Roadha Mihaaru
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

އުތުރު ކޮރެއާ އިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފި

25 ސެޕްޓެމްބަރ 2022

އުތުރު ކޮރެއާ އިން މިއަދު ކުއްލި ގޮތަކަށް ބެލިސްޓިކް މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާގެ ސިފައިން ކުއްލި ތައްޔާރީ ހާލަތަކަށް ގެނެސްފި އެވެ.

އުތުރު ކޮރެއާ އިން މިއަދު ކުއްލި ގޮތަކަށް ބެލިސްޓިކް މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާގެ ސިފައިން ކުއްލި ތައްޔާރީ ހާލަތަކަށް ގެނެސްފި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން އުދުއްސައިލި ކުރު ރާސްތާގެ މިސައިލް ދަތުރުކުރީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިން ފެށިގެން ކަނޑުގެ ސަރަހައްދަށެވެ. މިއަދުގެ މާއިރާ އުތުރު ކޮރެއާ އިން އަޖުމަ ބެލި މިސައިލް ޖައްވުގެ ތެރެއަށް ފޮނުވައިލުމުން އަދި އޭގެ މަންޒިލާ ހަމައަށް ދަތުރުކުރި އިރު ވެސް، އެ ސަރަހައްދުން ދަތުރުކުރި އެއްވެސް ވައިގެ އުޅަނދަކަށް ނުވަތަ ކަނޑު އުޅަނދަކަށް ވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ.

ދެކުނު ކޮރެއާގެ ސިފައިންގެ ވެރިޔާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލެއް ވައިގެ ތެރެއަށް އެރިކަން އެނގުމާއެކު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އަދި އުތުރު ކޮރެއާގެ މިސައިލްގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިއަދު އުތުރު ކޮރެއާ އިން އުދުއްސައިލި މިސައިލަކީ އެ ގައުމުން މިއަހަރުގެ ތެރޭގައި އަޖުމަ ބެލި 19 ވަނަ މިސައިލެވެ. މީގެ ކުރިން އެ ގައުމުން އެންމެ ފަހުން މިސައިލެއް އަޖުމަ ބެލީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، އުތުރު ކޮރެއާ އިން މިއަދު އަޖުމަބެލި މިސައިލް، 600 ކިލޯމީޓަރު ދުރަށް ދަތުރުކުރި އެވެ. ބިމުން ފެށިގެން 60 ކިލޯމީޓަރު މަތިން ދަތުރުކުރި އެ މިސައިލް، އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރު ކުރުމަށް ފަހު ވެއްޓުނީ، ޖަޕާނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު ތެރެއަށެވެ.

ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، އެކަމާ އިހްތިޖާޖްކުރުމުގެ ގޮތުން ޖަޕާން ސަރުކާރުން ފޮނުވި ސިޓީއެއް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އުތުރު ކޮރެއާ އެމްބަސީއާ މިހާރު ވާނީ ހަވާލުކޮށްފަ އެވެ.

އުތުރު ކޮރެއާ އިން ކުއްލި ގޮތަކަށް ބެލެސްޓިކް މިސައިލެއް މިއަދު އަޖުމަ ބެލީ، ދެކުނު ކޮރެއާގެ ސިފައިންނާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަށް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަން، ދެކުނު ކޮރެއާގައި ބަނދަރު ކޮށްފައި ވަނިކޮށެވެ.