12 މެއި 2021
ނާއިލާ އިިބްރާހީމް ކަލޭފާނު ކައްކާ އެއްޗެހީގެ ތަފާތު ރަހައިގެ ވާހަކަ އާއި އޭގެ މީރު ވާހަކައިން ފަށަމާ ހިނގާށެވެ. ނާއިލާގެ ކެއުންތައް ރަހަ ބެލި މީހުން ބުނަނީ އޭގެ ތަފާތު، މީރު ރަހައިގެ ވާހަކަ އެވެ. ނާއިލާ ތައްޔާރުކުރާ ކާ އެއްޗެހިހާ މީރު އެއްޗެއް އަދި ނުކެވޭ ކަމަށް މީހުން ބުނެ އެވެ. ނާއިލާގެ ފުރިހަމަ ކެއުން، އެ ކެއުންތަކުގައި ހިމެނޭ ރަހަތައް، ރާއްޖޭގެ ގިނަ ބަޔަކަށް އެނގޭއިރު ބައެއް މީހުންނަކީ ނާއިލާގެ ކެއުމެއް ތަޖުރިބާކުރުމުގެ ނަސީބު ލިބިފައިނުވާ މީހުންނަށް ވެދާނެ އެވެ. އެކަމަކު އެފަދަ މީހުންނަށް މީގެ 34 އަހަރު ކުރިން ނާއިލާ ދޫކޮށްލެއްވީ، "ޒީނާރު" އެވެ.
ނާއިލާ އިިބްރާހީމް ކަލޭފާނު ކައްކާ އެއްޗެހީގެ ތަފާތު ރަހައިގެ ވާހަކަ އާއި އޭގެ މީރު ވާހަކައިން ފަށަމާ ހިނގާށެވެ. ނާއިލާގެ ކެއުންތައް ރަހަ ބެލި މީހުން ބުނަނީ އޭގެ ތަފާތު، މީރު ރަހައިގެ ވާހަކަ އެވެ. ނާއިލާ ތައްޔާރުކުރާ ކާ އެއްޗެހިހާ މީރު އެއްޗެއް އަދި ނުކެވޭ ކަމަށް މީހުން ބުނެ އެވެ. ނާއިލާގެ ފުރިހަމަ ކެއުން، އެ ކެއުންތަކުގައި ހިމެނޭ ރަހަތައް، ރާއްޖޭގެ ގިނަ ބަޔަކަށް އެނގޭއިރު ބައެއް މީހުންނަކީ ނާއިލާގެ ކެއުމެއް ތަޖުރިބާކުރުމުގެ ނަސީބު ލިބިފައިނުވާ މީހުންނަށް ވެދާނެ އެވެ. އެކަމަކު އެފަދަ މީހުންނަށް މީގެ 34 އަހަރު ކުރިން ނާއިލާ ދޫކޮށްލެއްވީ، "ޒީނާރު" އެވެ.
ކެއްކުމުގެ ދާއިރާ އިން އޭރު ދިވެހި ބަހުން ނެރުނު މަދު ފޮތްތަކުގެ ތެރޭގައި ޒީނާރު ހިމެނެ އެވެ. ތައުލީމީ ދާއިރާގައި އަމީނިއްޔާ ސްކޫލުގެ ހިސްޓްރީ އަދި އިނގިރޭސި ޓީޗަރެއްގެ ވަޒީފާގައި ވަރަށް ބުރަކޮށް އުޅުއްވަމުން ގެންދެވި ނަމަވެސް ކެއްކުމަކީ ވެސް ވަރަށް ޝައުގުވެރިކަމާ އެކު ނާއިލާ ކުރެއްވި ކަމެކެވެ. ނާއިލާ އަށް އެނގިވަޑައިގެންނެވި ރަހަތައް ދިވެހިންނަށް ދޫކޮށްލެވުމުގެ މަގްސަދުގައި އެ ފޮތް ނެރުއްވިއިރު އޭގެ ބޭނުން ހިފައިގެން ކައްކަން ދަސްކުރި އަންހެނުން ވެސް މަދެއް ނޫނެވެ. މި ފޮތް ރައްކާކޮށްގެން ބައެއް ގެތަކުގައި މިއަދާ ހަމައަށް އެބަ ގެންގުޅެ އެވެ. އެހެންކަމުން، މިއީ ނާއިލާ ކޮށްދެއްވި އަގުހުރި ހިދުމަތެއްކަމާ މެދު ޝައްކެއް ނެތެވެ.
