Roadha Mihaaru

ފުރަތަމަ ފަހަރަށް މީހެއްގެ ބްލެޑާ ބަދަލުކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކާމިޔާބުކަމާ އެކު މީހެއްގެ ބްލެޑް ޓްރާންސްޕްލާންޓެއް ހަދައިފި އެވެ.

ފުރަތަމަ ފަހަރަށް މީހެއްގެ ބްލެޑާ ބަދަލުކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކާމިޔާބުކަމާ އެކު މީހެއްގެ ބްލެޑް ޓްރާންސްޕްލާންޓެއް ހަދައިފި އެވެ.

މިއީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް މިކަން ކުރި ފުރަތަމަ ފަހަރު ކަމަށް މި ޓްރާންސްޕްލާންޓް ކާމިޔާބުކުރި ރޮނާލްޑް ރޭގަން ޔޫސީއެލްއޭ މެޑިކަލް ސެންޓަރުން ބުންޏެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި މި ސާޖަރީއާ އަކީ، ބްލެޑާގެ ސީރިއަސް މައްސަލަތައް ދިމާވާ އެހެން މީހުންނަށް ލިބޭނެ އުއްމީދީ ކުރިއެރުމެއް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެ އެވެ.

ލޮސް އެންޖެލިސްގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހަތަރު ކުދިންގެ ބައްޕައެއް ކަމަށްވާ އޮސްކާ ލަރައިންޒާ، 41، މި ޕްރޮސީޖާ ހެދީ މީގެ އެތައް އަހަރެއް ކުރިން ކެންސަރު ބަލީގެ ސަބަބުން އޭނާގެ ބްލެޑާގެ ބޮޑު ބައެއް ނަގަން ޖެހިފައިވާތީ ކަމަށެވެ.

އޭގެ ފަހުން ލެރައިންޒާރުގެ ދެ ކިޑްނީ ވެސް ކެންސަރާއި އެޑްވާންސް ކިޑްނީ ބަލީގެ ސަބަބުން ސާޖަރީކޮށް ނަގައި، ހަތް އަހަރު ވަންދެން ޑައިލިސިސް ފަރުވާ ހޯދާފައިވެ އެވެ.

އޯގަން ޑޯނަރެއްގެ ފަރާތުން ދެ ބްލެޑާ އާއި ކިޑްނީއެއް ލިބުމުން އަށް ގަޑިއިރުގެ އޮޕަރޭޝަނެއްގައި ކާމިޔާބުކަމާ އެކު ޓްރާންސްޕްލާންޓް ހެދި އެވެ.

"ޑޮކްޓަރުން އެންމެ ފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓް ކުރީ. އޭގެ ފަހުން ބްލެޑާ. އެއަށްފަހު ކިޑްނީ އާއި ބްލެޑާއާ ގުޅާލީ އެ މީހުން އަމިއްލައަށް ދެނެގެންފައިވާ ޓެކްނިކްތަކެއް ބޭނުންކޮށްގެން،" ޔޫސީއެލްއޭގެ ބަޔާނުގައިވެ އެވެ.

މި ތާރީހީ ޓްރާންސްޕްލާންޓްގައި ބައިވެރިވި ސާޖަނުންގެ ތެރޭގައި ހިމެނޭ ޑރ.ނިމާ ނާސިރީ ވިދާޅުވީ މި ޕްރޮސީޖާ ފުރިހަމަވުމާ އެކުއެކީގައިހެން، ވަގުތުން ރަނގަޅު ނަތީޖާތަކެއް ފެންނަން ފެށި ކަމަށެވެ.

"ކިޑްނީ އިން ހަމަ އެވަގުތު ގިނަ އަދަދެއްގެ ކުޑަކަމުދާ ތަކެތި އުފެއްދި. އަދި ޕޭޝަންޓުގެ ކިޑްނީގެ މަސައްކަތަށް ކުރިއެރުން ލިބުނު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސާޖަރީއަށް ފަހު ޑައިލިސިސް ހަދަން ނުޖެހޭ ކަމަށާއި އަލަށް ލެއްވި ބްލެޑާގެ ތެރެއަށް ކުޑަކަމުދާތަކެތި ކާމިޔާބުކަމާ އެކު ހުސްވަމުން ދިޔަ އެވެ.

މީގެ ކުރިން ބްލެޑާ ރީކޮންސްޓްރަކްޝަން ހަދަން ޖެހޭ މީހުންގެ ގޮހޮރުން ބައެއް ބޭނުންކޮށްގެން އާޓިފިޝަލް ބްލެޑާއެއް ހަދަނީ އެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ނެގުމަށް ސްޓޯމާ ކޮތަޅު ވެސް ލައްވަ އެވެ.