Roadha Mihaaru
ބަލި މީހުންނަށް 650،000 ޑޮލަރު މާފުކޮށްދީފި

ޑޮކްޓަރަކު ބަލި މީހުންނަށް 650،000 ޑޮލަރު މާފުކޮށްދީފި

11 ޖެނުއަރީ 2021

އެމެރިިކާގައި ޑޮކްޓަރަކު ހިންގާ ކްލިނިނަކުން ކެންސަރު ބައްޔަށް ފަރުވާ ހޯދި ބައެއްގެ ބިލްތަކަށް ނުދެއްކި އޮތް 650،000 ޑޮލަރު މާފުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިިކާގައި ޑޮކްޓަރަކު ހިންގާ ކްލިނިނަކުން ކެންސަރު ބައްޔަށް ފަރުވާ ހޯދި ބައެއްގެ ބިލްތަކަށް ނުދެއްކި އޮތް 650،000 ޑޮލަރު މާފުކޮށް ދީފި އެވެ.

"ދި އާކަންސަސް ކެންސަ ކްލިިނިކް" ހިންގަވާ ޑރ. އުމަރު ޓީ. އަތީގް މި ވާހަކަ އާންމުކުރެއްވީ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގަ އެވެ. ފަރުވާ ހޯދި 200 އެއްހާ މީހުންގެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާ މާފުކޮށްދިންކަން ހާމަކުރައްވައި އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ބިލްތަކުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބަޔަކީ އިންޝުއެރެންސްކޮށްފައިވާ ތަންތަނުން ދައްކައިދޭ ބިލްތައް ކަމަށް ވިޔަސް، އިންޝުއަރެންސްގައި ނުހިމެނޭ އަދަދުތަކަށް ފައިސާ ދައްކަން ބައެއް މީހުންނަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ކަންތައްތައް ހަމަޖެހިފައި އޮތް ގޮތުން އަހަރެމެންގެ ސިއްހީ ނިޒާމު އަދި އޮތީ މިފަދަ ގޮތަކަށް ބައްޓަންވެފައި،" ހިދުމަތުގައި އުޅުއްވާތާ 29 އަހަރުވީ ޑޮކްޓަރު ވިދާޅުވި އެވެ.

ސީއެންއެންއާ ވާހަކަ ދައްކަމުން އަތީގް ވިދާޅުވީ ބިލްތައް މާފުކޮށް ދިނުމަކީ ބަޔަކަށް ކޮންމެވެސް ގޮތަކަށް އެހީވެވުން ކަމަށާއި މިފަދަ ކަމެއް ކުރުމުގެ ފުރުސަތު ލިބުނީތީ އޭނާ ޝުކުރުވެރިވާ ކަމަށެވެ.

"އަބަދު ވެސް އަހަރެންގެ ސިކުނޑީގައި އޮންނަ ކަމެއް ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހިއްޖެ ނަމަ އެކަމުގެ ފޯރުންތެރިކަން ކިހާ ވަރަކަށްތޯ އާންމުންގެ ކިބައިގައި ހުންނަނީ. އެއީ ވަރަށް ފިކުރުކުރާ ކަމެއް. ފައިސާ ނެތިގެން ބޭސް ފަރުވާ ނުކުރެވުމަކީ ވަރަށް ބޮޑު ހިތްދަތި ކަމަކަށް ވާނެ،" ހަތަރު ކުދިންގެ ބައްޕަ އަތީގް ވިދާޅުވި އެވެ. "އިންޝޫރަންސްގެ ތެރެއިން ހުރިހާ ބައްޔަކަށް ފަރުވާ ހޯދެން ނެތުމާއި ހިދުމަތްތައް އަގުބޮޑުވުން ފަދަ ކަންކަމަކީ ވަރަށް ގިނަ ބަޔަކު ވިސްނާނެ ކަންކަން."

ޑރ. އަތީލް އާއިލާއާ އެކު.

ޑރ. އަތީލް އާއިލާއާ އެކު.

އެހެންވެ މި ވިސްނުމާއި ފިކުރުގެ ތެރެއިން އާ އަހަރުގެ ހަދިޔާއަކަށް ޑޮކްޓަރު، އޭނާގެ ގާތުން ފަރުވާ ހޯދި މީހުންނަށް ފޮނުއްވީ އެ މީހުންގެ ބިލްތައް މާފުކޮށްދިންކަމުގެ ވާހަކަ ހިމެނޭ ކާޑެވެ.

ޕާކިސްތާނަށް ނިސްބަތްވާ އަތީގް ވިދާޅުވި ގޮތުގައި މާފުކޮށް ދިން ބިލްތަކުގެ ތެރޭގައި ހާހުން ދިހަހާހުން މަތީގެ ބިލްތައް ހިމެނެ އެވެ. ބިލްތަކުގެ ޖުމްލަ އަދަދަކީ 650،000 ޑޮލަރު (10,023,000ރ.) އެވެ.

"ސިއްހީ ހިދުމަތަކަކީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އިންސާނީ ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ. "އެއީ ވިސްނުން އަބަދު ވެސް އަހަރެމެންގެ ކްލިނިކުން ހަނދާން ނައްތައެއް ނުލާ."

ނަމަވެސް ތިރީހަކަށް އަހަރު ފަހުން އުމަރުގެ "އާކަންސަސް ކެންސަ ކްލިނިކް" މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު އެތަން ބަންދުކުރި އިރު ކްލިނިކުން ފަރުވާ ހޯދަމުން ދިޔަ ބަލިމީހުންގެ ފަރުވާ އެހެން ތަނެއްގައި ފުރިހަމަކުރުމުގެ މަގުފަހިކޮށް ފަހިކޮށް ދީފައިވެ އެވެ.

ކްލިނިކް ބަންދުކުރުމަށް ފަހު އުމަރު މަސައްކަތް ކުރައްވަނީ ޔުނިވަސިޓީ އޮފް އާކަންސަސް ފޯ މެޑިކަލް ސައިންސެސްގެ ދަށުން ހިންގަމުން އަންނަ ރޮކްފެލާ ކެންސަ ސޮސައިޓީގަ އެވެ. އެތަނުގައި އޭނާ މަސައްކަތްކުރައްވަނީ ހެޑް އެންޑް ނެކް ސާޖަރީގެ ފުލް ޓައިމް ޕްރޮފަސަރެއްގެ މަގާމެވެ.