"ޒީނާރު"، ހަތް ފަހަރެއްގެ މަތިން ޗާޕްކޮށް ވިއްކި އެވެ. އެންމެ ފަހުން ޗާޕުކޮށް ވިއްކީ މީގެ 19 އަހަރުކުރިން، 2002 ވަނަ އަހަރުގެ ތެރޭގަ އެވެ. މިއިން ކޮންްމެ ފަހަރަކު ވެސް ޗާޕުކުރާ ފޮތްތައް ވިކި ހުސްވެ އެވެ. މިހެންކަމުން ފޮތަށް އޮތް ތަރުހީބު ސާފެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު "ޒީނާރު" ނެރެދެއްވަނީ
އަށް ވަނަ ފަހަރަށް ފޮތް ޗާޕުކުރުމުގެ ވިސްނުން، ނާއިލާގެ ދަރިކަނބަލުން، ލީނާ ޒާހިރު ހުސެއިން އަށް އައީ މިދިޔަ އަހަރުގެ ލޮކްޑައުންގެ ތެރޭގަ އެވެ. ކޮވިޑާ ގުޅިގެން ރާއްޖެ ފުރަބަންދުކޮށް އޮފީހަށް ވަޑައިނުގެންނެވި ދެ މަސް ދުވަހު، ގޭގައި ބަންދުވެފައި އިންނަވަން ޖެހިވަޑައިގަތުމުން ލީނާ ކުރިއަށް ގެންދެވީ ވަރުގަދަ ޕްރޮޖެކްޓެކެވެ. މަންމަގެ ޒީނާރު، އަލުން ޓައިޕްކުރައްވައި އެކުލަވައިލައްވައި ބާޒަރަށް ނެރުއްވުމުގެ މަސައްކަތެވެ.
އެ މަަސައްކަތް ފައްޓަވަން ނިންމެމީ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރެއްވި މީހުންނާއި އަދި މަންމަގެ ދަރިވަރުންނާއި ރައްޓެހިންގެ ފަރާތުން ވެސް ޒީނާރަށް އޮތް ތަރުހީބު ފެނިގެންނެވެ. އެ މީހުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް، ފޮތުގެ ކޮޕީއެއް އޮތްތޯ ސުވާލުކުރެ އެވެ. ފޮތް ޗާޕުނުކުރާތާ ގިނަ އަހަރުތަކެއް ވުމުން، އަނެއްކާ ވެސް އަންހެންވެރިންގެ ބަދިގޭގެ މަސައްކަތަށް ލުޔެއް ހޯއްދަވައިދެއްވަން ލީނާ މި މަސައްކަތް ފެއްޓެވީ އެވެ.
އަދި ޒީނާރުގެ އިތުރު ޗާޕެއް ނެރުއްވުމަށް މަސައްކަތް ކުރާ ހަބަރު ނާއިލާ އަށް ދެއްވުންވީ އޭނާ ވެސް ވަރަށް ގަޔާވި އުފާވި ހަބަރަކަށެވެ. އަވަހަށް އެކަމައިގެން ކުރިއަށް ވަޑައިގަތުމަށް ލީނާއަށް އިރުޝާދު ދެއްވިއިރު މި ފޮތަށް ލީނާގެ 12 ރެސިޕީއެއް ވެސް މިހާރު ވަނީ ހިމަނައިފަ އެވެ. މިއީ އޭނާގެ މަންމަގެ އިޒްނައާ އެކު ގެނައި ބަދަލެކެވެ.
