Roadha Mihaaru
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ

ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭނެ

07 ޖުލައި 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ހުއްދައާ އެކު، އެ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ހުއްދައާ އެކު، އެ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި އެވެ.

ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއި ދީ މިއަދު މެންދުރު ފަހު އެކަން އިއުލާނުކުރަން ބޭއްވި ޕްރެސްގައި ވެސް އަދި އޭގެ ފަހުން އެޗްޕީއޭ އިން މީޑިއާއަށް ވަކިން ދިން މައުލޫމާތުގައި ވެސް ބުނީ ކުޑަކުދިން ކަރަންޓީނުވާން ޖެހޭނެ ކަމަށާއި ލުއި ދެނީ ވެކްސިން ފުރިހަމަވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އެއާ އެކު އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ދަތުރުކުރުމުގައި ދިން ލުއިތައް އިއުލާނުކޮށް މިރޭ ގެޒެޓްކުރި ލިޔުމުގައި ބުނެފައި ވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ވެފައިވާ މީހުންނާ އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. މާލެއިންނާއި ރިސޯޓްތަކުންނާއި ޓޫރިސްޓް ގެސްޓް ހައުސް ހުންނަ ރަށްތަކުންނާއި އެހެން ރަށްރަށުން ވެސް މިގޮތަށް ދަތުރުކުރެވޭނެ އެވެ.

ދަތުރުކުރުމަށް ހުއްދަ ހޯދަން ޖެހޭނީ އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީކޮށް އެ ޕޯޓަލް މެދުވެރިކޮށެވެ.

މިގޮތަށް ހުއްދަ ދީފައި ވިޔަސް މޮނިޓަރިންގެ ހާލަތުގައި ރިޒޯޓް އޮތް ނަމަ، އެ ރިޒޯޓަކުން ދަތުރެއްނުކުރެވޭނެ އެވެ. އަދި މޮނިޓަރިންގައި އޮންނަ ރަށްރަށުން ވެސް ދަތުރެއް ނުކުރެވޭނެ އެވެ.

ރާއްޖެއިން އަންނަ މީހުންގެ ތެރެއިން، ޑަބްލިޔު،އެޗް.އޯ އިން އިމަޖެންސީގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާނަމަ، ރާއްޖެއަށް އެތެރެވި އިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް އޮތް ނަމަ ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހު އެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ ޓެސްޓުކޮށް ކޮވިޑަށް ނެގެޓިވް ވުމުންނެވެ.

މިއަދު ދިން ލުއިތަކުގައި، މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ކާފިއު ވެސް އުވާލާނެ އެވެ. އަދި ފިހާރަތަކާއި ކެފޭތައް ހުޅުވާ ގަޑިވެސް އިތުރުކޮށް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ.