22 މެއި 2022
ދެކުނު ކޮރެއާ އާއި އެމެރިކާގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް އިތުރު ކުރުމަށާއި ތަމްރީނުތައް ފުޅާ ކުރުމަށް، އެ ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް އިތުރު ކުރުމަށާއި ތަމްރީނުތައް ފުޅާ ކުރުމަށް، އެ ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން އިއްޔެ އާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެ ބޭފުޅުން އެކަމަށް އެއްބަސްވެވަޑައިގަތީ، ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އިއްޔެ ބޭއްވި ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުކުރެއްވުމުގަ އެވެ. ދެ ގައުމުގެ އަސްކަރީ ފަރިތަކުރުންތައް އިތުރަށް ފުޅާކުރަން ނިންމީ، މިއަހަރު ފެށުނީއްސުރެ މިހާތަނަށް އުތުރު ކޮރެއާ އިން ރެކޯޑް އަދަދަކަށް މިސައިލް އަޖުމަ ބަލާފައިވާތީ އެވެ.
ގުޅިފައިވާ ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަނީ ހަމައެކަނި ކޮރެއާ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަކަށް ނޫނެވެ. އޭގެ އިތުރުން އޭޝިޔާ ސަރަހައްދަށާއި މުޅި ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ އަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ އެވެ.
އޭގެ އިތުރުން ވެސް، އުތުރު ކޮރެއާގެ އަސްކަރީ ކުރިއެރުންތަކާ ފައި ހަމަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ދެ ގައުމުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އެ ގޮތުން އެއްބަސްވި އެއް ކަމަކީ، އެމެރިކާގެ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކާއި، ބޮންއަޅާ ބޯޓުތަކާއި މިސައިލްތައް ދެކުނު ކޮރެއާ އަށް ގެނައުމެވެ.
ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެނޫން އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ދެ ގައުމުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އަސްކަރީ ގޮތުން ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތް ކަމަށް ވިޔަސް، އުތުރު ކޮރެއާގައި މިހާރު ހަލުވިކަމާ އެކު ފެތެރެމުންދާ ކޮވިޑް-19 ވަބާ އިން އެ ގައުމުގެ ރައްޔިތުން ރައްކާތެރިކުރުމަށް އިތުރު ކޮރެއާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ވެސް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ ހުށަހަޅައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާގެ ދެ މިލިއަން މީހުންނަށް މިހާތަނަށް ކޮވިޑް ޖެހި، އޭގެ ތެރެއިން 66 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ރައީސް ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ގޮތުންނާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ކޮވިޑާ ދެކޮޅަށް އުތުރު ކޮރެއާ އަށް އެހީތެރިވާން ދެކުނު ކޮރެއާ ތައްޔާރަށް އޮތް ކަމަށެވެ. އަދި އުތުރު ކޮރެއާ އިން އެކަމަށް އިޖާބަ ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އުތުރު ކޮރެއާ އަށް ކޮވިޑް ވެކްސިން ފޮނުވަން ބޭނުންވާ ކަން އެމެރިކާ އިން ވަނީ އުތުރު ކޮރެއާ އަށް އަންގައިފަ އެވެ. ނަމަވެސް މިހާތަނަށް އުތުރު ކޮރެއާ އިން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބައިޑެން ވިދާޅުވި އެވެ.
އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގް-އުންގެ ކިބައިގައި އިޚްލާސްތެރިކަން ހުރި ނަމަ އަދި ކިމް ބޭނުންވާ ނަމަ، އޭނާއާ އެކުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އުތުރު ކޮރެއާއާ އެކުގައި ހަރުކަށި ސިޔާސަތެއް ގެންގުޅުއްވުމަށް ވެވަޑައިގެންނެވި ވައުދާ އެކު، މިދިޔަ މާޗް މަހުގެ މަގާމާ ހަވާލުވެވަޑައިގެންނެވި، ދެކުނު ކޮރެއާގެ ރައީސް ޔޫން ވެސް ވިދާޅުވީ އުތުރު ކޮރެއާއާ އެކުގައި ސުލްހައިގެ ވާހަކަތައް ދެއްކުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.
"ސުލްހައިގެ މަޝްވަރާތަކުގެ ދޮރު ހުރީ ހުޅުވިފައި. ނިއުކްލިއާ ހަތިޔާރުތައް ނައްތައިލުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ފަށައިފިއްޔާ، އުތުރު ކޮރެއާގެ އިގްތިސާދު ރަނގަޅު ކޮށްދިނުމުގެ ރަނގަޅު ޕްލޭނެއް އަހަރެމެން އެކުލަވައިލާނަން. އަދި، އުތުރު ކޮރެއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމުގެ ރޭވުންތަކެއް ވެސް، ބައިނަލްއަގުވާމީ މުޖްތަމައާ ގުޅިގެން އަހަރެމެން ރާވާނަން،" މީގެ 11 ދުވަސް ކުރިން މަގާމާ ހަވާލުވެވަޑައިގެންނެވި، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް ވިދާޅުވި އެވެ.
އުތުރު ކޮރެއާގެ އަސްކަރީ އަޖުމަބެލުންތަކުގެ ރައްދުގައި އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަސްކަރީ ފަރިތަކުރުންތައް ފުޅާ ކުރާ ނަމަ، އުތުރު ކޮރެއާގެ އަސްކަރީ އަޖުމަބެލުންތައް މަދުވުމުގެ ބަދަލުގައި ވާނީ އިތުރެވެ. އުތުރު ކޮރެއާ އިން މިހާރު ވެސް ގަބޫލުކުރާ ގޮތުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކަކީ އެ ދެ ގައުމު ގުޅިގެން ދެކުނު ކޮރެއާއާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ތައްޔާރީތަކެވެ.
އުތުރު ކޮރެއާ އިން ތިން މިސައިލް އަޖުމަބަލައިފި
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި