Roadha Mihaaru
ކޮވިޑް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށްތައް ހާމަކުރަނީ

ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށްތައް އިއުލާނުކުރަނީ

18 އެޕްރީލް 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށުގެ ލިސްޓެއް މާދަމާ އިއުލާން ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށުގެ ލިސްޓެއް މާދަމާ އިއުލާން ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ނަމަ، ކަރަންޓީން ނުވެ އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އާބާދީގެ 60 ޕަސެންޓަށް ދެ ޑޯޒް ޖަހާފައި ނެތް ނަމަ، ދަތުރުކުރެވޭނީ ޕީސީއާރު ޓެސްޓަކުން ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދަތުރުކުރުމުގައި ލުއިތަކެއް ދިން ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ފަސް ޕަސެންޓުގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން، އެހެން ރަށަކަށް ދެވޭނީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އާބާދީގެ ފަސް ޕަސެންޓަށް ވުރެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މަތި ރަށްރަށް [މާދަމާ] އިއުލާން ކުރާނަން. ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފުތާއަކު އަޅުގަނޑުމެން މި ގޮތަށް އިއުލާން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ކަންތައް ކުރަމުން އަންނަ ގޮތަށް ރަށްރަށަށް ދަތުުރުކުރެވޭނީ "ހާލުބެލުން" ވެބްސައިޓް މެދުވެރިކޮށް، އެ ރަށެއްގެ ކައުންސިލަށް އެދުމުން ކަމަށް ނަޒްލާ ވިދާޅުވި އެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ފަހުން ދެ ހަފުތާ ފާއިތުވެއްޖެ ކަން ކަށަވަރު ކުރުމަކީ އެ ކައުންސިލެއްގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން ޖަހަން ޝަރުތު ހަމަ ނުވާ ކުޑަކުދިން، ވެކްސިން ޖަހާފައި ހުރި މީހަކާ އެކު ކޮންމެ ރަށަކުން ދަތުރުކުރި ނަމަވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށް ނަޒްލާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މިދިޔަ ހުކުރުދުވަހުގެ ނިޔަލަށް މިހާތަނަށް 35،294 މީހަކު ކޮވިޑް-19ގެ ދެ ޑޯޒް ޖަހާފައި ވެ އެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 278،069 އަށް އަރަ އެވެ.