Roadha Mihaaru
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ

ނައިކީގެ އާ ބޫޓް ކަލެކްޝަން ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަ

17 ނޮވެމްބަރ 2019

ކުޅިވަރަށް ހާއްސަ އުފެއްދުންތައް ނެރޭ ނައިކީން މުޅިން އަލަށް، ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް އަންނަ މަހު ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅިވަރަށް ހާއްސަ އުފެއްދުންތައް ނެރޭ ނައިކީން މުޅިން އަލަށް، ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް އަންނަ މަހު ނެރެން ތައްޔާރުވެއްޖެ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި އެ ނޫން ވެސް ހެލްތު ޕްރޮފެޝަންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށް ނެރޭ ބޫޓް ކަލެކްޝަންގެ ނަމަކީ "ނައިކީ އެއާ ޒޫމް ޕަލްސް" އެވެ.

މި ބޫޓްތައް ތައްޔާރުކޮށްފައި ވަނީ ފަސޭހައިން އަރައިލެވޭ ގޮތަށް އަދި ގިނަ ވަގުތުގައި މަސައްކަތްތަކުގައި އުޅޭ އިރު، ފަޔަށް ލިބޭ ވަރުލަބަލިކަމާއި އެ ނޫން ވެސް މައްސަލަތަކުން ރައްކާތެރިކޮށްދޭ ގޮތަށެވެ.

އެގޮތުން މި ބޫޓްތައް ފަރުމާކޮށްފައި ވަނީ އެމެރިކާގެ ޕޯޓްލެންޑްގެ އޯއެޗްއެސްޔޫ ޑޮއާންބެޗ ޗިލްޑްރެންސް ހޮސްޕިޓަލްގެ މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅި ހުންނަ ގޮތް ބަލައި އެތަނުގެ މުވައްޒަފުންގެ ލަފަ އާއި އިރުޝާދު ވެސް ހޯދައިގެންނެވެ.

ނައިކީން ބުނިގޮތުގައި "ނައިކީ އެއާ ޒޫމް ޕަލްސް" އަކީ ގިނަ ވަގުތު މަސައްކަތުގައި ހާއްސަކޮށް، ގިނަ ވަގުތު ކޮއްޅަށް ވެސް ތިބެގެން މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑު ލުޔަކަށް ވާނެ އެވެ.

"ފަޔަށް ވަރަށް އަރާމުވާ ގޮތަށް މީތި އިންނާނީ. އެގޮތުން އެތެރޭގައި އިންނާނީ ހާއްސަ މެޓީރިއަލަކުން ތައްޔާރުކޮށްފައިވާ ކުޝަނެއް،" ނައިކީން ބުންޏެވެ. "މީތި އަހަރެން ބޮޑަށް ސިފަކުރާނީ ކްލޮގެއްގެ ގޮތުގައި. މާނަ އަކީ އަރާލަން، ބާލަން ފަސޭހަ އަދި ފެން އެޅުނަސް ބެލެންސް ނުގެއްލޭ ގޮތަށް މީތި އިންނާނީ. އެހެންވީމަ މަސައްކަތުގެ މާހައުލުގައި އުޅޭއިރު ފަޔަށް ވަރަަށް ވެސް ރައްކާތެރި ބޫޓްތަކަކަށް މި ބޫޓްތައްވާނީ."

އަންނަ މަހުގެ 7 ގައި "ނައިކީ އެއާ ޒޫމް ޕަލްސް" ނެރެން ނިންމި ނަމަވެސް ވިއްކާނެ އަގެއް އަދި އިއުލާނެއްނުކުރެ އެވެ.

ބޫޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަން ނިންމާފައި ވަނީ އޯއެޗްއެސްޔޫ ޑޮއާންބެޗާ ޗިލްޑްރެންސް ހޮސްޕިޓަލަށެވެ.