Roadha Mihaaru

ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި

އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ފުޅާވެ ވަރުގަދަވަމުން ގޮސް، މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.

ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި

އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ފުޅާވެ ވަރުގަދަވަމުން ގޮސް، މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.

ޕާކިސްތާނުން "އޮޕަރޭޝަން ބުންޔާނުން މަރްސޫސް" ގެ ނަމުގައި ހަމަލާތައް ފެށީ އިންޑިއާއިން މިރޭ ޕާކިސްތާނަށް އިތުރު ހަމަލާތަކެއް ދިނުމަށް ފަހުގަ އެވެ. އިންޑިއާއިން މިރޭ ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް މިސައިލުން ހަމަލާ ދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ވެރިރަށް އިސްލާމްއާބާދުގެ ކައިރީގައި ހުރި މަރުކަޒަކަށް ވެސް އަމާޒުކޮށްފައިވެ އެވެ.

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހަކު މަރާލުމުން އެކަމުގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން މީގެ ދެ ދުވަސް ކުރިން ޕާކިސްތާނާއި ކަޝްމީރުގެ ނުވަ ތަނަކަށް މިސައިލް ހަމަލާދީފައި ވާއިރު އެއްގައުމުން އަނެއް ގައުމަށް ދަނީ އިސްވެ ހަމަލާދޭ ކަމުގެ ތުހުމަތުކުރަމުންނެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއިން ވައިގެ ތިން މަރުކަޒަކަށް އަމާޒުކޮށް "މިސައިލް ހަމަލާތަކެއް" ދީފައި ވާއިރު އޭގެ ތެރެއިން ގިނަ މިސައިލްތައް އިންޓަސެޕްޓުކޮށް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާތަކުގައި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި އެކަމަކު އެއާކްރާފްޓަކަށް ގެއްލުން ނުވާ ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާނުން އިންޑިއާގެ 36 ދިމާލަކަށް ހަމަލާ ދެމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ އުދަމްޕޫރު ސިޓީގައި ހުންނަ އެއާބޭސްއަކާއި ޕަތަންކޮޓްގެ އެއާފީލްޑަކަށް ޕާކިސްތާނުން ހަމަލާދީ އެ ތަންތަން ވަނީ ހަލާކުކޮށްލައިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ޕަންޖާބު ޕްރޮވިންސްގެ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް ސްޓޯރޭޖް ފެސިލިޓީއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.

ކޮންމެ ގައުމަކުން ވެސް ހަމަލާތަކުގައި އަނެއް ގައުމަކަށް ބޮޑެތި ގެއްލުން ދެމުންދާ ކަމަށް ބުނާއިރު އެއްގައުމުން އަނެއް ގައުމެއްގެ ވާހަކަތައް ދޮގުކުރެ އެވެ.