Roadha Mihaaru
އިންޑިއާގެ ޓޫރިސްޓުން ރާއްޖޭގެ ދަތުރުތައް ފަސްކުރަނީ

ކޮވިޑްގެ އާ ވޭރިއަންޓުގެ ސަބަބުން، އިންޑިއާގެ ޓޫރިސްޓުންގެ ދަތުރުތައް ފަސްކުރަނީ

07 ޑިސެމްބަރ 2021

ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޮން ގެ ސަބަބުން، އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ފަސްކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޮން ގެ ސަބަބުން، އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ފަސްކުރަން ފަށައިފި އެވެ.

އެ ގައުމުގެ ޓްރެވެލް އެޖެންސީތަކާއި އެއާލައިންތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، މިއީ ދެ ގައުމުން ވެސް އާ ވޭރިއަންޓް ފެނިފައިވާތީ އައި ބަދަލެކެވެ. އެގޮތުން، މި މަހުގެ ފަހުކޮޅާއި އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަންނަން ބުކިން ހައްދާފައިވާ ޓޫރިސްޓުންގެ ދަތުރުތައް އަންނަ އަހަރުގެ މާޗު މަހަށް ފަސްކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ގައުމުގެ ޓްރެވެލް އެޖެންޓް ފެޑަރޭޝަންގެ ޖޮއިންޓް ސެކްރެޓަރީއާ ހަވާލާދީ ބުނިގޮތުގައި، ފިނި މޫސުމާ ދިމާކޮށް ގިނަ ބަޔަކު ރާއްޖެ އަންނަން ބުކިން ހެއްދި ނަމަވެސް ކެންސަލް ކުރުމުން ރިފަންޑް ނުލިބޭތީ ދަތުރުތައް ފަސް ކުރަނީ އެވެ. ނަމަވެސް ދަތުރު ކުރާ މީހުންގެ އަދަދަށް އަދި މާބޮޑު ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން ރާއްޖެ އަށް ދަތުރު ކުރަމުން އަންނަނީ ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ "ޓްރެވެލް ބަބުލް"ގެ ދަށުންނެވެ. މި އަހަރުގެ މިހާތަނަށް 261،164 ޓޫރިސްޓުން އިންޑިއާ އިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 79 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިން މިހާތަނަށް ފެނުނީ ކޮވިޑްގެ އާ ވޭރިއަންޓުގެ އެންމެ ކޭހެކެވެ. މި ވޭރިއަންޓަށް ޕޮޒިޓިވް ވީ ސައުތު އެފްރިކާ އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެކެވެ. އެ މައުލޫމާތު ލިބިފައިވަނީ ޖީނޯމިކް ސީކުއެންސިން ހެދުމަށް މިދިޔަ އަންގާރަ ދުވަހު ރާއްޖެ އިން ބޭރަށް ފޮނުވި ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ.

ރާއްޖެ އިން އޮމިކްރޮން ވޭރިއަންޓު ފެނުމުން ހޮންކޮންގުން ވަނީ ރާއްޖެ އަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ.