Roadha Mihaaru
ބަލި ޖެހޭ މީހުން ގިނަވާ ނަމަ ވެކްސިނަށް ބުރޫއަރާނެ

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ގިނަވާ ނަމަ ވެކްސިނަށް ބުރޫއަރާނެ: އެޗްއީއޯސީ

02 ފެބުރުއަރީ 2021

ރާއްޖެ އިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ ކޮވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެންމެންނަށް އަވަހަށް ދީ، ބަލިން އަރައިގަތުމަށް ކުރާ މަސައްކަތަށް ބުރޫއަރާނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ ކޮވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެންމެންނަށް އަވަހަށް ދީ، ބަލިން އަރައިގަތުމަށް ކުރާ މަސައްކަތަށް ބުރޫއަރާނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް ދަށްވުމަށް ފަހު މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުން ވަނީ އިތުރުވެފަ އެވެ. މި ހަފުތާގައި ޕޮޒިޓިވް ކޭސްތައް ކޮންމެ ދުވަހަކު ވެސް 100 އިން މައްޗެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި ޕޮޒިޓިވް ކޭސްތައް އުޅެނީ 215 ގައި ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފަށާފައި ވަނިކޮށް، ބަލިޖެހޭ މީހުން މިހާ ގިނަވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިއީ، ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ގިނަވުން ކަމަށާއި އޭރަށް ސިއްހީ ނިޒާމަށް އަނެއްކާވެސް ބާރުބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

"ޕޮޒިޓިވް ކޭސް އިތުރުވެ އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވާއިރު ހެލްތު ކެއާ ވޯކާސް އެބަ ބޭނުންވޭ ބަލި މީހުންނަށް އެޓެންޑްވާން. އެހެންވީމާ ވެކްސިން ދޭން މި ކުރާ މަސައްކަތަށް ވެސް އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެންނަށް ވެކްސިން ޖެހުމަށާއި ބަލި މީހުންނަށް ފަރުވާ ދޭން ވެސް ތިބީ އެއް ބައެއް ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

ވެކްސިން ޖެހުމުގައި ތަރުތީބުތަކެއް ކަނޑައަޅާފައިވާ އިރު އެންމެ ފުރަތަމަ އިސްކަންދެނީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. އެ ކެޓަގަރީ ނިންމަން 10 ދުވަސް ކަނޑައަޅާފައި އޮތަސް ކޮވިޑު ޖެހޭ މީހުން ގިނަވާ ނަމަ އެ މުއްދަތަށް ނުނިމި ލަސްވެދާނެ ކަން ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވެކްސިން ޕްރޮގްރާމް އަވަހަށް ނިންމާލެވޭނީ ބައްޔަށް ޕޮޒިޓިވްވުން މަދުކޮށްގެންނެވެ. އެކަން ކުރެވެން އޮތީ ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް، އިރުޝާދުތަކަށް އެންމެން ބޯލަނބައިގެން ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ޕްލޭންކޮށްފައި އޮތީ ރާއްޖޭގައި މިހާރު ހުރި ކޮވިޝީލްޑުގެ 100،000 ޑޯޒު ވީހާވެސް އަވަހަކަށް ދީ ނިންމުމެވެ. ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ގެނެވޭނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ މީހަކަށް ދެ ޑޯޒު ދީ ހަ މަސް ތެރޭގައި ވެކްސިން ޕްރޮގްރާމް ނިންމާލުމެވެ.