Roadha Mihaaru
ޕޮޒިޓިވް އަދަދު ދަށް ނުވަނީ ވެކްސިން ޖެހުން މަދުވާތީ

ޕޮޒިޓިވްވާ އަދަދު ދަށް ނުވަނީ އެކަށީގެންވާ ވަރަށް ވެކްސިން ނުޖެހޭތީ: އެޗްއީއޯސީ

10 މާޗް 2021

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހާ މީހުންގެ އަދަދު ގިނަ ނަމަވެސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވަނީ އެކަށީގެންވާ ވަރަށް އަދިވެސް ވެކްސިން ނުޖެހޭތީ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހާ މީހުންގެ އަދަދު ގިނަ ނަމަވެސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވަނީ އެކަށީގެންވާ ވަރަށް އަދިވެސް ވެކްސިން ނުޖެހޭތީ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ރާއްޖޭގައި ފެށި ނަމަވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާ ކަން ފާހަގަކުރައްވަމުން އެޗްއީއޯސީގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވީ އަދިވެސް އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހާފައި ނުވާ ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ މީހުން ވެކްސިން ޖަހަން އޭނާ ބާރުއެޅުއްވި އެވެ.

"މި ވަގުތު އަދި ކޭސްތައް ދަށްވަމުން ނުދަނީ އަދި ތަންކޮޅެއް މަދު ވެކްސިން ޖެހިފައި ތިބި މީހުންގެ އަދަދު. މިއަށް ވުރެ ބޮޑަށް ވެކްސިން ޖެހިގެން ބަލި ފެތުރުން މަދުކުރެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވާން ވެކްސިން ޖަހަން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނަށް އިސްކަންދީގެން ވެކްސިން ޖަހަން އެންމެ ފުރަތަމަ ކުރި ނަމަވެސް، މާލެ ސަރަހައްދުގައި މިހާރު 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

މިހާތަނަށް މުޅި ރާއްޖެއިން 165،675 މީހުންނަށް ވެކްސިން ޖަހާފައިވާ އިރު، މާލެ ސަރަހައްދުން 95،362 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ. ރާއްޖޭގެ ޖުމްލަ އާބާދީގައި ހިމެނޭ 451،622 މީހުންގެ ތެރެއިން 48 ޕަސެންޓު މީހުން އުޅެނީ މާލޭގައި ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. އެހެންވެ، މާލެ ސަރަހައްދުން 95،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖެހުމުން މިއީ މާލޭގެ އާބާދީގެ 43 ޕަސެންޓެވެ.

ރާއްޖެ އަށް މިހާރު އައިސްފައި މިވަނީ ކޮވިޑްގެ ތިން ވަނަ ރާޅު ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރެވޭނީ ވީހާ ވެސް ގިނަ މީހުން ވެކްސިން ޖަހައިގެން ކަމަށް ޑރ. ނަޒްލާ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިހާތަނަށް 21،034 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2،535 މީހުންނެވެ. މި ބަލި ޖެހިގެން 64 މީހަކު ވަނީ މަރުވެފަ އެވެ.