Roadha Mihaaru
މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ގެނެސްދީފި

ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރައާ ގުޅޭ ޝަކުވާތަކަށް ރައީސްގެ ހައްލުތަކެއް ގެނެސް ދެއްވައިފި

13 ސެޕްޓެމްބަރ 2023

ސިިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ލިބުނު ޝަކުވާތަކާއި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުންތަކެއް މިއަދު ނިންމަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ލިބުނު ޝަކުވާތަކާއި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުންތަކެއް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، މި އެލަވަންސް ލިބޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަންގައިވާ ކަންކަމަށް ހައްލެއް ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް ވެސް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް ވެސް ރައީސް ވަނީ މިއަދު ނިންމަވައިފަ އެވެ.

މިއުވާން ވިދާޅުވި ގޮތުގައި 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އާ ހަމައަށް އިތުރު ކުރުމަށާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދިނުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި މަހު ކަނޑައެޅި މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މީހުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުން ރައީސް ވަނީ ނިންމުންތަކެއް ނިންމަވާފައި ކަމަށް މިއުވާން ވިދާޅުވި އެވެ.

އެގޮތުން އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތް ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާންކޮށްފައި ވާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

މިއުވާން ވިދާޅުވީ ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަދި އެ ބޭފުޅުންގެ ލަފާގެ މަތީން ކަމަށެވެ.

"މި ނިންމެވުންތަކާ އެކު ނަރުހުންނާއި، ޑަކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ،" މިއުވާން ވިދާޅުވި އެވެ.