Roadha Mihaaru
މަންމަގެ ރެސިޕީ ފޮތުން ހައިރާތަށް އެހީ

މަންމަ ގެންގުޅުނު ރެސިޕީ ފޮތް ވިއްކައިގެން ހައިރާތަށް އެހީ

06 ޑިސެމްބަރ 2021

މީގެ އެތައް އަހަރެއް ކުރިން އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގެ ކެފެޓޭރިއާއެއްގައި މަސައްކަތްކުރި އަންހެނަކު ގެންގުޅުނު ރެސިޕީ ފޮތެއް އޭނާގެ ދަރިފުޅަށް ފެނިގެން އެ ޕްރިންޓްކޮށް، ވިއްކައި އެއިން ލިބޭ ފައިދާ ހައިރާތަށް ހޭދަކުރަން ނިންމައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އެތައް އަހަރެއް ކުރިން އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގެ ކެފެޓޭރިއާއެއްގައި މަސައްކަތްކުރި އަންހެނަކު ގެންގުޅުނު ރެސިޕީ ފޮތެއް އޭނާގެ ދަރިފުޅަށް ފެނިގެން އެ ޕްރިންޓްކޮށް، ވިއްކައި އެއިން ލިބޭ ފައިދާ ހައިރާތަށް ހޭދަކުރަން ނިންމައިފި އެވެ

އެކި ކަހަލަ ކާއެއްޗެހި ތައްޔާރުކުރާނެ ގޮތް ކިޔައި ދީފައިވާ މި ފޮތުގެ ނަމަކީ "އަވާ ފެވަރިޓް ރެސިޕީސް" އެވެ. މި ފޮތުގެ ބޭނުން އިންސާނިއްޔަތަށްޓަކައި ބޭނުން ހިފަނީ ފޮތް ގެންގުޅުން ފްލޮރިސް ހަޖިންސްގެ ދަރިފުޅު ޑަސްޓީ ހަޖިންސްގެ އެވެ. މި ރެސިޕީ ފޮތަކީ ފްލޮރިސް، އެބިލީން ސްކޫލް ޑިސްޓްރިކްޓްގައި 1960 އާއި 1970 ގެ ތެރޭގައި އުޅުނު އިރު ކޮމްޕައިލްކޮށްގެން ގެންގުޅުނު އެއްޗެކެވެ. އޭގައި ހިމެނެނީ އެ އޭނާ ސްކޫލްތަކާ ގުޅިގެން މަސައްކަތްކުރި ކެއްކުމުގެ ދާއިރާގެ އެކި އަންހެނުންގެ ހާއްސަ ރެސިޕީތަކެވެ.

ޑަސްޓީ ބުނި ގޮތުގައި މަންމަގެ އެ ރެސިޕީ ފޮތް ފެނުނީ މަރުވެފައިވާ މަންމަ ގެންގުޅުނު ސާމާނުތަކެއް ހޭވުމުގެ ތެރޭގަ އެވެ. ރެސިޕީ ފޮތް އޭނާ އަށް ވަރަށް ހާއްސަ އެއްޗަކަށްވުމާ އެކު އޭގެ ވާހަކަ ފޭސްބުކްގައި ހިންގާ ގްރޫޕެއް ކަމަށްވާ "ރިމެމްބަ އިން އެބިލީން ވެން" ގެ ނަމުގައި ހިއްސާކުރުމާ އެކު އޭގެ ކޮފީތަކެއް ގެންގުުޅުނު އެތައް ބަޔަކު ކޮމެންޓްކޮށްފައި އެވެ. އަދި ފޮތް ޕްރިންޓްކުރި ތަން ޑަސްޓީ އަށް ހޯދައި ދިނީ ވެސް އެ ގްރޫޕްގެ ތެރޭގައި އުޅޭ ބައެކެވެ.

ޑަސްޓީ ހަޖިންސް.

ޑަސްޓީ ހަޖިންސް.

މިހާރު ޑަސްޓީ ކުރާ ކަމަކީ ފޮތް އަލުން ޗާޕްކޮށްގެން އެއިން ފައިސާ އެއްކުރުމެވެ. ފޮތަށް ގެނެސްފައި އޮތް ހަމައެކަނި ބަދަލަކީ ކަވަރުގެ ކުލަ ހުދުވުމެވެ. ޒަމާންތަކެއްވެފައި އޮތުމުން އޮރިޖިނަލް ފޮތުގެ ކުލަ އިނީ ރަތްވެފަ އެވެ. އެކަމަކު އަލުން ޗާޕްކޮށްގެން ވިއްކާ އިރު "އަވާ ފެވަރިޓް ރެސިޕީސް" ގެ ކަވަރު އިނީ ހަމަ އަސްލު ފޮތުގެ ކަވަރާ އެއްގޮތަށް ސާފު ހުދު ކުލައިގަ އެވެ.

މީގެ ކޮޕީއެއް ޑަސްޓީ ވިއްކަނީ 20 ޑޮލަރަށެވެ. ބޭނުން ބަޔަކު އޭނަގެ ފޭސްބުކް ޕޭޖަށް މެސެޖްކުރުމުން ފޮތް ލިބޭނެ ގޮތް ހަދައިދޭނެ އެވެ.

ޑަސްޓީގެ އެފްބީ ޕޭޖް.

"މިހާރު ވެސް އެތައް ފޮތެއް ވިއްކައިފިން. މިހާރު އަހަރެން މުޅިން ވެސް މި ކުރަނީ މި ފޮތާ ގުޅުންހުރި ކަންކަން. އޭގެ ތެރޭގައި އިންވޮއިސްތައް ހެދުމާއި ޝިޕިން ލޭބަލް ޕްރިންޓްކުރުމާއި އޯޑަރުކުރާ މީހުންނަށް ފޮތް ޕޯސްޓްކޮށް ދިނުން ފަދަ ކަންކަން." ޑަސްޓީ ބުންޏެވެ.

ފޮތް ވިއްކައިގެން ލިބޭ ފައިދާ ހަދިޔާކުރަން ނިންމާފައި ވަނީ ތަނަވަސްކަން ކުޑަ އާއިލާތަކުގެ ސްކޫލް ދަރިވަރުންނަށް ކާނާ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ "ލަވް އެންޑް ކެއާ މިނިސްޓްރީޒް" އަށެވެ.