Roadha Mihaaru
ހޮސްޕިޓަލެއްގެ ހުރިހާ މުވައްޒަފުންނަށް ހިލޭ ޗުއްޓީ ދަތުރު

ހޮސްޕިޓަލެއްގެ ހުރިހާ މުވައްޒަފުންނަށް ހިލޭ ޗުއްޓީ ދަތުރު

11 މެއި 2020

ކޮރޯނާވައިރަސް ފެތުރޭ މި ދަތި ހާލަތުގައި ސިއްހީ އެހީތެރިން އުފުލަމުން ބުރަ އާއި އެ މީހުން ކުރާ މަސައްކަތުގެ އަގު އެކި ގޮތްގޮތަށް އެކި ގައުމުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު ކަމަށްވާ އެމެރިކާގެ ހޮސްޕިޓަލެއްގެ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށް މި ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ. އެއީ ހަޔަޓާއި އެމެރިކަން އެއާލައިންސުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސް ފެތުރޭ މި ދަތި ހާލަތުގައި ސިއްހީ އެހީތެރިން އުފުލަމުން ބުރަ އާއި އެ މީހުން ކުރާ މަސައްކަތުގެ އަގު އެކި ގޮތްގޮތަށް އެކި ގައުމުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު ކަމަށްވާ އެމެރިކާގެ ހޮސްޕިޓަލެއްގެ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށް މި ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ. އެއީ ހަޔަޓާއި އެމެރިކަން އެއާލައިންސުންނެވެ.

އެ ދެ ތަނުން ދިން ހަދިޔާ އަކީ އެމެރިކަން އެއާލައިންސް ދަތުރުކުރާ އެ ގައުމާއި ކެރީބިއަންގެ މަންޒިލްތަކުގެ ތެރެއިން ހަޔަޓްގެ ހޮޓާތައް ހުންނަ ތަންތަނުގައި ހިލޭ ތިން ދުވަހުގެ ޗުއްޓީ ދަތުރެއް ހޭދަކޮށްލުމެވެ.

މި ހަދިޔާ ދީފައި ވަނީ ނިއު ޔޯކް ހެލްތު + ހޮސްޕިޓަލްސް/އެލްމާސްޓްގެ މުވައްޒަފުންނަށެވެ. މުވައްޒަފުންގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. އެކަމަކު އެއްވެސް މުވައްޒަފަކު އިސްތިސްނާ ނުވާ ގޮތަށް ޗުއްޓީ ދަތުރި ދީފައިވެ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފިޒިޝަން އެސިސްޓަންޓުންނާއި ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގައި މަސައްކަތްކުރާ އެކި ފަންތީގެ މުވައްޒަފުން ހިމެނެ އެވެ.

މި ހަދިޔާ އަށް ޝުކުރު އަދާކުރަމުން ހޮސްޕިޓަލް ސީއީއޯ އިޒްރާއީލް ރޯޝާ ވިދާޅުވީ އެމެރިކާގެ ބޮޑު ދެ ކުންފުންޏަކުން ސިއްހީ އެހީތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، އެ މީހުން އުފުލާ ބުރައިގެ ތެރެއަށް ހިތްހަމަޖެހުމެއް ގެނެސްދޭނެ ހަދިޔާއެއް ދިނުމަކީ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަން ހުރިހާ މުވައްޒަފުން ވެސް ބަލައިގަންނާނީ އިހުލާސްތެރި ހިތަކާ އެކީގައި ކަމަށް ވިދާޅުވި އެވެ.

"ތި ދެ ކުންފުނި ގުޅިގެން ދިން ހަދިޔާ އަކީ އަކީ އަހަރެމެންގެ މޫނުމައްޗަށް ހިނިތުވުން ގެނުވި ކަމަށް،" ރޯޗާ ވިދާޅުވި އެވެ. "ވަރަށް ބޮޑަށް އުންމީދުކުރެވޭ ކައިރި މުސްތަގުބަލެއްގެ ތެރޭގައި ހަދިޔާގެ ބޭނުން މުވައްޒަފުންނަށް ހިފޭނެ ހާލަތެއް މެދުވެރިވާނެ ކަމަށް."

މުވައްޒަފުންނަށް ހަދިޔާދޭން ބޭއްވި ވީޑިއޯ ކޮންފަރެންސިން އިވެންޓްގައި އެމެރިކަން އެއާލައިންސްގެ ރައީސް ރޮބަޓް އައިޒަމް ވިދާޅުވީ އެލްމާސްޓްގެ މުވައްޒަފުން ކޮރޯނާވައިރަހުގެ މި ބިރުވެރި ހާލަތުގައި އަދާކުރަނީ އާދައިގެ މީހަކަށް ތަސައްވަރު ވެސް ނުކުރެވޭ ވަރުގެ ގައުމީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އަމިއްލަ ފުރާނަ އަތަށް ލައިގެން ނިއު ޔޯކްގެ ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތް ހިތުގެ އަޑިން ބަލައިގަންނަ ވިދާޅުވި އެވެ.

"އަހަރެން ގަބޫލުރަނީ މި ހަދިޔާ އަކީ ކުރިއަށް އިތް ދުވަސްތަކުގައި މުވައްޒަފުންނަށް ރިޗާޖްވެލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް. ތިއީ ހަމަ ގައުމީ ބަތަލުން. އަބަދު ވެސް ތި ހިދުމަތުގެ އަގުވަޒަން ކުރާނަން." އޭނާ ވިދާޅުވި އެވެ.

ނިއު ޔޯކަކީ އެމެރިކާގެ ސިޓީތަކުގެ ތެރެއިން ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑު ސިޓީ އެވެ. އެ ސިޓީން މިހާތަނަށް 333،000 މީހުންނަށް ބަލި ޖެހިފައިވާ އިރު މަރުވި މީހުންގެ އަދަދު 21،270 އަށް ވުރެ ގިނަ އެވެ.