Roadha Mihaaru

ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ހުންނަންޖެހޭނީ އދ.ގެ ބެލުމުގެ ދަށުގައި: އިންޑިއާ

ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަންޖަތު ސިންގު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ

ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަންޖަތު ސިންގު މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު މި ސުވާލު ދުނިޔެއަށް ކުރިމަތިކުރަން ބޭނުން ... ޕާކިސްތާންގެ ނިއުކްލިއާ ހަތިޔާރު ރައްކާތެރިތަ؟، ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ސްރީނަގަރުގައި ސިފައިންނާ ބައްދަލުކުރައްވައި ސިންގް ވިދާޅުވި އެވެ.

"ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރަކީ އައިއޭއީއޭ [އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ]ގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ އެއްޗެއް."

ސިންގް މިހެން ވިދާޅުވެފައި މިވަނީ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ތިރީހަކަށް އަހަރުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުމަށް ފަހުގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލަން ނިންމިކަން ކުއްލި ގޮތަކަށް އިއުލާނުކޮށްފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިފަހަރު ހަމަލާތައް ފެށުނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ އާންމުންގެ 26 މީހަކު މަރާލި ހާދިސާ އަށް ފަހު، އެއީ ޕާކިސްތާނުގެ ތާއީދާ އެކު ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެ އިންޑިއާއިން އިސްވެ ހަމަލާ ދިނުމުންނެވެ.

އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. ހަމަލާތަކުގައި ދެ ގައުމުން ގާތްގަނޑަކަށް 70 މީހުން ވަނީ މަރުވެފަ އެވެ.

ކަޝްމީރުގައި އާންމުންނަށް ދިން ހަމަލާއާ ޕާކިސްތާ ގުޅުވި ނަމަވެސް އެ ގައުމުން އެ ތުހުމަތަށް އިންކާރު ކުރެ އެވެ.

ހަމަލާތައް ބަދަލުކުރި އިރު، ޕާކިސްތާނުން ނިއުކްލިއާ ހަތިޔާރު ރައްކާކުރާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނާ ކިރާނާ ހިލްސް އަށް ހަމަލާ ދިން ކަމަށް އަޑު ފެތުރިފައިވެ އެވެ. އެކަމަކު އިންޑިއާގެ އެއާ މާޝަލް އޭ.ކޭ. ބާރްތީ ވަނީ އެތަނަށް ހަމަލާ ނުދޭ ކަމަށް ވިދާޅުވެފަ އެވެ.