Roadha Mihaaru
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް

ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފިއްޔާ ވަރުގަދަ ރައްދެއް ދޭނަން: އެމެރިކާ

07 ޖޫން 2022

އުތުރު ކޮރެއާ އިން އިތުރު ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފި ނަމަ، ފުރިހަމަ ބާރާއެކު ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން އިންޒާރުކޮށްފި އެވެ.

އުތުރު ކޮރެއާ އިން އިތުރު ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފި ނަމަ، ފުރިހަމަ ބާރާއެކު ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން އިންޒާރުކޮށްފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ނައިބު ވެންޑީ ޝާމަން އިއްޔެ ވިދާޅުވީ މިހާރު ވަމުން އަންނަ ތައްޔާރީތަކަށް ފަހު، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފި ނަމަ، އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ދުނިޔޭގެ އެހެން ގައުމުތައް ގުޅިގެން، ރައްދު ދޭނެ ކަމަށެވެ. އަދި އެ ރައްދު ދޭނީ ފުރިހަމަ އަސްކަރީ ބާރާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން އެއްވެސް މިންވަރެއްގެ ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބެލުމަކީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ މުޅިން ޚިލާފު ކަމެކެވެ. އެހެންކަމުން އެފަދަ ހަތިޔާރެއް އަޖުމަ ބަލައިފި ނަމަ، ވަރަށް އަވަސް ގޮތެއްގައި ފުރިހަމަ ބާރާ އެކު އެމެރިކާ އިން ރައްދު ދޭނެ އެވެ.

"އެފަދަ ކަމެއް ކޮށްފިއްޔާ، އެއްވެސް އޮޅުމެއް ނާރާހާ ސާފުކޮށް ވަރުގަދަ އަށް މުޅި ދުނިޔެ އިން ރައްދު ދޭނެ. އަހަރެމެން މިތިބީ އެކަމަށް ތައްޔާރުވެގެން،" ދެކުނު ކޮރެއާގެ ޚާރިޖިއްޔާގެ ނައިބު ޗޯ ހްޔުންގް-ޑުންގްއާ އެކުގައި، ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ވެންޑީ ޝާމަން ވިދާޅުވި އެވެ.

އެއް އަހަރެއްގެ ތެރޭގައި އުތުރު ކޮރެއާ އިން ތަފާތު ގިންތި ތަކުގެ މިސައިލްތައް އަޖުމަ ނުބަލާ މިންވަރަށް މިއަހަރުގެ ތެރޭގައި އެ ގައުމުން މިހާތަނަށް މިސައިލް އަޖުމަ ބަލައިފި އެވެ. މިދިޔަ އާދީއްތަ ދުވަހު އެކަނި ވެސް، ކުރު ރާސްތާގެ އަށް ބެލެސްޓިކް މިސައިލް އަޖުމަ ބެލި އެވެ.

މިސައިލްތައް އަޖުމަ ބެލުމަށް ފަހު، އުތުރު ކޮރެއާ މިހާރު ތައްޔާރުވަމުން ދަނީ، އެ މިސައިލްތަކުގައި އުފުލުމަށް އުފައްދާފައިވާ ނިއުކްލިއާ ހަތިޔާރު އަޖުމަ ބެލުމަށް ކަމަށް، ހުޅަނގުގެ އަސްކަރީ ޖާސޫސީ އިދާރާތަކުން ބުނެ އެވެ.

އުތުރު ކޮރެއާ އިން މިސައިލް އަޖުމަ ބެލުން އިތުރުކުރަމުން ދާތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން، އިއްޔެ ވަނީ ކުރު ރާސްތާގެ އަށް މިސައިލެއް ވައިގެ ތެރެއަށް ފޮނުވާލައިފަ އެވެ.