Roadha Mihaaru
އުއްމީދަކީ ތިން މަސް ތެރޭ އޮކްސްފޯޑް ވެކްސިން ލިބުން

އުއްމީދަކީ ތިން މަސް ތެރޭގައި އޮކްސްފޯޑް ވެކްސިން ލިބުން: އެޗުއީއޯސީ

21 ޖެނުއަރީ 2021

ކޮވިޑްް-19އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން ހޯދުމަށް، ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއިކޮށްފައިވާއިރު، އުއްމީދަކީ ކުރިއަށް އޮތް ތިން މަސްތެރޭގައި އެ ވެކްސިން ލިބުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑްް-19އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން ހޯދުމަށް، ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއިކޮށްފައިވާއިރު، އުއްމީދަކީ ކުރިއަށް އޮތް ތިން މަސްތެރޭގައި އެ ވެކްސިން ލިބުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސިންގަޕޫރު ކުންފުނި، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީން ވެކްސިން ލިބޭނެ ސީދާ ތާރީޚު ބުނަން އެ ކުންފުންޏަށް ވެސް އުނދަގޫ ކަމަށާއި އެކަމަކު އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ރާއްޖެ އަށް އެ ވެކްސިން ލިބުން ކަމަށެވެ.

"ވެކްސިން ލިބޭނެ ޔަގީން ތާރީހު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ،" ދިވެހި ސަރުކާރުގެ ހަރަދުގައި ގެންނަ ވެކްސިނާ ގުޅޭގޮތުން ނަޒްލާ ވިދާޅުވި އެވެ.

ސިންގަޕޫރު ކުންފުނިން، ހަތް ލައްކަ ޑޯޒްގެ ވެކްސިން ގެނައުމަށް ވަނީ ނިންމައިފަ އެވެ.

އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑު ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން މިދިޔަ މަހުގެ ފަހުކޮޅު ހުއްދަ ދީފައިވާއިރު، ބައެއް މީހުންނަށް ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި 100،000 ޑޯޒްގެ ވެކްސިން އިއްޔެ ރާއްޖެ ގެނެސްފައިވާއިރު އެއީ އެ ގައުމުން ދިން ހިލޭ އެހީ އެކެވެ. ވެކްސިން މިހާރު ލިބުނަސް އެ ދޭން ފަށާނީ، ޑަބްލިއުއެޗްއޯއިން އެ އަށް ހުއްދަ ދޫކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ސިންގަޕޫރު ކުންފުނިން ވެކްސިން ހޯދާ އަގާއި އިތުރު ތަފުސީލުތައް އަދި ހާމައެއް ނުކުުރެ އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި، ވެކްސިން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގައުމުތަކާ މަޝްވަރާ ކުރަނީ ވަކިވަކިންނެވެ. އެހެންވެ، ވަކި ގައުމަކަށް ދިން އަގު ހާމަ ކުރުމުން ކުންފުންޏަށް އޭގެ ދަތިކަން ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަހުން އެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެޗްއީއޯސީން ބުނިގޮތުގައި އިންޑިއާ އާއި ސިންގަޕޫރު ކުންފުނީގެ އިތުރުން، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމައި، އެޕްލިކޭޝަން މިހާރު ވަނީ ހުށަހަޅައިފަ އެވެ. ވެކްސިން ހޯދުމަށް، އިތުރު ގައުމުތަކާއި ކުންފުނިތަކާ ދިވެހި ސަރުކާރުން ވާހަކަ ދައްކަމުން އަންނައިރު، އެ މަޝްވަރާތަކުގެ ތެރެއިން އިތުރު އަލިމަގުތައް ފެނުމުގެ އުއްމީދު އެބައޮތް ކަމަށް އެ ސެންޓަރުން ބުންޏެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެއްވެސް އިތުރު ފަރާތަކަށް ބަރޯސާ ނުވެ، ވެކްސިން ލިބޭނެ ސަޕްލައި ކަށަވަރު ކުރުން. ވެކްސިން ލިބޭނެ މަގުތައް މިހާރު ވެސް މި ހޯދަނީ ވަރަށް ހަނި ފުރުސަތުތަކުގެ ބޭނުންކޮށްގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓަރީކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް އެ ޕްރޮގްރާމް ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.