Roadha Mihaaru
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"

އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން: ބައިޑަން

25 ޖުލައި 2024

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ، ގައުމު އެކަތިގަނޑަކަށް ހައްދަވައި، ގައުމުގެ ހުންގާނު ޒުވާން ޖީލާ ހަވާލުކުރެއްވުމަށް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ، ގައުމު އެކަތިގަނޑަކަށް ހައްދަވައި، ގައުމުގެ ހުންގާނު ޒުވާން ޖީލާ ހަވާލުކުރެއްވުމަށް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު މަހު އޮންނަ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި ބައިޑަން ވިދާޅުވި ގޮތުގައި، ރައީސްކަމުގައި ހުންނެވުމުގެ ޝަރަފު ބޭނުންވިޔަސް، އޭނާ ގައުމު ދެކެ އެއަށްވުރެ ބޮޑަށް ލޯބިވެވަޑައިގަންނަވަ އެވެ.

"އެއްވެސް މަގާމަކަށް ވުރެ، މި ގައުމުގައި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި އޮތް ޑިމޮކްރަސީ ދިފާއުކުރުން މާ މުހިންމު،" ބައިޑަން ވިދާޅުވި އެވެ.

"އެހެންވީމާ، މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ މި އުއްމީދުގެ ހުޅުކޮޅު އާ ޖީލަކާ ހަވާލުކުރުން. މިއީ މި ގައުމު އަލުން އެއްބައިވަންތަކުރުވަން ވެސް އޮތް އެންމެ ރަނގަޅު މަގަކީ."

ބައިޑަން ރިޔާސީ ރޭހުން މި ވަކިވެވަޑައިގަތީ އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ކުރިމަތިވެވަޑައިގަތް ލަދާ އެކު ބައިޑަންގެ ގާބިލްކަމާ މެދު ސުވާލު އުފެދި އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ފިއްތުން ކުރިމަތިވުމުންނެވެ. އުމުރުން 81 އަހަރުގެ ބައިޑަން ވަނީ މިހާރު ނައިބު ރައީސް އަދި އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކެންޑިޑޭޓު ކަމަލާ ހެރިސް އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ފުރިހަމަ ތާއީދު އޮތް ކަން ހާމަކުރައްވައިފަ އެވެ.

ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައަޅާނީ އަންނަ މަހު 19 ގައި ޝިކާގޯގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުންނެވެ. އެހެންވެ ކަޅު ނަސްލުގެ އަދި ދެކުނު އޭޝިއާ ދަރިކޮޅުގެ ފުރަތަމަ އަންހެން ނައިބު ރައީސް ހެރިސްގެ ނަން ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކަށް އެ ކޮންވެންޝަނުން ފާސްކުރަން ޖެހޭނެ އެވެ. އެކަމަކު ޕާޓީ ތެރެއިން މިހާރު ވެސް ވަނީ އެހެން ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ނޮވެމްބަރު ފަސް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑިމޮކްރެޓުންނަށް ހާސްކަން ބޮޑުވެފައި ވަނިކޮށް މިގޮތަށް ނިންމެވުމުން ޕާޓީތެރެ އިތުރަށް ހަލަބޮލިވި ނަމަވެސް އުންމީދު ގެއްލިފައި ތިބި މެންބަރުންނަށް ހިތްވަރަކަށް ވާނެ ކަމަށް ބެލެވެ އެވެ. ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަމުން ނައިބު ރައީސް ކަމަލާގެ ނަން ހުށަހެޅުއްވުމާ އެކު ޓްރަމްޕް ބަލިކޮށް ގައުމުގެ ފުރަތަމަ އަންހެން ރައީސަކަށް ކަމަލާ އިންތިހާބުކުރުމުގެ ރޫހެއް ވަނީ އުފެދިފަ އެވެ.

ބައިޑެން ރިޔާސީ އާ ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވީ އިތުރު ދައުރެއް ފުރިހަމަކުރުމުގެ ގާބިލްކަން ނެތުމުން ކަމަށް ގަބޫލުކުރައްވައިގެން ކަމަށް ވާއިރު މި ނިންމެވުމާ އެކު ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ދާ ދައުރަކަށް އެކަށީގެން ނުވާ ނަމަ މިހާރު ވެސް ވެރިކަމަށް ކުފޫ ހަމަނުވާނެ ކަމަށެވެ.