Roadha Mihaaru
ސިއްހީ އެހީތެރިންނަށް ގަތަރުން ހިލޭ 100،000 ޓިކެޓް

ސިއްހީ އެހީތެރިންނަށް ގަތަރު އެއާވެޒް އިން ހިލޭ 100،000 ޓިކެޓް

13 މެއި 2020

ކޮރޯނާވައިރަހާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި 100،000 ޓިކެޓް ހިލޭ ދޭން ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ގަތަރު އެއާވޭޒް އިން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި 100،000 ޓިކެޓް ހިލޭ ދޭން ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ގަތަރު އެއާވޭޒް އިން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވައިލީ އަންގާރަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެންނެވެ. ގަތަރު އެއާވޭޒް އިން ބުނީ ހިލޭ ދޫކުރާ ޓިކެޓް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ޝަރުތު ހަމަވާ މީހުންނަށް އެ މީހަކު އިހުތިޔާރުކުރާ އިތުރު ބައިވެރިޔަކު ގޮވައިގެން ދަތުރުކުރެވޭނެ ކަމަށެވެ.

އެގޮތުން ހިލޭ ދޫކުރާ ޓިކެޓްގައި ގަތަރު އެއާވޭޒް އުދުހޭ ކޮންމެ މަންޒިލަކަށް ވެސް ދެވޭނެ ފުރުސަތު އޮންނާނެ އެވެ. އަދި ދަތުރުތަކަށް ޓިކެޓް ބުކިން ހަދައި ދަތުރުކުރެވޭނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 26 އިން ފެށިގެން ޑިސެމްބަރު މަހުގެ 10 އާ ދޭތެރޭގަ އެވެ.

ގަތަރު އެއާވޭޒުން ބުނީ ޓިކެޓް ބުކްކުރުމަށް ފަހު، ފަހުން ދާން ބޭނުންވާ މަންޒިލާއި ތާރީހު ވެސް ބަދަލުކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއީ ދެކޮޅު ދަތުރުގެ ހަރަދާ އެކު ދޫކުރާނެ ޓިކެޓްތަކެވެ. އަދި ޓިކެޓް ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ މީހުންނަށް އިސްކަންދީގެންނެވެ.

މީގެ އިތުރުން ޓިކެޓް ލިބޭ މީހުންނަށް ދޯހާގެ ހަމަދު އިންޓަނެޝަނަލް އެއާޕޯޓް (އެޗްއައިއޭ) ގައި ހުންނަ ގަތަރު ޑިއުޓީ ފްރީ ފްރީ ތަންތަނުން ވިޔަފާރިކުރަން 35 ޑިިސްކައުންޓް ލިބޭ ވައުޗާއެއް ވެސް ދޫކުރާނެ އެވެ.

ގަތަރު އެއާވޭޒް ގްރޫޕްގެ ޗީފް އެގްކެޒެޓިވް އަކްބަރު އަލް ބަކަރް ވިދާޅުވީ ސިއްހީ އެހީތެރިންނަށް ހިލޭ ޓިކެޓް ދޭން ނިންމީ، މި ވަގުތު މުޅި ދުނިޔެ ހަނގުރާމަކުރާ ފަރުވާއެއް ނެތް ކޮވިޑް-19އާ ދެކޮޅަށް އެންމެ ބުރަކޮށް މަސައްކަތްކުރާ މީހުންނަކީ އެއީ ކަމަށްވާތީ އެވެ. އަދި އެ މީހުންގެ މަސައްކަތުގެ އަގުވަޒަންކޮށް، ހިތްވަރުދީ، ޝުކުރުއަދާކުރުމަކީ މި ދަނޑިވަޅުގައި އެންމެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެެވެ.

"އެ މީހުން އެ އުފުލާ ބުރަ އަހަރެމެން ބަލައި ގަންނަނީ ހިތުގެ އިހުލާސްތެރި ލޯތްބާއި ޝުކުރާ އެކު،" އަކްބަރު ވިދާޅުވި އެވެ.