Roadha Mihaaru

އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމައިފި

އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފި އެވެ.

އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް

އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ހަތިޔާރާއި ތެޔޮ ގަންނާތީ އެކަމަށް ވެސް "އަދަބު ލިބޭނެ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށް ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވަނީ ވިދާޅުވެފަ އެވެ.

"ހަނދާންކުރަންޖެހޭ ކަމަކީ އިންޑިއާ އަކީ އެމެރިކާގެ ޒަމާންވީ އެކުވެރި ގައުމެއް ކަމަށް ވިޔަސް އެ ގައުމާ އެކު ނިސްބަތުން ކުރެވޭ ވިޔަފާރި ދަށް. އެއީ އިންޑިއާއިން ނަގާ ޓެރިފް މާ ބޮޑުކަމުން. އެއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް ޓެރިފް އެންމެ ބޮޑު އެއް ގައުމު. އެއީ އެންމެ ހަރުކަށި އަދި އުނދަގޫ މާލީ ހުރަސްތައް އެންމެ ބޮޑު ގައުމު،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕު ވަނީ އިންޑިއާ އަކީ އެމެރިކާގެ ޓްރޭޑް ޑެފިސިޓް ބޮޑު ގައުމެއްކަން ވެސް، ބޮޑު އަކުރުން ލިޔުއްވައިފަ އެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ ހަމަލާތައް ހުއްޓާލުމަށް ގިނަ ބަޔަކު ޑިމާންޑް ކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާއިން އެ ގައުމުގެ އަސްކަރީ ސާމާނުގެ ބޮޑު ބައެއް ރަޝިޔާއިން ހޯދަމުން އަންނަ ކަމަށާއި، ޗައިނާ އާއި އިންޑިއާ އަކީ ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް އެންމެ ގިނައިން ގަންނަ ދެ ގައުމު ކަމަށް ވެސް ޓްރަމްޕު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރަޝިޔާއާ އެކު ކުރާ ވިޔަފާރިއާ ގުޅިގެން އަޅާނެ ފިޔަވަޅެއްގެ ވާހަކަ ވިދާޅުވެފައެއް ނުވެ އެވެ.

ދުނިޔޭގައި އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަކީ އެމެރިކާއާ އެކު ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ މަޝްވަރާތައް ފެށި ފުރަތަމަ، މުހިންމު އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ދަނޑުވެރިކަމާއި ޑެއިރީ އިންޑަސްޓްރީ އެމެރިކާއަށް ހުޅުވާލުމުގައި އިންޑިއާއިން ފަސްޖެހުމުން، ޓެރިފުން ސަލާމަތްވާނެ އެއްބަސްވުމަކާ ހަމަޔަށް ނުދެވި އޮތީ އެ ވާހަކަތައް ހުއްޓިފަ އެވެ.

އިއުލާނުކުރި ޓެރިފްތަކަކީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުން ނަގާ 10 ޕަސެންޓުގެ ބޭސްލައިން ޓެރިފަށް ވުރެ މާ ބޮޑު އަދަދެކެވެ.

ޓްރަމްޕްގެ އަމާޒަކީ އެމެރިކާގެ އިގްތިސާދީ ބާރު ބޭނުންކޮށްގެން ވިޔަފާރީގެ ބައިވެރިންނަށް ޕްރެޝަރުކޮށް، ބޭރުގެ ކުންފުނިތައް އެމެރިކާއަށް ބަދަލުވާން މަޖުބޫރު ކުރުވުމެވެ. -- އޭއެފްޕީ