ލީނާއަކީ ވެސް އޭނާގެ މަަންމަ ފަދައިން ކުޅަދާނަ ކެއްކުންތެރިއެކެވެ. އޭނާ ތައްޔާރުކުރާ ބައެއް ކާއެއްޗިއްސަށް ރައްޓެހިންގެ މެދުގައި ތަރުހީބު ބޮޑެވެ. ވަކިން ހާއްސަކޮށް ރައްޓެހިންގެ މެދުގައި ކެއުމެއް ބާއްވާ ނަމަ، ލީނާގެ "ގިތެޔޮ ބޯކިބާ" ނެތި އެ ކެއުމެއް ފުރިހަމައެއް ނުވާނެ އެވެ.
ޒީނާރު ފޮތުގައި ހިމެނި، ލީނާގެ ބައެއް ރެސިޕީތަކުގެ ތެރޭގައި ގިތެޔޮ ބޯކިބަލުގެ އިތުރުން، "މަހްލަބީ"، "ސޫޖީ" "ހަލުވިދާ"، "ކިރު ބޯކިބާ"، "ކެރަމަލް ފޮޅި"، "ކެރަމަލް ޕުޑިން" ހިމެނެ އެވެ.
މި ފޮތް މި އަހަރުގެ ރޯދައިގެ ކުރިން ނެރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ފޮތުގެ މަސައްކަތް ނިންމަން އެކި ހުރަސްތައް ކުރިމަތިވެ ފޮތްނެރުން ލަސްވެގެން ދިޔައީ ކަމަށް ލީނާ ވިދާޅުވި އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާއަށް ވެސް ފޮތް ނެރެން ތާވަލުކުރި އެވެ. އެކަމަކު ފޮތް ނެރެދެއްވުމަށް ތައްޔާރުވެފައިވަނިކޮށް، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ހަފްލާ މަޑުޖައްސާލަން ޖެހުނީ އެވެ.
"ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު އަރިހުން މި ފޮތް ނެރެދެއްވުމަށް އަޅުގަނޑު ދެންނެވީ އެކަމަނާއަކީ އަމީނިއްޔާގައި މަންމަ ކިޔަވައިދެއްވިއިރު ދަރިވަރަކަށް ވުމުން އެފަދަ މަގާމެއްގައި ހުންނެވި މަންމަގެ ދަރިވަރަކު ފޮތް ލޯންޗްކޮށް ދެއްވުން ވާނީ މުޅި އާއިލާ އަށް ވެސް ލިބޭ ފަޚުރެއްކަމުގައި ވާތީ. އަދި މަންމަ އަބަދުވެސް ވަރަށް އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރައްވާނެ. އެހެންވީމަ މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށް އަޅުގަނޑަށް ފެނުނީ މެޑަމް ފަޒްނާ ފޮތް ނެރެދެއްވުން،" ލީނާ ވިދާޅުވި އެވެ.
ގިނަ އަހަރުތަކަކަށް ފަހު ޒީނާރު ނެރުމަށް ތައްޔާރުވެފައިވަނިކޮށް ވަރަށް ކުއްލިގޮތަކަށް އޭޕްރީލް 17 ވަނަ ދުވަހު ނާއިލާ ވަނީ އަވަހާރަވެފަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ. އެހެންވެ، އާއިލާއަށް ދިމާވެފައިވަނީ ހިތާމަވެރި ދުވަސްތަކެއްކަމުން، ރަސްމީކޮށް ފޮތް ނެރުން އިތުރަށް ލަސްކުރީ އެވެ. އެކަމަކު މަންމައަށްވީ ވައުދާ އެއްގޮތަށް، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފޮތް ވިއްކަން ފެށި އެވެ. ދުއިސައްތަ ރުފިޔާ އަށް އެ ފޮތް ލިބެން ހުންނާނީ ލުއިބުއިމާއި ރައުންޑްވަން އިންނެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު "ޒީނާރު" ނެރެދެއްވަނީ
މިފޮތް ނެރެދެއްވަމުން ފަސްޓްލޭޑީ ފަޒްނާ ވަނީ، އެ ފޮތް ނެރެދިނުމުގެ ފުރުސަތު ދެއްވި ކަމަށް ޓަކައި ލީނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. "ޒީނާރު" ފުރަތަމަ ނާއިލާ ނެރުއްވިއިރު އޭގައި ވަނީ ދަރިކަނބަލުން ލީނާ އާއި ލުބްނާގެ އިތުރުން އޭނާ ކިޔަވައިދެއްވި އަންހެން ދަރިވަރުންނަށް ހާއްސަ ކުރައްވައިފަ އެވެ.
