Roadha Mihaaru

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކަށް ލިބޭ އޯޓީ ލިމިޓް އުވާލައިފި

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލައިފި އެވެ.

ސިއްހީ ދާއިރާގެ ބަންދު ދުވަހުގެ އޯޓީ ލިމިޓު އުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 މާޗް 2025

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލައިފި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ރޭ ވަނީ ޕޭ ފްރޭމްވޯކަށް ބަދަލުތަކެއް ގެނެސް ގެޒެޓުކޮށްފަ އެވެ. އެ ބަދަލުތަކުގެ ތެރެއިން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ވަކާލާތުކުރަމުން ދިޔަ އިތުރު ގަޑީގެ ފައިސާ ދިނުމުގެ މައްސަލައަށް ވެސް ގާތްގަނޑަކަށް ހައްލެއް ލިބިފަ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވެސް ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.

އެހެންވެ، އެއީ، ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންނަށް އިންސާފެއް ކަމެއް އެ ޖަމިއްޔާއަކުން ގަބޫލެއް ނުކުރެ އެވެ.

އެ ގަވައިދަށް ގެނައި އާ ބަދަލާއެކު، ރޯދައިގެ ފަހު 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކާއި ކަލަންޑަރުގައި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އަދި ރައީސްގެ ދެންނެވުމަކުން ސަރުކާރު ބަންދުކުރާ ދުވަސްތަކަށް 10 ޕަސެންޓުގެ ލިމިޓު ނުލައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ނެރެގެން މަސައްކަތްކުރުވާ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހެ އެވެ.

އަލަށް ގެނައި ބަދަލަށް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ ތާއީދުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިއީ، 2023 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އިދާރާތަކުގައި ލޮބީކޮށް، ކުރަމުން ދިޔަ ކަންކަމުން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ސިއްހީ މަސައްކަތްތެރިންނަކީ ނުހަނު ހައްސާސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެ މީހުންގެ އާއިލާތަކާއި އަމިއްލަ ނަފްސުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ގިނަ ގުރުބާނީތަކެއް ވަމުންދާ ފަރާތްތަކެކެވެ. އެހެންކަމުން އެ ފަރާތްތަކުގެ އިންސާނީ އަދި ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލަމެވެ،" ޕޯސްޓުގައިވެ އެވެ.

ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނުގައި ބުނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތްތެރިން ހަފުތާއަކު ހަ ދުވަހު އަދި ދުވާލަކު ހަ ގަޑިއިރުގެ ޝިފްޓް ޑިއުޓީ ކުރުމުގެ އިތުރުން ރޯދަ މަހުގެ ފަހު 10 ގެ ބަންދުގައި ހިދުމަތުގައި ތިބޭއިރު، އެ ޔޫނިއަންގެ މެމްބަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.