Roadha Mihaaru
ޗެރިޓީއަކަށް އެވަރެސްޓް ފަރުބަދަ އަށް އަރަނީ

ޗެރިޓީއަކަށް ފައިސާ ހޯދަން ލަވަކިޔުންތެރިޔަކު އެވަރެސްޓް ފަރުބަދަ އަށް އަރަނީ

31 މާޗް 2021

ޗެރިޓީއަކަށް ފައިސާ ހޯދަން އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މައިކް ޕޮޒްނާ ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވަރެސްޓަށް އަރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗެރިޓީއަކަށް ފައިސާ ހޯދަން އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މައިކް ޕޮޒްނާ ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވަރެސްޓަށް އަރަން ނިންމައިފި އެވެ.

އޭނާ ބުނީ ގޯފަންޑްމީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ޑިޓްރޮއިޓް ޖަސްޓިސް ސެންޓަރަށް ފައިސާ ހަދިޔާކުރަން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އެގޮތުން އެވަރެސްޓް ފަރުބަދަ އަށް އެރުމުގެ މަސައްކަތްް ޕޮޒްނާ ކުރިއަށް ގެންދާނީ އަންނަ މަހާއި މެއި މަހުގެ ތެރޭގަ އެވެ.

"އައި ޓުކް އަ ޕިލް އިން އިބިޒާ" ފަދަ މަގުބޫލު ލަވަތައް ގެނެސްދީގެން ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި ޕޮޒްނާ ބުނީ ޗެރިޓީއަކަށް އެހީވާން ހަރަކާތެއް ހިންގުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ކުރިން މިކަހަލަ ކަންކަން އަހަރެން އެމެރިކާގައި ކުރީ އަމިއްލަ ހިތްހަމަޖެހުމަށް. އެކަމަކު މި ފަހަރު އޭޝިއާގައި ހުރި ދުނިޔޭގެ އެންމެ އުސް ފަރުބަދަ އަށް އަރަން ނިންމީ އެހެން ބަޔަކަށް އެހީވުމުގެ ގޮތުން." އޭނާ ބުންޏެވެ.

ޕޮޒްނާ، 33، އަކީ ކުރިން އެމެރިކާގެ ހަ މަސް ދުވަހުގެ އެއްގަމު ދިގު ދަތުރެއް ތަޖުރިބާކޮށްފައިވާ މީހެކެވެ. ނިއު ޖާޒީގެ އެޒްބަރީ ޕާކުން ފެށި ދަތުރު ނިންމައިލީ ކެލިފޯނިއާގެ ވެނިސް ބީޗުންނެވެ.

އެވަރެސްޓް ފަރުދަބަ އަށް އެރުމުގެ ތައްޔާރީތައް ޕޮޒްނާ ވަމުން އަންނަތާ މިހާރު ދޮޅު އަހަރުވެއްޖެ އެވެ. އެގޮތުން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މީހާ ވަރުގަދަވާން ގިނަ ޓްރޭނިންތަކެއް ހަދާފައިވެ އެވެ.

ޕޮޒްނާ އެހީވާން ނިންމާފައިވާ ޑިޓްރޮއިޓް ޖަސްޓިސް ސެންޓަރަކީ ޖިނާއީ އިންސާފު ހޯދައިދޭން ވަރަށް ބޮޑަށް މަސައްކަތްކުރާ ތަނެކެވެ.

"އެވަރެސްޓަށް އަރަން ނިންމީ އެ ދާއިރާ އަށް ސާޅީސް އަހަރު ވަންދެން ބައްޕަ ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ހަނދާން އާކުރުމުގެ ގޮތުން." ޑިފެންސް އެޓާނީއެއްގެ ގޮތުގައި މަސައްކަތް ކުރަނިކޮށް 2017 ގައި މަރުވިި ބައްޕައާ ބެހޭ ގޮތުން ޕޮޒްނާ ބުންޏެވެ.

ޕޮޒްނާ އަކީ މިހާތަނަށް ފަސް އަލްބަމް ނެރެފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމަކީ 2019 ގެ "ކީޕް ގޮއިން" އެވެ. އަދި މިދިޔަ އަހަރު "އޮޕަރޭޝަން: ވޭކަޕް" ކިޔާ އަލްބަމެއްގެ މަސައްކަތް ފަށާފައިވެ އެވެ.