އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
މިކަން ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
"އެމެރިކާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ރޭ ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް އެއްކޮށް އަދި ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރަން،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ މިއީ އިންޑިއާ އާއި ޕާކިސްތާނުން ސީދާ ގޮތެއްގައި ކުރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.
ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރި އިރު ރެޔަކީ އިންޑިއާ އާއި ޕާކިސްތާނުން އެއް ގައުމުން އަނެއް ގައުމަށް އެންމެ ވަރުގަދަ ހަމަލާތައް ދިން ރެ އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިންޑިއާ އާއި ޕާކިސްތާނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ސޯޝަލް މީޑިއާގައި ވިދާޅުވީ "އިންޑިއާ އާއި ޕާކިސްތާނުން މިއަދު ވަނީ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ މެދު އެއްގަލަކަށް އަރާފައި" ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން އަބަދުވެސް ހަމަލާދޭނީ ޓެރަރިސްޓުންނަށް ކަމަށާއި އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.
ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ހަމަލާތައް ވަރުގަދަ ބޯޑަރު ކައިރީ އުޅޭ ބަޔަކު މިއަދު ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ޕާކިސްތާނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު ފަހު އިންޑިއާގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
"މިއަދު (ޖީއެމްޓީ ގަޑިން 11:30) އިންޑިއާ ހަވީރު 5:00 އިން ފެށިގެން އެއްގަމާއި ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާ ބަދަލުކުރުމާއި އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވެވުނު،" އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުން ތަންފީޒުކުރުމުގެ އިރުޝާދު ދެ ގައުމުގެ ސިފައިންނަށް ދީފައިވާ ކަމަށާއި އަދި ހަމަލާތައް ހުއްޓާލުމުގެ ކަންކަމާ އިތުރަށް މަޝްވަރާކުރުން މި މަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު، ޖިއޯ ޓީވީއަށް ވިދާޅުވީ ހަމަލާތައް ހުއްޓާލަން އިންޑިއާއާ އެކު ވީ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް އެއްބަސްވީ "ރަނގަޅު އަންޑަސްޓޭންޑިން" އެއްގެ ތެރޭގައި ކަމަށާއި މިހާރު ދެ ގައުމުގެ އަސްކަރީ ހޮޓްލައިންތައް މެދުވެރިކޮށް މުއާސަލާތު ވެސް ކުރާނެ ކަމަށެވެ.
ޕާކިސްތާނުން ރޭ ދިން ހަމަލާތަކުގައި، ކަޝްމީރުގެ އިންޑިއާ ސަރަހައްދުން ގެއްލުންވެފައިވާ ތަނެއް. -- ފޮޓޯ: އޭއެފްޕީ
"ޕާކިސްތާނަކީ އަބަދުވެސް ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރާ، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ ގައުމެއް!،" އިންޑިއާއާ އެކު އެއްބަސްބުމަކަށް އާދެވުނުކަން ކަށަވަރުކޮށްދެއްވައި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިއުލާނުކުރުމާ އެކު އިންޑިއާ އާއި ޕާކިސްތާނުގައި ވެސް އާންމުންނަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ. އަދި ޕާކިސްތާނުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ.
ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން އުފުލަންޖެހޭ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމުން ރޭ ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ އެކި އަމާޒުތަކަށް ހަމަލާ ދީފަ އެވެ. ރޭ ދެ ގައުމުން ވެސް ހަމަލާ ދިނީ އެއްބަޔަކު އަނެއް ބައެއްގެ އަސްކަރީ އަމާޒުތަކަށެވެ. އިންޑިއާއިން ބުނީ ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް ހަމަލާދިނީ އިންޑިއާއިން ދިން ހަމަލާގައި ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުންގެ މަރުކަޒުތަކަށް އެކަނި ހަމަލާދީފައި ވަނިކޮށް ޕާކިސްތާނުން އަސްކަރީ ތަންތަނަށް ހަމަލާ ދިނުމުން ކަމަށެވެ.
ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ ހަމަލާތައް އަމާޒުވީ އާންމުންނަށް ކަމަށެވެ.
ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރެއިން ފެށިގެން އިންޑިއާއިން ދެމުން ދިޔަ ހަމަލާތަކުގައި ކަޝްމީރުން، މަދުވެގެން 13 މީހަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.
ޓްރަމްޕާއި މޯދީ ގުޅިގެން ޕާކިސްތާނަށް އިންޒާރު ދީފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި
އެކްސްގެ 8،000 އެކައުންޓް އިންޑިއާގައި ބްލޮކްކުރަނީ
އިންޑިއާގެ 77 ޑްރޯން ވައްޓާލައިފިން: ޕާކިސްތާން
އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން
ހަމަލާގައި ޕާކިސްތާނުން 31، އިންޑިއާއިން 12 މަރު
ޕާކިސްތާނުން ބުނަނީ އިންޑިއާގެ 5 ޖެޓް ވައްޓާލި ކަމަށް
އިންޑިއާގެ ދެ ޖެޓް ވައްޓާލިން: ޕާކިސްތާން
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީ ބަޔަކު މަރާލައިފި