އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލާނަން،" އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން ބޮޑު އީދާއި މިނިވަން ދުވަހުގެ ބަންދާ ހަމައަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވާއިރު، އިއްޔެ އިއުލާން ކޮށްފައި ވަނީ މި މަހުގެ 28 އާއި 29 ވެސް ބަންދު ކުރުމަށެވެ. އެއާއެކު މި މަހުގެ ނިޔަލަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އިއްޔެއާ ހަމައަށް 50 ޕަސަންޓަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ވެކްސިން ޖަހަން ދިގު ކިއޫތައް ހަދަ އެވެ.

ބޮޑު އީދާ ދިމާކޮށް ރަށްރަށަށް ދިޔުމުގައި ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާއިރު 14 ދުވަހު ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ..