Roadha Mihaaru
އުތުރު ކޮރެއާ އިން ތިން މިސައިލް އަޖުމަބަލައިފި

އުތުރު ކޮރެއާ އިން ތިން މިސައިލް އަޖުމަބަލައިފި

25 މެއި 2022

އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، އެނބުރި ގައުމަށް ވަޑައިގެންނެވިތާ 24 ގަޑިއިރުވެސް ނުވަނީސް، އުތުރު ކޮރެއާ އިން މިއަދު ހެނދުނު ތިން މިސައިލެއް އަޖުމަބަލައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، އެނބުރި ގައުމަށް ވަޑައިގެންނެވިތާ 24 ގަޑިއިރުވެސް ނުވަނީސް، އުތުރު ކޮރެއާ އިން މިއަދު ހެނދުނު ތިން މިސައިލެއް އަޖުމަބަލައިފި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނި ގޮތުގައި ގާތްގަނޑަކަށް އެއް ގަޑިއިރަށް ވުރެ ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ ތިން މިސައިލެއް ވައިގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެކި ރާސްތާތަކުގެ މިސައިލްތައް އަޖުމަބެލުން، މި އަހަރު ފެށުމާ އެކު އުތުރު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ސިފައިންގެ ވެރިޔާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން މިއަދު އަޖުމަބެލި މިސައިލްތަކުގެ ތެރެއިން ފުރަތަމަ މިސައިލް ވައިގެ ތެރެއަށް ފޮނުވައިލީ، އުތުރު ކޮރެއާ ގަޑިން މިއަދު ހެނދުނު 6:00 ހާއިރެވެ. އެމިސައިލް 540 ކިލޯމީޓަރު އުހަށް އަރައި، 360 ކިލޯމީޓަރަށް ދަތުކުރި އެވެ.

މިއަދު އަޖުމަބެލި ދެ ވަނަ މިސައިލް ފޮނުވައިލީ އޭގެ 37 މިނެޓް ފަހުން، އަދި ތިން ވަނަ މިސައިލް ފޮނުވައިލީ ދެ ވަނަ މިސައިލަށް ވުރެ ފަސް މިނެޓް ފަހުންނެވެ. އެ ތިން މިސައިލްގެ ތެރެއިން ފުރަތަމަ މިސައިލަކީ އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ. މިއީ މިދިޔަ މާޗް މަހުގެ ތެރޭގައި އުތުރު ކޮރެއާ އިން އަޖުމަބެލި މިބާވަތުގެ މިސައިލަށް ފަހު، އަޖުމަބެލި މި ބާވަތުގެ ފުރަތަމަ މިސައިލެވެ.

ދެކުނު ކޮރެއާ އިން ބުނި ގޮތުގައި ދެ ވަނަ އަށް އުދުއްސައިލި މިސައިލް، 20 ކިލޯމީޓަރު އުހަށް އެރުމަށް ފަހު، ފެއިލްވެގެން ވެއްޓުނީ ކަމަށް ބެލެވެ އެވެ. އަދި ތިން ވަނަ އަށް އުދުއްސައިލި ކުރު ރާސްތާގެ މިސައިލް 60 ކިލޯމީޓަރު އުހުން 760 ކިލޯމީޓަރަށް ދަތުރުކުރި ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުނެ އެވެ.

ޖަޕާނުގެ ދިފާއީ ވަޒީރު ނޮބުއޯ ކީޝީ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ހަތިޔާރުތަކުގެ އަޖުމަބެލުމަކީ، ޖަޕާނާއި މުޅި ބައިނަލްއަގުވާމީ މުޖްތަމައުގެ ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން މިސައިލްތައް އަޖުމަބެލުމާ ގުޅިގެން، ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ރައީސް އޮފީހުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން އެފަދަ ހަތިޔާރުތަކެއް އަޖުމަބެލުމަކީ، ސަރަހައްދުގެ ހަމަނުޖެހުން ގެއްލުމަށް މެދުވެރިވާ ސަބަބެކެވެ.

ދެކުނު ކޮރެއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާ ބެހޭ ގޮތުން، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާ މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތަކުގައި ބައިޑެން ވިދާޅުވެފައިވަނީ، އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ދެކުނު ކޮރެއާގެ ސަލާމަތަށް ނުރައްކާ ވަމުންދާ ނަމަ، އެމެރިކާގެ އިތުރު ހަތިޔާރު ދެކުނު ކޮރެއާ އަށް ފޮނުވާނެ ކަމަށެވެ.

އެ ގޮތުން އެއްބަސްވި އެއް ކަމަކީ، އެމެރިކާގެ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކާއި، ބޮންއަޅާ ބޯޓުތަކާއި މިސައިލްތައް ދެކުނު ކޮރެއާ އަށް ގެނައުމެވެ. އަދި އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ފަރިތަކުރުންތައް އިތުރުކޮށް، ފަރިތަކުރުންތަކުގެ ދާއިރާ ވެސް ފުޅާކުރައްވާނެ ކަމަށް ރައީސް ބައިޑެން ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން، މިސައިލްތަކެއް މި އަޖުމަބެލީ، އެ ގައުމުގައި ކޮވިޑް ފެތުރެން ފަށައި، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި އޭގެ ތެރެއިން 68 މީހަކު މަރުވެފައި ވަނިކޮށެވެ. އުތުރު ކޮރެއާގައި މިހާތަނަށް ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ނުފަށާއިރު، އެ ގައުމުގެ ސަރުކާރުން ކޮވިޑާ މެދު ދެކެނީ ހުމުގެ ރޯގާއެއްގެ ގޮތުގަ އެވެ. އެހެންކަމުން، ކޮވިޑާ ދެކޮޅަށް އެހެން ގައުމުތަކުގައި އުފައްދާފައިވާ ވެކްސިން ހިލޭ ދިނުމަށް ހުށަހެޅުމުން ވެސް، އުތުރު ކޮރެއާ ސަރުކާރުން އެކަން ގަބޫލެއް ނުކުރެ އެވެ.