"އަޅުގަނޑު އުފާވީ އަޅުގަނޑަކީ ވެސް ނާއިލާ މިސް ކިޔަވައިދެއްވި ދަރިވަރަކަށްވާތީ އެ ފޯވާޑްގައި އަޅުގަނޑު ވެސް ހިމެނުއްވިކަން އިހްސާސް ކުރެވުނީތީ،" ފަޒްނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ، ސިފަ ކުރެއްވި ގޮތުގައި ނާއިލާއަކީ ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުއްވި ޓީޗަރެއް ނޫނެވެ. ކިޔަވައިދިނުމުގެ އިތުރުން ވެސް ނާއިލާ ވަނީ ރާއްޖޭގެ ގަައުމީ މަންހަޖުގެ މިހާރުގެ ތަސައްވުރު، ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން އޭގެ އެންމެ ފުރިހަމަ މާނައިގައި އޭރު ވެސް އަމަލީ ގޮތުން ތަންފީޒު ކުރެއްވި ކަމަށް ފަސްޓްލޭޑީ ވިދާޅުވެ އެވެ.
"މިންތީގެ ހަމަހަމަކަން ކުރިއަރުވަން މަސައްކަތްކުރާ ޒަމާނެއްގައި އަޅުގަނޑުގެ އުއްމީދަކީ ނާއިލާ އެ ފޮތެއް ހާއްސަ ކުރެއްވި މިސްގެ ދެ ދަރިކަނބަލުންނާއި އެހެން ދަރިވަރުންގެ އިތުރުން މިސްގެ ދަރިކަލުންނަށާއި މާމަ ދަރިންނަށާއި ހުރިހާ އަންހެނުންނާއި ފިރިހެނުންނަށް މި ފޮތުން ފައިދާ ލިބުން. ނާއިލާ މިސްގެ ބަހުންނަމަ މީރު ކާނާއަކީ ހިތް ދަމައިގަތުމުގެ އެންމެ ވަރުގަދަ ފަންޑިތަ،" ވީޑިއޯ މެސެޖެއް މެދުވެރިކޮށް ފޮތް ނެރުއްވަމުން ފަސްޓްލޭޑީ ވިދާޅުވި އެވެ.
ކޮންމެއަކަސް މިއަދު ފޮތް ލޯންޗުކުރިއިރު ލީނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަންމަ އަވަހާރަވުމުގެ ދެ ދުވަސްކުރިން ފޮތުގެ ކުލަ ކޮޕީއެއް ދައްކާލަން ލިބުނުކަމެވެ. ފޮތާ މެދު ލީނާ ދެކެވަޑައިގަތް ހުވަފެންތައް ހަގީގަތަކަށް ވެއްޖެ ކަމަށް މަންމަ އަށް ކައިރީގައި ވިދާޅުވެވުމެވެ. އަދި ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފޮތް ވިއްކަން ފަށާނޭ ކަމަށް މަންމަ ގާތު ވިދާޅުވި ކަމަށް ވެސް ލީނާ ވިދާޅުވިއެވެ.
