Roadha Mihaaru
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ

އެމެރިކާގެ އޮފިޝަލަކު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ޕާކިސްތާނު މީހަކަށް ދައުވާކޮށްފި

12 ސެޕްޓެމްބަރ 2024

އީރާން ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އިސް އޮފިޝަލަކު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އީރާނާ ގުޅުން އޮންނަ ކަމަށް ބުނާ ޕާކިސްތާނު މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

އީރާން ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އިސް އޮފިޝަލަކު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އީރާނާ ގުޅުން އޮންނަ ކަމަށް ބުނާ ޕާކިސްތާނު މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޕްރޮސިކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ އާސިފް ރިޒާ މާޗަންޓް، 46، އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އަވަހާރަކޮށްލަން ހަމަލާދޭނެ މީހަކު ހޯދަން އުޅުނު ކަމަށެވެ.

"ފައިސާ ދީގެން މީހުން މަރަން އުޅުމާއި ޓެރަރިޒަމްގެ މި ދައުވާތަކުން އެނގެނީ އީރާނުންގެ ނުރައްކާތެރި ރޭވުންތައް އެމެރިކާއާ ދެކޮޅަށް ތަންފީޒުކޮށްދޭން އުޅޭ މީހުން ހޯދައި އެ މީހުންގެ އެ އަމަލުތަކަށް ޒިންމާކުރުވާނެކަން،" އެޓާނީ ޖެނެރަލް މެރިކް ގާލަންޑްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އީރާނުން ގައުމުން ބޭރުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ މޭސްތިރި ކަމަށް އެމެރިކާއިން ބުނާ ސުލައިމާނީ އަވަހާރަކޮށްލީ ޖެނުއަރީ 2020 ގައި އިރާގުގެ ވެރިރަށް ބަޣްދާދުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގަ އެވެ. މިކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާންގެ އެކި އޮފިޝަލުން ވަނީ ދެއްވައިފަ އެވެ.

"ތުހުމަތުކޮށްފައިވާ ގޮތަށް، އެމެރިކާގެ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ އޮފިޝަލުން އަވަހާރަކޮށްލަން މާޗަންޓް ރޭވި. މިއަދުގެ ދައުވާއަކީ މި ގައުމުގައި އަދި ގައުމުން ބޭރުގައި ތިބި ޓެރަރިސްޓުންނަށް ދޭ މެސެޖެއް،" އެމެރިކާގެ އެޓާނީ ބްރިއޯން ޕީސް ވިދާޅުވި އެވެ.

މާޗަންޓް ހަމަލާދޭން އުޅުނީ ކޮން ބޭފުޅަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެޓާނީ ޖެނެރަލް މީގެ ކުރިން ވިދާޅުވެފައިވަނީ ޕެންސިލްވޭނިއާގެ ބަޓްލަރުގައި ޖުލައި 13 ވަނަ ދުވަހު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއާ މާޗަންޓާ ގުޅުން ހުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޯފާ ރޭ ވިދާޅުވީ ޕާކިސްތާނުގެ މި މީހާ އަކީ އީރާނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށާއި، ކަން ކުރަން ރާވާފައިވާ ގޮތަށް ބަލާއިރު އިރު އެއީ "ސީދާ އީރާނުގެ ފޮތުން" ނަގާފައިވާ އޮތް ޕްލޭނެއް ކަމަށެވެ.

އެފްބީއައިގެ އެހެން އޮފިޝަލަކު ވިދާޅުވީ ހަމަލާދޭނެ މީހަކު ހޯދަން އާސިފް ކުރި މަސައްކަތުގައި މުއާމަލާތުކުރި މީހުންނަކީ ހަގީގަތުގައި އެފްބީއައިގެ އަންޑަކަވަ އެޖެންޓުން ކަމަށެވެ.

އާސިފް ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އޭނާ އެމެރިކާއިން ފުރައިގެން ދާން އުޅެނިކޮށެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މާޗަންޓް ޕާކިސްތާނަށް ގޮސް އެ ގައުމުން އެމެރިކާއަށް އައި ކަމަށެވެ. އަދި ސިޔާސީ ބޭފުޅަކު ނުވަތަ ސަރުކާރުގެ އޮފިޝަލަކު އަވަހާރަކޮށްލުމުގައި އޭނާއަށް އެހީތެރިވެދޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ މީހަކާ ގުޅި ކަމަށެވެ.

"އެ މީހާ މާޗަންޓްގެ މި ހަރަކާތްތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފަހު މަސައްކަތްކުރީ މާޗަންޓުގެ އަމަލުތައް ސިއްރުއް ފޯރުކޮށްދޭ މީހަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޯގަސްޓް 2022 ގައި އެމެރިކާ އިން ވަނީ އެމެރިކާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އީރާން މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އީރާން ސިފައިންގެ މީހެއް ކަމަށް ބުނާ އެ މީހާ ހައްޔަރެއް ނުކުރެވެ އެވެ. އެމެރިކާއިން ބުނާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ވަނީ ބޯލްޓަން އަވަހަރާކޮށްލައިފި ނަމަ 300،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އީރާނުން ވަނީ މިއީ ހިޔާލީ ވާހަކައެއް ކަމަށް ބުނެ އެމެރިކާގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