Roadha Mihaaru
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއްގެ އަޖުމަބަލައިފި

އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއްގެ އަޖުމަބަ ލައިފި

27 ފެބުރުއަރީ 2022

އުތުރު ކޮރެއާ އިން މިއަދުގެ މާއިރާ، ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާ އިން މިއަދުގެ މާއިރާ، ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުން، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގައި އޮންނަ ސުނާން ސަރަހައްދުން މިސައިލް އުދުއްސައިލީ މިއަދު ހެނދުނު 7:52ގަ އެވެ. ޖަޕާންގެ ދިފާއީ ވަޒީރު ނޮބުއޯ ކިޝީ ވިދާޅުވީ، ބެލިސްޓިކް މިސައިލް ބިމުން ފެށިގެން 600 ކިލޯމީޓަރު އުހަށް އެރި ކަމަށެވެ. އަދި 300 ކިލޯމިޓަރު ދުރަށް ދަތުރުކުރި އެވެ.

މިއީ އުތުރު ކޮރެއާ އިން ޖެނުއަރީ 30، 2022 ގައި ދުރު ރާސްތާގެ މިސައިލެއްގެ އަޖުމަބެލި ފަހުން އެކަން ކުރި ފުރަތަމަ ފަހަރެވެ. ޖެނުއަރީ 30 ގައި އެ ގައުމުން އަޖުމަ ބެލީ ހްވަސޮންގް-12 މަރުކާގެ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއްގެ އެވެ. އެއީ 2017 ގެ ފަހުން އުތުރު ކޮރެއާ އިން އަޖުމަ ބެލި އެންމެ ދުރު ރާސްތާގެ މިސައިލެވެ.

ނަމަވެސް މިއަދު އަޖުމަ ބެލި މި ސައިލަކީ އެ އަށް ވުރެ ކުރު ރާސްތާއެއްގެ މިސައިލެއް ކަމަށް ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެ އެވެ. ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސް އިން ބުނި ގޮތުގައި މުޅި ދުނިޔެ ޔޫކްރޭންގެ ހަނގުރާމަ ހުއްޓުވޭތޯ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އުތުރު ކޮރެއާ އިން ދުރު ރާސްތާގެ މިސައިލެއްގެ އަޖުމަ ބެލުމަކީ، ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުމަށް އެއްވެސް މަންފާއެއް ހުރި ކަމެއް ނޫނެވެ.

އުތުރު ކޮރެއާ އިން މި އަހަރުގެ ތެރޭގައި އަޖުމަ ބެލި އަށް ވަނަ މިސައިލްގެ ކާމިޔާބާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނެރުނު ބަޔާނެއްގައި، އުތުރު ކޮރެއާ އިން މިސައިލެއް އަޖުމަ ބެލުމުން ކަންބޮޑުވާ ކަމަށް ބުންޏެވެ.

ކަންބޮޑުވާ އެއްވެސް ކަމެއް އޮތް ނަމަ، ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން އެ ކަމެއް ހައްލުކުރުމަށް ވެސް ދެކުނު ކޮރެއާގެ އެ ބަޔާނުގައި އުތުރު ކޮރެއާ އަށް ގޮވާލާފައިވެ އެވެ. އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް މި އަޖުމަބެލީ ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު ބާއްވަން ދެ ހަފުތާ އަށް ވުރެ ކުރު މުއްދަތަކަށް ވެފައި ވަނިކޮށެވެ.

އުތުރު ކޮރެއާ އިން ތަފާތު ހަތިޔާރުތައް އަޖުމަ ބެލުމަކީ، އަބަދުވެސް ދެކުނު ކޮރެއާގެ ރިއާސީ އިންތިހާބާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެކެވެ. ކޮންމެ ރިއާސީ އިންތިހާބެއްގައި ވެސް ކާމިޔާބު ހޯއްދަވާފައިވަނީ، އުތުރު ކޮރެއާގެ އަސްކަރީ ގާބިލުކަމާ ގުޅޭ ގޮތުން، އެންމެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.