Roadha Mihaaru

ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހި ކަށިތަކަށް ފެތުރިފައި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހި އެ ބަލި ކަށިތަކަށް ވެސް ފެތުރިފައިވާކަން ހާމަކޮށްފި އެވެ.

ބައިޑެންއަށް ކެންސަރު ޖެހި ކަށިތަކަށް ފެތުރިފައި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހި އެ ބަލި ކަށިތަކަށް ވެސް ފެތުރިފައިވާކަން ހާމަކޮށްފި އެވެ.

ބައިޑެންގެ އޮފީހުން ބުނީ ބައިޑެން ކެންސަރަށް ޑައިގްނޯސްވުމާ އެކު ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެއް ހުރި ކަމުގެ އަލާމާތްތަކެއް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

މިހާރު އުމުރުން 82 އަހަރުގެ ބައިޑެންގެ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވަނީ ކެންސަރު ބަލީގައި 2015 ވަނަ އަހަރު އަވަހާރަވެފަ އެވެ.

"ޖެހިފައިވަނީ ކެންސަރުގެ 'އެގްރެސިވް' ބާވަތެއް ނަމަވެސް މިއީ ހޯމޯން-ސެންސިޓިވް ކެންސަރުގެ ބާވަތަކަށް ވާތީ ބަލި މެނޭޖްކުރެވުމުގެ ފުރުސަތު އެބަ އޮތެވެ. ރައީސް އާއި އާއިލާއިން މިހާރު ދަނީ ޑޮކްޓަރުންގެ މަޝްވަރާއާ އެކު، ފަރުވާގައި ކުރިއަށްދާނެ ގޮތްތަކާ މެދު ވިސްނަމުންނެވެ." ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ބައިޑެންގެ އުމުރާއި ސިއްހަތު އޭނާގެ ހަނދާން ބަލިކަމާ ގުޅުވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައިޑެންގެ މި އާލާސްކަންފުޅުގެ ޚަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ޖިލް އާއި އާއިލާއަށް ހެޔޮ ގޮތް މެދުވެރިވުން އެދެން އަދި ޖޯ އަށް އަވަސް ޝިފާއަކަށް އެދެން،" ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެންއަށް އިޝާރާތްކުރައްވައި، ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްފައި ލިޔުއްވާފައިވެ އެވެ.

ސިއްހީ ހާލަތާއި ސިޔާސީ އެކި ޕްރެޝަރުތަކާ ހެދި މިދިޔަ ރިޔާސީ އިންތިހާބުން ބައިޑެން ވަކިވެވަޑައިގަތުމުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެ ވަޑައިގަތް ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ ބައިޑެން އަކީ ބޮޑެތި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި ކެރުން ހުންނަ ބޭފުޅެއް ކަމަށާއި ބައިޑެންގެ މުޅި ހަޔާތް ސިފަވަނީ ވެސް އެގޮތަށް ކަމަށެވެ.

"ކޮންމެ ގޮންޖެހުމަކާ ވެސް ހަމަ އެ ހިތްވަރުގައި، އުންމީދާ އެކު ކުރިމަތިލެއްވުމަކީ ބައިޑެންގެ މުޅި ލީޑަޝިޕާއި މުޅި ހަޔާތް ސިފަކޮށްދޭ ގޮތް. އުންމީދުކުރަނީ ބައިޑެން މި ބަލިން އެއްކޮށް ފަސޭހަވާނެ ކަމަށް،" ކަމަލާ ވިދާޅުވި އެވެ.

ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރުގެ ބާވަތްކަމަށް އެމެރިކަން ކެންސަ ސޮސައިޓީން ބުނެ އެވެ. އެމެރިކާގެ ކޮންމެ އަށް ފިރިހެނުންގެ ތެރެއިން އެކަކަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި ބަލި ޖެހޭ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. -- އޭއެފްޕީ