ކުރީގެ ފޮތްތަކެކޭ އެއްގޮތަށް މި ފަހަރުގެ ފޮތުގެ ބޭރުގަނޑުން ވެސް ދައްކުވައިދެނީ ދިވެހިވަންތަ ކަމެވެ. ލިބާހެއް ލައިގެން އިން އަންހެނަކު ފުނޑަން އިންނަ މަންޒަރު ފެނިގެންދާއިރު ލީނާ ވިދާޅުވި ގޮތުގައި އެފަދަ މަންޒަރެއް ދައްކުވައިދޭން ބޭނުންވީ "ޒީނާރު" އަކީ މީގެ 34 އަހަރުކުރިން ލިޔެފައިވާ ފޮތެއްކަމުން، އެ ޒަމާނުގައި ކަރަންޓު މެޝިނަރީ ފަދަ ސާމާނު ކެއްކުމުގެ އެހީތެރިއެއްގޮތުން އާންމުކޮށް ބޭނުން ކޮށް ނޫޅޭނެތީ އެވެ.
"މި ޒަމާނުގައި ނަމަ ކަރަންޓު މިކްސަރަކުން ހުރިހާ ކަމެއްވާނެ. މަންމަ މެންގެ ޒަމާނުގައި އެއްޗެހި ޗިސްކޮށް ހިމުން ކުރުމަށް ބޭނުންކޮށް އުޅޭނީ ދަޔާއި ފޮއެ. އަދި ޒީނާރުގައި "ދައިމަތިއަޅުއްވާ" މި ލަފުޒު މަންމަ ބޭނުންކުރައްވާފައި ހުންނާނެ. އެހެންވެ ފޮތުގެ ކަވަރުން ފެނިގެން ދަނީ އެ މަންޒަރު." ހުނަރުވެރި ކުރެހުންތެރިޔާ ޝިމްހާ ޝަކީބު ކުރައްސަވާފައިވާ ކުރެހުމާ ބެހޭގޮތުން ވަރަށް ހިތްހަމަޖެހޭ ކަމަށް ލީނާ ވިދާޅުވި އެވެ.
ޒީިނާރު ފޮތުގެ ބޭރުގަނޑު: މި ތައްޔާރުކޮށްފައި ވަނީ ޝިމްހާ ޝަކީބް [އާޓްސް ބައި ޝިމްހާ]
މިފަހަރުގެ ފޮތުގައި ޑިޖިޓަލް އާޓްސް އާއި ފަންސޫރު ކުލައިން ރެސިޕީތަކުގެ ކުރެހުންތައް ވެސް ހުންނާނެ އެވެ. އެއީ އެންމެ 13 އަހަރުގެ ކުއްޖެއްގެ މަސައްކަތެވެ. މިހާ ފުރިހަމަކޮށް ފޮތް ތައްޔާރުކުރުމަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށާއި އަދި ފޮތް ލޯންޗްކޮށްދެއްވި ކަމަށްޓަކައި ފަސްޓް ލޭޑީ ފަޒްނާއަށް އާއިލާގެ ނަމުގައި ލީނާ ޝުކުރު އަދާކުރެ އެވެ.
މަންމަގެ ރެސިޕީ ފޮތުން ހައިރާތަށް އެހީ
ތަފާތު އެއްޗެއް ކަންޏާ އައިސް ކްރީމް ބާގަ!
ލެޓިއުސްގެ މުހިންމު ރެސިޕީތަކެއް
"މިހާރު" ރެސިޕީ- މުސަންމާ ރިހަ
"މިހާރު" ރެސިޕީ- ސީފުޑް ޕިއްޒާ
"މިހާރު" ރެސިޕީ- ޗޮކޮލެޓް ގެޓޯ
"މިހާރު" ރެސިޕީ- ސެވުނަރު ކިރު
"މިހާރު" ރެސިޕީ- ކަނޑުކުކުޅު
"މިހާރު" ރެސިޕީ- ކުޅިމަސް ސަމްބަލް ރައިސް
"މިހާރު" ރެސިޕީ- ބޮލޮގްނައިޒް ޕިއްޒާ