Roadha Mihaaru

އެތައް ދުވަހެއް ފަހުން އިންޑިއާ-ޕާކިސްތާނުން ހަމަލާ ނުދޭ ރެއެއް

އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި ރެޔަކީ އެތައް ދުވަހަކަށް ފަހު ހަމަލާއެއް ނުދޭ، ހަމަހިމޭން ރެއެއް ކަމަށް އިންޑިއާ ސިފައިން މިއަދު ބުނެފި އެވެ.

ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް

އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި ރެޔަކީ އެތައް ދުވަހަކަށް ފަހު ހަމަލާއެއް ނުދޭ، ހަމަހިމޭން ރެއެއް ކަމަށް އިންޑިއާ ސިފައިން މިއަދު ބުނެފި އެވެ.

ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭ ކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަށް ފަހު ޕާކިސްތާނުން ވެސް ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން ހަނގުރާމައެއްގެ ބިރު ބޮޑުވި އެވެ. އަދި ކަޝްމީރުގައި ދެ ގައުމުން ކޮންޓްރޯލްކުރާ ސަރަހައްދު ވަކިކުރާ އިން ހުރަސްކޮށް ކޮންމެ ރެޔަކު އެއްބަޔަކު އަނެއް ބަޔަކު ހަމަލާ ދެމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މި ނުތަނަވަސްކަމަށް ފަހު ހޮނިހިރު ދުވަހު މެންދުރު ފަހު، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަން ކުއްލި ގޮތަކަށް އިއުލާނުކުރި ނަމަވެސް އެ ރޭ ވެސް ހަމަލާތަކެއް ދިނުމުން އެ އެއްބަސްވުމާ މެދު ސުވާލު އުފެދުނެވެ.

"ރެޔަކީ ޖުމްލަ ގޮތެއްގައި މުޅި ކަޝްމީރުގައި ވެސް އަމާން ރެއެއް ... އަދި އެހެން ސަރަހައްދުތަކާއި އިންޓަނޭޝަނަލް ބޯޑަރުގައި ވެސް [އަމާން ރެއެއް]،" އިންޑިއާ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އެއްވެސް ހަމަނުޖެހުމެއްގެ ރިޕޯޓެއް ނެތި، ރެޔަކީ މި ފަހުން އައި ހިމޭން ރެއެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

ރެޔަކީ ދެ ގައުމުގެ ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވާ، ކަޝްމީރުން އިންޑިއާ ފަޅީގެ ބޯޑަރު ކައިރީ އޮންނަ ޕޫންޗް ސަރަހައްދުގައި ވެސް ބަޑީގެ އެއްވެސް ހަމަލާއެއް ބަދަލު ނުކޮށް ދިޔަ ދެ ވަނަ ރެ އެވެ. އެ ސަރަހައްދުން އެކި ހަމަލާތަކުގައި އާންމުންގެ 12 މީހަކު މަރުވެފައި ވާއިރު 60،000 މީހުން ވަނީ ރައްކާތެރިކަން ހޯދަން އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވީ އެއްބަސްވުމާ އެކު ލިބުނު ހިތްހަމަޖެހުމުގައި މިހާރު ވަނީ ގެދޮރު ދޫކޮށް ދިޔަ މީހުން ވެސް އެނބުރި އަންނަން ފަށައިފަ އެވެ.