Roadha Mihaaru
491 ޑޮކްޓަރަކާއި ނަރުހުންގެ ކަންބޮޑުވުން ރައީސަށް!

ޕްރޮމޯޝަން ދިނުން ހުއްޓައިލުމުން 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާއެކު ރައީސަށް ޕެޓިޝަނެއް

15 ސެޕްޓެމްބަރ 2021

ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑައިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ އެކު، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި އައިޖިއެމްއެޗްގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާ އެކު ރައީސް އިބްރާހިމް މުހައްމަަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑައިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ އެކު، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި އައިޖިއެމްއެޗްގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާ އެކު ރައީސް އިބްރާހިމް މުހައްމަަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި، ކަށީގެ ހާއްސަ ޑރ. ޔޫސުފް ޝާން "މިހާރު" އަށް ވިދާޅުވީ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލް އަށް ރިއާޔަތްކޮށް، ދޭ ގްރޭޑް ކުރިއެރުން ދިނުން ހުއްޓައިލަން ސީއެސްސީން ނިންމި ނިންމުމާ އެކު، ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ޑރ. ޝާން ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަން ރާއްޖެ އަށް ކުރިމަތިވުމާއެކު، މާލީ ދަތިތަކާ ހުރެ ޕްރޮމޯޝަން ދިނުން ވަރަށް ބޮޑަށް ލަސްވި ނަމަވެސް ޑޮކްޓަރުން އައީ ހުއްޓާނުލައި މަސައްކަތް ކުރަމުން ކަމަށެވެ. ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލް އަށް ރިއާޔަތްކޮށް ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެ ޕްރޮމޯޝަނަކީ މާބޮޑު ކުރިއެރުމެއް ނޫން މުސާރައިގެ ގޮތުން ބަލާ ނަމަ. އެ ކުރިއެރުމަކީ ވަރަށް ބޮޑު ހިތްވަރެއް މަސައްކަތުގައި ދެމި ހުރުމަށް. މޯޓިވޭޝަނަކަށް ވޭ. މުސާރައިގެ ގޮތުން ކުރިއަރާނީ 800 އެއްހާ ރުފިޔާ،" އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގާމުގެ ކުރިއެރުން ލިބުމުން މަސައްކަތް ކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށްވި ނަމަވެސް އެ ބައި ހުއްޓާލުމުން ޑޮކްޓަރުންނާއި ނަރުހުން ވެސް މާޔޫސްވާނެ ކަމަށެވެ. އެހެންވެ، އެކަމުގެ ނުރުހުން ފާޅުކޮށް ރައީސަށް ޕެޓިޝަން ހުށަހެޅީ މިއަދު މެންދުރެއްހާއިރެވެ.

"އެ ޕެޓިޝަންގައި ހުންނާނީ ސީއެސްސީގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައިފައި. އެއީ މި ކޮވިޑްގެ ތެރޭގައި އެހެން މީހުންގެ މަސައްކަތްތައް ވަރަށް ލުއިވިއިރު ވެސް އަޅުގަނޑުމެންގެ މަސައްކަތްވީ އިތުރަށް ބުރަ. އާއިލާއާ ދުރުގައި އެތައް ވަގުތެއް އުޅެން ޖެހުނު،" ޑރ. ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތްކުރި ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުންވި ނަމަވެސް މިކަމުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގެއްލުމުގައި ވެސް ގެއްލުން ކުރިމަތިވީ އެ މީހުންނަށެވެ.

މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާ އެކު ނުރުހުންވެ، ޑޮކްޓަރުންނާއި ނަރުހުންގެ ޕެޓިޝަނެއް ރައީސަށް ހުށަހެޅިއިރު މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުނެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސީއެސްސީން ވަނީ ފިނޭންސްގެ ލަފާގެ މަތިން ސިވިލް ސާވިސްގެ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދެވޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލަން ނިންމާފައިވާކަން ސާކިއުލާއެއް މެދުވެރިކޮށް އަންގައިފަ އެވެ.

އެ ޔޫނިއަނުން ބުނީ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް އެ މީހަކު ނަގާ ޒިންމާ އަދި ރިސްކާއި އެއްވަރުގެ އުޖޫރައެއް ލިބެންޖެހޭ ކަމަށެވެ. ކެރިއާ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް އޮތުމަކީ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ތަފާތު ކުރުމެއް ނެތި ލިބެން ޖެހޭ އަސާސީ ހައްގެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ވަޒީފާގެ އޮނިގަނޑެއް ނެތުމުން މަތީ ޑިގްރީއަކަށް ކިޔެވިޔަސް ވަޒީފާގެ ކުރިއެރުން ނުލިބި 15 އަހަރު ވެފައިވާ މުވައްޒަފުން އެބަ ތިބި ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.